މިސްކިތްތަކާ ބެހޭ ގައުމީ މަޖިލިސް އަލުން އެކުލަވާލަން އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި މިސްކިތްތަކަށް ހާއްސަ އަހައްމިއްޔަތުކަމެއް ދެއްވަން ވައުދުވެފައިވުމާއެކު، މިސްކިތްތަކާބެހޭ ގައުމީ މަޖްލިސް އަލުން އެކުލަވާލަން މިނިސްޓްރީން ވަނީ ނިންމާފަ ނިންމާފައިވާ ކަމަށެވެ.

އެ މަޖިލިސް ވެގެންދާނީ މިސްކިތްތަކާއި އިމާމުންގެ ކަންކަމުގައި އިސްތިޝާރީ ލަފާދޭ މަޖިލީހަކަށް ކަމަށް ޝަހީމު ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވިގޮތުގައި ރާއްޖޭގައި މިވަގުތު ގާތްގަނޑަކަށް 1،000 ހާ މިސްކިތް އެބަހުއްޓެވެ.

މި ސަރުކާރުގެ ފުރަތަމަ 100 ދުވަސްތެރޭގައި ކުރުމަށް ރާވާފައިވާ ކަންކަމުގެ ތެރޭގައި މެދުނުކެނޑި މިސްކިތްތަކުގެ ހާލަތު ދެނެގަނެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މީގެ އިތުރުން މިސްކިތްތަކުގެ އާބާތުރަ ފިލުވާ، ރީތިކޮށް ބެލެހެއްޓުމަށްޓަކައި ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން އެކަމަށް ކުރެވޭ ހަރަދު މިހާރަށް ވުރެ ތިންގުނަ އަށް އިތުރުކުރަން ވެސް ވަނީ ނިންމާފައެވެ.