ޖުޑީޝަލް ސާވިސް ކޮމިޝަންގެ (ޖޭއެސްސީ)ގެ މެންބަރުކަމަށް ދެ ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަން ކުރައްވައިފިއެވެ.

އެ ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރެއްވި ދެ ބޭފުޅުންނަކީ މިހާރުގެ ބަންޑާރަ ނައިބު އަހުމަދު އުޝާމްގެ އިތުރުން މުހައްމަދު ސަމީރެވެ. ބަންޑާރަ ނައިބުގެ ހައިސިއްޔަތުން އުޝާމް އައްޔަން ކުރެއްވި އިރު ސަމީރު އައްޔަން ކުރައްވާފައި ވަނީ ރައީސް އައްޔަނުކުރައްވާ މެންބަރެއްގެ ހައިސިއްޔަތުންނެވެ.

މި ދެ މަގާމަށް ބޭފުޅުން އައްޔަން ކުރެއްވުމަށް ރައީސް އޮފީހުގައި ހާއްސަ ރަސްމިއްޔާތެއް ކުރިއަށް ގެންގޮސްފައިވާއިރު ދެ ބޭފުޅުންނަށްވެސް ހުވާ ލާ ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު އެވެ.

ރ. އިނގުރައިދޫ ހިތްވަރު، އަލްއުސްތާޛު މުޙައްމަދު ސަމީރު

ބަންޑާރަ ނައިބުގެ މަގާމާ ހަވާލު ވުމުގެ ކުރިން އުޝާމް ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު ކަމުގައެވެ. އަދި އޭގެ ކުރިން އޭނާ ވަނީ ޑެޕިއުޓީ އެޓާނީ ޖެނެރަލްކަމުގެ މަގާމުވެސް ފުރުއްވާފައެވެ. މީގެ އިތުރުން ސަމީރު ވެސް ވަނީ މީގެ ކުރިން ދައުލަތުގެ އެކި މަގާމުތައް ފުރުއްވާފައެވެ.

އެގޮތުން ޖެނެރަލްގެ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ ކަމުގެ މަގާމާއި، ނަޝީދް އެންޑް ކޯ ގެ ސީނިއާ އެސޯސިއޭޓްކަމުގެ މަގާމާއި، ސަމީރު އެންޑް ޝަމާމް އެލްއެލްޕީ ގެ މެނޭޖިންގް ޕާޓްނަރުކަން ހިމެނެއެވެ.

ޖޭއެސްސީން ވަނީ ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބުކުރެވޭ މެންބަރުކަމުގެ މަގާމު ހުސްވުމުން އަންނަ މަހުގެ 7 ވަނަ ދުވަހު އިންތިހާބު ބޭއްވުމަށް ނިންމާފައެވެ. ޖޭއެސްސީގެ މެންބަރުގެ މަގާމު ހުސްވެފައި ވަނީ އެ މަގާމުގައި ހުންނެވި ހއ. އިހަވަންދޫ، އަންބަރީގެ، އަބްދުލްމާނިއު ހުސައިން މި މަހުގެ 14 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

މިހާރު ޖޭއެސްސީގެ ރައީސް އަކަށް ހުންނަވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުން ކަނޑައަޅާ މެންބަރު ހިސާން ހުސެއިން އެވެ. އޭގެ އިތުރުންވެސް އެކި އިދާރާތަކުން އައްޔަން ކުރައްވާފައިވާ 6 ބޭފުޅުން ކޮމިޝަން ހިންގެވުމުގައި އިސްކޮށް ހަރަކާތްތެރިވަމުންދެއެވެ.