ކޭ-ޕާކް ރެސިޑެންސްއިން އެޕާޓްމެންޓްއެއް ގަތް މީހަކަށް އެއްބަސްވި މުއްދަތުގެ ތެރޭގައި އެޕާޓްމެންޓް ހަވާލުކޮށްފައިނުވާތީ 3.2 މިލިއަން ރުފިޔާ އެމީހާއަށް ދިނުމަށް ހަންބޯ ކުންފުނީގެ މައްޗަށް ހުކުމްކޮށްފިއެވެ.

އައްޑޫ ސިޓީ ހިތަދޫ، ރަފީފުއްދީން ނަސީމްއާއި ހަންބޯކުންފުންޏާ ދެމެދު ކޭ ޕާކް ރެސިޑެންސްގެ 9 ވަނަ ފަންގިފިލާގެ KP910 އެޕާޓްމެންގަތުމަށް އެއްބަސްވެފައި ވަނީ އޮގަސްޓް 12، 2021 ގައެވެ.

ނަމަވެސް އެއްބަސްވެފައިވާ މުއްދަތު ފާއިތުވެ އެތައް ދުވަހެއް ހިނގާ ދިޔައިރު ވެސް އެ އެޕާޓްމެންޓް ހަވާލުކޮށްފައިނުވާތީ ރަފީފުއްދީން ވަނީ ދެ ފަރާތުންވެފައިވާ އެއްބަސްވުން ޝަރީއަތް މެދުވެރިކޮށް ބާތިލްކޮށްދިނުމަށް އެދި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައެވެ. އެ އެއްބަސްވުން ބާތިލް ކުރުމާއެކު، އެޕާޓްމެންޓް ގަތުމަށް ދައްކާފައިވާ ޖުމްލަ 2،100،000 މިލިއަން ރުފިޔާ އަދި 20،000 ހާސް އެމެރިކާ ޑޮލަރު ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން އަނބުރާ ހޯދުމަށާއި މައްސަލަ ޝަރީއަތަށް ހުށަހެޅުމުން ގާނޫނީ ފީގެ ގޮތުގައި ދައްކަން ޖެހުނު 75،000 ރުފިޔާ ޝަރީއަތް މެދުވެރިކޮށް ހޯދުމަށް ވެސް ރަފީފުއްދީން ވަނީ އެދިފައެވެ.

އެ އެޕާޓްމެންޓް ގަތުމަށް އީ މެއިލް މެދުވެރިކޮށް މުއާމަލާތްކޮށްފައިވާއިރު، އެ އީމެއިލްތަކަކީ އެ ކުންފުނީގެ އީ-މެއިލްތަކެއް ނޫން ކަމަށް ހަންބޯ ކުންފުނިން ބުނެއެވެ. ނަމަވެސް މުއާމަލާތްކޮށްފައިވަނީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އީމެއިލް ޑޮމެއިންގައި ހަދާފައިވާ އީމެއިލްއެއް މެދުވެރިކޮށްކަމަށް ވުމުން އެ އީމެއިލްއަކީ އެ ކުންފުންޏާ މުއާމަލާތް ނުކުރެވޭނެ އީމެއިލްއެއް ކަމަށް ބެލެވޭނެ ހަމައެއް ނެތް ކަމަށް ސިވިލް ކޯޓުން ނިންމާފައިވެއެވެ.

މި މައްސަލައާ ގުޅިގެން ސިވިލް ކޯޓުން ހުކުމްކޮށްފައި ވަނީ 2،911،000 ރުފިޔާ އަދި 20،000 ޑޮލަރު ހަންބޯ ކުންފުނިން ދައްކަންޖެހޭ ކަމަށެވެ. އަދި އެ ފައިސާ އަންނަ މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ރަފީފުއްދީންއަށް ލިބިދިނުމުގެ ގޮތުން، ޑިސެންބަރު 24ގެ ނިޔަލަށް އެ ފައިސާ ސިވިލް ކޯޓަށް ދެއްކުމަށް ހަންބޯ ކުންފުންނީގެ މައްޗަށް ކުރި ހުކުމުގައިވެއެވެ.

ރަފީފުއްދީންއަށް ދިނުމަށް ސިވިލް ކޯޓުން ހުކުމްކޮށްފައިވާ ފައިސާއަކީ ހަންބޯކުންފުންޏަށް އޭނާ ދައްކާފައިވާ 2،000،000 ރުފިޔާ، ކާރު ސްލޮޓެއް ނެގުމަށްޓަކައި ދައްކާފައިވާ 100،000 ރުފިޔާ، އެޕާޓްމެންޓްއަށް ބޭނުންވާ ތަކެތި ގަތުމަށް ދައްކާފައިވާ 20،000 ޑޮލަރުގެ އިތުރުން އެޕާޓްމެންޓް ހަވާލު ނުކުރުމުން އެހެން ތަނެއްގައި ކުއްޔަށް ހިފައިގެން އުޅުމަށް ކުލީގެ ފައިސާގެ ގޮތުގައި 375،000 ރުފިޔާ އަދި އެއްބަސްވުމުގެ 11.4 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ލިބުނު ގެއްލުމުގެ ގޮތުން 436،000 ރުފިޔާއެވެ.

މަތީގައި ބަޔާން ކުރެވުނު ފައިސާ ދޭންޖެހޭނެ ކަމަށް ސިވިލް ކޯޓުން ނިންމި ނަމަވެސް ރަފީފުއްދީން އެދިފައިވާ ގާނޫނީ ވަކީލުގެ ހަރަދު ދެއްކުމަށް ހަންބޯ ކުންފުނީގެ މައްޗަށް ދައްކަން ލާޒިން ނުކުރެވޭނެ ކަމަށް އެ ކޯޓުން ވަނީ ނިންމާފައެވެ.