ރާއްޖޭގެ މައި އިދިކޮޅު ޕާޓީ އެމްޑީޕީގެ ވަގުތީ ރައީސްގެ ގޮތުގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަނޑައަޅައިފިއެވެ.
އެމްޑީޕީގެ ވަގުތީ ރައީސް ކަމަށް ސޯލިހު އައްޔަނުކުރުމަށާއި، ނިމިދިޔަ ސަރުކާރުގައި އެ ޕާޓީ ތަމްސީލުކުރެއްވި ވަޒީރުން ގައުމީ މަޖިލީހުގެ ދައުރު ހަމަވަންދެން މެންބަރުންގެ ގޮތުގައި ބޭތިއްބުމަށް ގަރާރު ހުށަހެޅުއްވީ އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަންވަރު އިބްރާހީމެވެ. އަދި އެ ގަރާރަށް ތާއީދުކުރެއްވީ އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދެވެ.
ގަރާރަށް ވޯޓަށް އެހުމުން، އެމްޑީޕީގެ ގައުމީ މަޖިލީހަށް ހާޒިރުވި މެންބަރުންގެ ތެރެއިން 47 މެންބަރަކު ވަނީ ސޯލިހު އެމްޑީޕީގެ ވަގުތީ ރައީސްގެ ގޮތުގައި ކަނޑައެޅުމަށާއި، ނިމިދިޔަ ސަރުކާރުގައި އެމްޑީޕީ ތަމްސީލުކުރެއްވި ވަޒީރުން ގައުމީ މަޖިލީހުގައި ބޭތިއްބުމަށް ފާސްކޮށްފައެވެ
އެމްޑީޕީގެ ރައީސްގެ މަގާމު ހުސްވީ އެ ޕާޓީގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު، މަގާމުން އިސްތިއުފާދެއްވައި އެމްޑީޕީން ވަކިވެވަޑައިގަތުމާ ގުޅިގެންނެވެ. އެމްޑީޕީގެ ރައީސްގެ މަގާމުގެ އިތުރުން، ނައިބު ރައީސްގެ މަގާމު ވެސް ވަނީ ހުސްވެފައެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކުރި އެހެނިހެން ކަންކަން:
- ސަރުކާރު ޒިންމާދާރުކުރުވުމަށް ކޮމިޓީ އެއް އެކުލަވާލުން
- މަޖިލީހުގެ އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ފަސް މެންބަރުންގެ ކޮމިޓީ އެއް އެކުލަވާލުން
- ޑިމޮކްރެޓިކް އުސޫލުގެ ތެރެއިން ވެރިކަމުގެ ނިޒާމު ބައްޓަންކުރުމަށް ބާރު އެޅުމަށާއި އަނިޔާވެރިކަން ހުއްޓުވުމަށް ދެމިއޮތުން
- އޭރުގެ އިދިކޮޅުން ތުހުމަތުކުރި ކަންތައްތައް (އެތައް ހާސް އިންޑިއާ ސިފައިން ތިބޭ ކަމާއި އެ ސިފައިން ރާއްޖޭގެ މިނިވަންކަން ނަގާލަން ރާވަމުން ދިޔަ ކަމާއި، ރާއްޖޭގެ ކަނޑުގެ ސަރަހައްދެއް ވިއްކާލުމާއި، ދައުލަތް ޝާމިލްވެ ކޮރަޕްޝަން ހިންގި ކަމަށް ބުނާ މައްސަލަތައް) މަޖިލީހަށް ހުށަހަޅައި ޕަބްލިކް އިންކުއަރީ އެއް ހަދަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގައި އެދުން
މީގެ އިތުރުން ރޭގެ ގައުމީ ޖަލްސާގައި ވާހަކަ ދެއްކެވި ބައެއް މެންބަރުން ވަނީ އާ ސަރުކާރަށާއި ސަރުކާރުގެ ވަޒީރުންނަށް ފާޑުވިދާޅުވެ، ވާހަކަ ދައްކަވައިފައެވެ.