އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްއޮނެޑް ޕިނެޑާގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ ހަލީމަތު ލަމްހާ ޝަރުތުތަކާއެކު ތިން މަސް ދުވަސްހަށް ދޫކޮށްލައިފިއެވެ.

އެ މައްސަލާގެ އެންމެ ފަހުގެ އަޑުއެހުމުގައި ބަންދު މުރާޖާ ކުރުމާ ގުޅޭ ގޮތުން ދައުލަތުން ބުނީ ލަމްހާއާއި މާވިން ބަންދުން ދޫކޮށްލަން ޖެހޭ ސަބަބެއް އޮތްކަމަށް ނުފެންނަ ކަމަށެވެ. އެހެންނަމަވެސް ލަމްހާގެ ފަރާތުން އޭނާގެ ވަކީލު އަހުމަދު ޔާމީން ވަނީ ލަމްހާގެ ފައިގައި ޓެގް އެޅުވުމަށްފަހު ދޫކޮށްލުމަށް އެދިވަޑައިގެންފައެވެ. އަދި ވަކީލު ޔާމީން ވަނީ ލަމްހާގެ ސިއްހީ މައްސަލަތަކެއް ވެސް އެބަހުރި ކަން ފާހަގަކުރައްވާ ޖަލުގައި މިހާރު ފަރުވާ ހޯދަމުންދާ ކަމަށްވެސް ވިދާޅުވެފައެވެ.

ބަންދު މުރާޖާކުރުމާ ގުޅޭގޮތުން މިއަދު ގޮތެއް ނިންމުމަށް ތާވަލްކުރި އަޑުއެހުމުގައި ލަމްހާގެ ބަންދު މުރާޖައާއާއި ގުޅޭގޮތުން ދެފަރާތުން ދެއްކެވި ވާހަކަތަކަށް ރިއާޔަތް ކުރައްވާ އެ މައްސަލަ ބައްލަވާ ގާޒީ ވަނީ ޝަރުތުތަކާއެކު ލަމްހާ ބަންދުން ދޫކޮށްލެއްވުމަށް ނިންމަވާފައެވެ.

އެގޮތުން ތިން މަސް ދުވަހަށް ލަމްހާ ދޫކޮށްލަން ނިންމާފައިވާއިރު މާލެއިން ބޭރަށްދާނަމަ ކޯޓަށް އެންގުމާއި ކޯޓުން އަންގާ ވަގުތުތަކުގައި ހާޒިރުވުމަށް ވަނީ އަންގާފައެވެ. އަދި ރޭގަނޑު 10 އިން ހެނދުނު 6 އަށް ބޭރުގައި އުޅުން މަނާކަމަށް އެ ޝަރުތުތަކުގައި ގާޒީ ވަނީ ފާހަގަކުރައްވާފައެވެ.

މޭރީގެ މަރުގެ މައްސަލައިގައި ލަމްހާގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލާފައި ވެއެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރި ވުމުގެ ދައުވާ އާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާގެ އިތުރުން ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާއެވެ. އަދި މޭރީގެ ފިރިމީހާ މާވިން އެސް ވައި ވާގަސްގެ މައްޗަށް ކުރަނީ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

މޭރީ މަރާލި ކަމުގެ ތުހުމަތުގައި މާވިން ހައްޔަރު ކުރީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު 27 ގައެވެ. ލަމްހާ ހައްޔަރު ކުރީ އެ އަހަރުގެ ޑިސެމްބަރު 16 ގައެވެ.