ކުރީގެ ރައީސް އަބްދުﷲ ޔާމީން އުފައްދަވާ އާ ސިޔާސީ ޕާޓީގެ ނަން ފައިނަލްކޮށްފިއެވެ.

ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވީ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޔާމީންގެ އާ ޕާޓީގެ ނަން ފައިނަލް ކުރެވިފައިވާ ކަމަށާއި އެ ޕާޓީ އަށް ކިޔަން ފެންނަ ނަމެއްގެ ހިޔާލު ހުށަހެޅި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރާ ކަމަށެވެ.

ނަމަވެސް އެ ޕާޓީ އަށް ކިޔާނެ ނަން މަލީހު ހާމަކުރައްވާފައެއް ނުވެއެވެ.

މަލީހު އިިތުރަށް ވިދާޅުވީ، އެ ޕާޓީގެ ލޯގޯ ޑިޒައިން ކުރުން މިހާރު ކުރިއަށްދާ ކަމަށެވެ. އަދި އަސާސީ ގަވާއިދާއި ހިންގާ ގަވާއިދުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އަމާޒަކީ އެ މަސައްކަތް މިއަދުގެ ހުކުރު ނަމާދުގެ ކުރިން ނިންމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީން ޕީޕީއެމް އިން ވަކިވެވަޑައިގެން އާ ޕާޓީއެއް އުފައްދަވަން ނިންމަވާފައިވާ ކަމަށް އިއުލާންކުރެއްވީ، އެ މަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގެ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލު އަހުމަދު ރޭގެ ވަގުތެއްގައެވެ.

ރައީސް ޔާމީންގެ ޝަރީއަތުގެ މަޖިލީހުގައި ވެސް ޕީޕީއެމް ޕީއެންސީގެ ލީޑަރުން ވަޑައި ނުގަނަންވާ ކަމަށާއި، އެ ބޭފުޅުން ދަނީ ޕޯޑިއަމްތަކުގައި ވެސް ރައީސް ޔާމީންއާ ދެކޮޅަށް ވާހަކަ ދައްކަވަމުން ކަމަށް ޗެނަލް 13 އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޖަމީލް ވިދާޅުވިއެވެ. ރައީސް ޔާމީންގެ ލަފާއާ އެކުގައި މަސައްކަތްތައް ކުރައްވާނެ ކަމަށް ޕީޕީއެމް ޕީއެންސީގެ ލީޑަރުން ވިދާޅުވެފައި ވިޔަސް، ރައީސް ޔާމީން ގުޅުއްވިޔަސް އެއިން ބޭފުޅަކު ފޯނަށް ޖަވާބެއް ނުދެއްވާ ކަމަށް ޖަމީލް ވިދާޅުވިއެވެ.

އަންނަ މަޖިލިސް އިންތިހާބަކީ މުހިއްމު އިންތިހާބެއް ކަމަށާއި އެ އިންތިހާބަށް ސިޔާސީ މަސައްކަތްތައް ކުރިއަށް ގެންދަން ޖެހޭ ކަމަށާއި އެ ގޮތުން މިހާރު ޕީޕީއެމް އޮތީ ހައިޖެކް ކޮށްފައި ކަމަށް އޭނާ ވިދާޅުވިއެވެ. ހައިޖެކް ކޮށްފައި ކަމަށް އޭނާ އެ އިޝާރާތް ކުރައްވަނީ ޕީއެންސީގެ ވެރިން އެކަން ކުރެއްވި ކަމަށެވެ.