އިންޑިއާގައި މުސްލިމް ފިރިހެނުން 'ލަވް ޖިހާދު' ގެ ސްލޯގަންގެ ދަށުން ހިންދީ އަންހެނުން ހައްލާލައިގެން ގެންގޮސް މުސްލިމް ކުރުވާ އެމީހުންނާ އިނދެ އަދި ނީދެ ޖިންސީ ޣަރީޒާ ފުއްދާކަމަށް ވާހަކަ ދައްކާތާ އެތައް ޒަމާނެއް ވެއްޖެއެވެ.
މިހާރު މީ އޭގެ އަނެއްކޮޅެވެ. ހިންދީ ފިރިހެނުން މުސްލިމް އަންހެނުން ހައްލާލައިގެން އެކި ތަންތަނަށް ގެންދިޔުމާއި ޖިންސީ ޣަރީޒާ ފުއްދާ ވާހަކައެވެ. އެވާހަކަތައް މިހާރު އޮންލައިންގެ އެކި ޕްލެޓްފޯމްތަކުގައި ވައިރަލް ވަމުން އަންނަ އިރު އެމީހުން އެކަން ކުރަނީ 'ބަގްވާ ލަވް ޓްރެޕް' ސްލޯގަނެއްގެ ދަށުން ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
މި ދެ ހަރަކާތަކީވެސް އެކަށީގެންވާ ސާބިތު ހެކި ފެންނަން އޮތް ދެ ހަރަކާތެއް ކަމުގައި ނުވިނަމަވެސް އޮންލައިންގެ އެކި ޕްލެޓްފޯމްތަކުގައި ވާހަކަ ދައްކާވަފައި ވާ އިންޑިއާގެ މުސްލިމް ބައެއް އަންހެނުން ބުނެފައި ވަނީ, އެމީހުންގެ ޒާތީ މައުލޫމާތުތައް އާންމުކޮށް އެމީހުންނަކީ ހިންދީ ފިރިހެނުންނާއެކު ޖިންސީ ޣަރީޒާ ފުއްދާ ބައެއް ކަމަށް ބުނެ އިލްޒާމް އަޅުވައި ބޭޒާރު ކުރަމުން ގެންދާ ކަމަށެވެ.
އަދި އެކިއެކި ޕްލެޓްފޯމްތަކުން ޖިންސީ ޣަރީޒާއަށް ހުށަހަޅާ މެސެޖްތައް ލިބެމުން އަންނަ ކަމަށްވެސް ބުނެފައި ވެއެވެ.
ހިންދީން ގަބޫލު ކުރާ ގޮތުގައި އެ ދީނުގެ އަންހެނުން ހައްލާލައިގެން މުސްލިމް ފިރިހެނުން ވެސް ކުރަނީ އެކަމެވެ. އެހެން ކަމުން ބާގްވާ ލަވް ޓްރެޕް ގެ ނަމުގައި ޓެރްންޑް ވަމުން ދާ އާ ބަދަލު ހިފުމަކީ މުސްލިމް އަންހެނުން ބަދުނާމު ކޮށް އެމީހުން ދިރިއުޅެމުން އަންނަ ސޮސައިޓީން ވެސް ފަހާ ބޭރުކުރުމުގެ ހަރަކާތެކެވެ.
އެމީހުން އާންމު ކުރާ ޒާތީ މައުލޫމާތު ތަކުގެ ތެރޭގައި ހިންދީ ފިރިހެނުންނާ އެކު [އެމީހުންގެ ގާތުގައި] މުސްލިމް އަންހެނުން ތިބޭ ފޮޓޯ އާއި ވަނަވަރު ހިމެނެއެވެ. އަދި އެއީ ދެދީނުގެ ދެމީހުންގެ ދެމެދުގައި އޮންނަ ނުރަގަނޅު ގުޅުމެއް ކަމަށް ބުނެ ވެސް ބަދުނާމު ކޮށްފައި ހުރެއެވެ.
މިކަން ޓްރެންޑްވަމުން ދާތީ އިންޑިއާގެ 2 ނޫހަކުން ތަހުގީގީ ނަޒަރަކުން މި މައްސަލައިގެ ދިރާސާތައް ހަދާފައި ވާ ކަމަށާއި, އެއިން އެއްވެސް ދިރާސާއަކުން އެމީހުން އެ ތުހުމަތު ކުރާ ޒާތުގެ ކަމެއް މުސްލިމް އަންހެނުންގެ ފަރާތުން ފާހަގަ ނުވާ ކަމަށް ބުނެފައި ވެއެވެ.
އެމީހުން ގެންގުޅޭ ސްލޯގަން 'ބާގްވާ" އަކީ ހިންދޫންގެ އެންމެ ހަރުކަށި ވިސްނުމުގެ މީހުން ގައިގައި އޮޅައިގެން ގެންގުޅޭ އޮރެކްޖް ކުލައިގެ ފޮތިގަނޑަށް ކިޔާ ނަމެކެވެ. އަދި އެއީ ހިންދުތުވާ ވިސްނުން [ހަރުކަށި ވިސްނުން] ރަމްޒު ކޮށްދޭ ފޮރިގަނޑެކެވެ.
މި ބަދަލު ހިފުމުގެ ހަރަކާތްތައް އޮންލައިނުން ބޭރުވެ މިހާރު މަގުމައްޗަށް ވެސް ފެތުރިފައި ވާ ކަމަށް ދިރާސާ ކުރި ފަރާތްތަކުން ބުނެއެވެ. އެގޮތުން އެމީހުން ވަނަވަރު އާންމުކޮށްފައި އޮންނަ މުސްލިން އަންހެނަކު ހިނގާފައި ދަނިކޮށް ނުވަތަ މަގުމަތީގައި އުޅެނިކޮށް ފާހަގަ ވެއްޖެނަމަ އެމީހަކު ވަށާޅައި ފޮށުމާއި ދިމާކޮށް ގަޔަށް އަތްލާ ހިސާބަށް ވެސް ދާ ކަމަށް ބުނެއެވެ.
މިފަދަ ބައެއް ކަންކަން ހިނގަމުން ދާ އިރު އެ ކަންކަން ވީޑިއޯ ކޮށް ސޯޝަލްމީޑިއާގައި ހިއްސާކުރަމުން ގެންދިޔުމަކީވެސް އެމީހުން ކުރަމުން ގެންދާ ކަމެކެވެ. ބޭނުމަކީ ބަދުނާމު ކޮށްލުމެވެ.
މި ހަރަކާތުގެ ތެރެއަށް ސިޔާސީ ކުލަވެސް މިހާރުވަނީ ވަދެފައެވެ. އެގޮތުން ހަރުކަށި ސިޔާސީ ބައެއް ލީޑަރުން ހިންދޫންނަށް އެކަމުގައި ހިތްވަރު ދޭކަމަށް ވެސް ރިޕޯޓުތަކުގައި ބުނެފައި ވެއެވެ. އެގޮތުން ވެރިކަން ކުރާ ބީޖޭޕީގެ އިސް މެންބަރެއް ކަމަށް ވާ ޔޯގީ އަދިޔަނާތު [މީނާއަކީ އަބަދު ބާގްވާ އަޅައިގެން ހުންނަ މީހެއް] 2007 ވަނަ އަހަރު ވަނީ ރެލީއެއްގެ ތެރޭގައި ވެސް އެކަމަށް ހިތްވަރު ދީފައެވެ. އޭނާ ބުނީ, މުސްލިމް ފިރިހެނަކު ހިންދޫންގެ އަންހެނަކު ހައްލާލައިގެން ގެންގޮސްފިނަމަ މުސްލިމް އަންހެނުންގެ 100 މީހުން އެމީހުން [ހިންދޫން] ހައްލާލަން ޖެހޭނެ ކަމަށެވެ.
އޭނާ އަކީ މިހާރު އެފަދަ ކަންކަން އެންމެ ގިނައިން ހިނގާ އެއް ސިޓީ ކަމަށް ވާ އުއްރަތް ޕްރަދޭޝް ގެ ޗީފް މިނިސްޓަރެވެ.