ރާއްޖޭގައި ހިންގާ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ ތިލަމާލެ ބްރިޖުގެ މަސައްކަތް ނިންމާލެވޭނީ ސެޕްޓެމްބަރު 30، 2026 ގައި ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުއްތަލިބް ވިދާޅުވީ، ތިލަމާލެ ބްރިޖްގެ މަސައްކަތް ކުރިއަށް ގެންދަން ޖެހޭ މުއްދަތު ލަސްވަމުން އަންނަ ކަމަށް ފާހަގަވެފައިވާ ކަމަށެވެ. އެގޮތުން މި މަހުގެ 15 އާ ހަމައަށް އެ މަސައްކަތް ކުރިއަށް ގެންދަންޖެހޭ ގޮތަށް ގެންދެވުނު ނަމަ 81 ޕަސެންޓްގެ މަސައްކަތް ނިމެންޖެހޭނެ ކަމަށެވެ. ނަމަވެސް އެ މުއްދަތާ ހަމައަށް ނިމިފައި ވަނީ 29 ޕަސެންޓް މަސައްކަތް ކަމަށެވެ.

ނިމިދިޔަ ސަރުކާރުން ވަނީ މި މަހުގެ 16 ވަނަ ދުވަހު އެފްކޯންސް ކުންފުންޏާ އެކު ސަޕްލިމަންޓަރީ ބަޖެޓެއްގެ އެއްބަސްވުމެއްގައި ސޮއިކޮށްފައި ކަމަށާއި އެ އެއްބަސްވުމުން ދައްކާ ގޮތުގައި މުޅި ބްރިޖްގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ބުނާ ތާރީހަކީ ސެޕްޓެމްބަރު 30، 2026 ކަމަށް މުއްތަލިބް ވިދާޅުވިއެވެ.

މއިަދު ބޭއްވި ޏުސްވެރިންގެ ބައްދަލުވުމުގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް / ފޮޓޯ: އަހްމަދު އިޔާދު - ދަ ޕްރެސް

މި އެއްބަސްވުމުގައި ސޮއިކުރި އިރު ކުރީ ސަރުކާރުން އާ ސަރުކާރާ އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާ ކަން މުއްތަލިބް ފާހަގަ ކުރެއްވިއެވެ. ނަމަވެސް ސަރުކާރާ ހަވާލުވެ ބްރިޖުގެ މަސައްކަތް ކުރިއަށް ދާ ގޮތް ބަލައި އެގްރިމަންޓްތައް ބަަލައި ދިރާސާ ކުރުމުން އެންމެ ފަހުން ދީފައިވާ މި ތާރީހަކީ "ރިއަލިސްޓިކް" ތާރީހެއްގެ ގޮތުގައި މުއްތަލިބް ފާހަގަ ކުރެއްވިއެވެ.

ބްރިޖުގެ މަސައްކަތް ކުރިއަށް ދާ ގޮތަށް ބަލާ އިރު، ކޮލިޓީގެ އެއްވެސް މައްސަލައެއް ދިމާނުވާނެ ކަމަށް ވެސް މުއްތަލިބް ވިދާޅުވިއެވެ. ސަބަބަކީ އެ މަސައްކަތް ކުރިއަށް ދާ އިރު، ކޮލިޓީ ކަށަވަރު ކުރުމަށް ހަދާ ޓެސްޓުތަކާ އޭގެ ޑާޓާ ފެންނަން ހުރުމާއި، މައްސަލައެއް ދިމާވެއްޖެ ނަމަ އެ މައްސަލައެއް ހައްލު ނުކޮށް ކުރިއަށް ނުގެންދާ ކަން މުއްތަލިބް ފާހަގަ ކުރެއްވިއެވެ.

ތިލަމާލެ ބްރިޖް މަޝްރޫއުގެ މަސައްކަތުގައި ގުޅީފަޅުގައި އެފްކޯންސްގެ މުވައްޒަފުން ހަރަކާތްތެރިވަނީ / ފޮޓޯ: އާއިޝަތު ޝާޒްލީން - ދަ ޕްރެސް

120 އަހަރުގެ އުމުރުގެ މި ބްރިޖު ނިންމުމަށް ދީފައިވާ ފަހުގެ މުއްދަތުގެ ކުރިން ވެސް މަސައްކަތް ނިންމާލެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަން ހާމަކުރައްވަމުން މުއްތަލިބް ވިދާޅުވީ، އެފްކޯންސްގެ ފަރާތުން ބޭނުންވާ މެޝިނަރީޒްތަކާއި އުޅަނދުތައް މިހާރު ރާއްޖެއަށް ގެނެސްފައިވާ ކަމަށާއި މަސައްކަތް ދަނީ ވަރަށް ބާރުގައި ކުރިއަށް ކަމަށެވެ.

އެފްކޯންސް ކުންފުނިން ރާއްޖޭގައި ހިންގާ ބްރިޖް މަޝްރޫއުގެ ދަށުން 6.695 ކިލޯ މީޓަރުގެ ބްރިޖާއި ކޯޒްވޭއެއް ހަދާ އިރު، މި މަޝްރޫއަުގެ ކޮންޓްރެކްޓަށް ހަވާލުކޮށްފައި ވަނީ 500.20 މިލިއަން ޑޮލަރަށެވެ. މިހާތަނަށް އެ އަދަދުގެ 37.33 ޕަސެންޓަށް ވާ 186.72 މިލިއަން ޑޮލަރު ސަރުކާރުން ވަނީ އެފްކޯންސްއަށް ދައްކާފައި ކަމަށް މުއްތަލިބް ވިދާޅުވިއެވެ. އެހެންކަމުން ދެން ބާކީ ދައްކަން ޖެހޭ އަދަދީ 313.48 ޑޮލަރެވެ.

މި ބްރިޖަކީ ފުން ހިސާބުތަކުގައި 141 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، ތިލަ ހިސާބުތަކުގައި އަދި އެއްގަމުގައި 2.32 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، އަދި 2.96 ކިލޯމީޓަރުގެ އެޓް-ގްރޭޑް މަގުތަކެއް ހިމެނޭހެން ހަތަރު ރަށުގެ މެދުގައިވާ ކަނޑުގެ ސަރަހައްދުގައި ހަދާ 140 މީޓަރުގެ ދިގު ނެވިގޭޝަން ބްރިޖެކެވެ.