ޕާޓީގެ ހުރިހާ ހަރަކާތްތަކަކުން އިއްޔެ އެކަހެރިކުރި ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ޕީޕީއެމުން ވަކިކޮށްފިއެވެ.

މަލީހު ޕީޕީއެމުން ވަކިކޮށްފައި ވަނީ ޕާޓީގެ އަސާސީ ގަވައިދުތަކާ ހިލާފަށް ކޮމިޓީ އެއް އެކުލަވާލި މައްސަލައިގައެވެ.

ޕީޕީއެމްގެ ދެ ނައިބު ރައީސުން ކަމަށްވާ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމާއި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ސޮއިކުރައްވައި ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ:

  • ޕާޓީ ބަދުނާމުކޮށް ބައިބައިވާ ގޮތަށް މަލީހު މަސައްކަތްކުރައްވާކަން ފާހަގަކުރެވިފައިވާ ކަމަށް
  • ސެނެޓުގައި މަޝްވަރާނުކޮށް ކޮމިޓީ އެއް އުފައްދައި ޕާޓީގެ ގަވައިދާ ހިލާފަށް ޕްރެސް ކޮންފަރެންސް ބާއްވާފައިވާ ކަމަށް

އެހެންކަމުން ޕީޕީއެމްގެ ސުލޫކީ ކޮމިޓީން ގޮތެއް ނިންމަންދެން ޕާޓީގެ ހަރަކާތްތަކުން މަލީހު އެކަހެރިކޮށްފައިވާ ކަން ވަނީ އިއްޔެ އަންގައިފައެވެ.

މިރޭ މަލީހު ވަކިކުރިކަން އަންގައި އޭނާ އަށް ޝިޔާމާއި ޣައްސާން ސޮއިކުރައްވައި ފޮނުއްވި ސިޓީގައި ވަނީ، މި މައްސަލައިގައި ޕީޕީއެމްގެ ސުލޫކީ ކޮމިޓީ އަށް ފާހަގަކުރެވުނު ބައެއް ކަންކަން ލިސްޓުކުރައްވައިފައެވެ. އެ ސިޓީގައިވާ ގޮތުން:

  • އިދާރީ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންނާ ގުޅޭ ގޮތުން މަލީހު އިތުރުފުޅު ހައްދަވާފައިވޭ
  • ޕްރެސްގައި ދެއްކެވި ވާހަކަތަކުން ޕާޓީގެ މެންބަރުންގެ މެދުގައި ފިތުނަ އުފެއްދުމަށް ފުރުސަތު ދެވި، ޕާޓީ ބައިބައިކުރުމަށް މަސައްކަތްކުރައްވާފައިވޭ
  • ޕާޓީގެ ހަރަކާތްތަކުން އެކަހެރިކުރުމުން ވެސް ހައިސިއްޔަތެއް ނެތި ޕާޓީގެ ނަމުގައި ތަފާތު ކަންކަން ކުރައްވާފައިވޭ
  • ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ނަންފުޅުގައި އިތުރުފުޅު ހައްދަވައި، ޔާމީންގެ ކަރާމާތަށް އުނިކަން ލިބޭ ފަދަ ގޮތަކަށް ވާހަކަ ދައްކަވާފައިވޭ

މީގެ އިތުރުން، ސުލޫކީ ކޮމިޓީ އަށް ހާޒިރުވުމަށް ދެ ފަހަރެއްގެ މަތިން ދެންނެވުމުން މަލީހު ހާޒިރުވެވަޑައިނުގެންނެވި ކަމަށާއި، އެހެންވެ މަލީހުގެ ބަހެއް މިކަމުގައި ހޯދިފައިނުވާ ކަމަށާއި، އެހެންކަމުން ކޮމިޓީން މަލީހު ވަކިކުރަން ނިންމީ، ކޮމިޓީން ފާހަގަކުރި ކަންކަމަށް ރިއާޔަތްކުރުމަށް ފަހު ކަމަށް، އެ ސިޓީގައި ބުނެފައިވެއެވެ.