20 ވަނަ ރައްޔިތުން މަޖިލީހުގެ އިންތިހާބު ރޯދަ މަހުގެ ފަހުން ބާއްވަން މެންބަރުން ލަފާދީފިއެވެ.
ރޯދަމަހުގެ ކުރިން ރައްޔިތުން މަޖިލީހުގެ އިންތިހާބު ބޭއްވޭ ގޮތަށް ގާނޫނު އިސްލާހު ކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) މިއަދު ވަނީ ރައްޔިތުން މަޖިލީހުގެ މިނިވަން މުވައްސަސާތަކުގެ ކޮމިޓީއަށް ހުށަހަޅާފައެވެ.
އީސީއިން ވަނީ ގާނޫނުގައި އެކަން އޮތް ގޮތުން އިންތިހާބުގެ ކަންކަން ކުރިއަށް ގެންދެވޭނެ ތާރީހުތައް އެ ކޮމިޓީގައި ތަފްސީލުކޮށް ބަޔާން ކޮށްފައެވެ. އަދި އިންތިހާބު ބޭއްވެން އޮތީ މާޗު މަހުގެ 30 ވަނަ ދުވަހު ކަމަށާއި އެއީ ރޯދަ މަހުގެ 20 ވަނަ ދުވަސް ކަމުން ގާނޫނަށް ބަދަލު ގެނެސްގެން އެ އިންތިހާބު އަވަސްކުރަން ވަނީ ހުށަހަޅާފައެވެ.
އީސީއިން ވަނީ ގާނޫނުގައި ބުނާ 120 ދުވަސް 140 ދުވަހަށް ބަދަލުކޮށް ދީފި ނަމަ އިންތިހާބަށް އަވަހަށް އިއުލާން ކުރެވިދާނެކަން ފާހަގަ ކޮށްފައެވެ. އަދި ގާނޫނަށް ބަދަލު ނުގެނެސް އިންތިހާބު ރޯދަ މަހުގެ ތެރޭގައި ނޫން ގޮތަކަށް ބޭއްވޭނެ އެއްވެސް ގޮތެއް ނެތް ކަމަށް އީސީއިން ފާހަގަ ކުރެއެވެ. ދެން އޮތް ގޮތަކީ ގާނޫނުގައި ބުނާ އިންތިހާބު ބޭއްވުމާ ދޭތެރޭގައި ދޭން ޖެހޭ 30 ދުވަސް 20 ދުވަހަށް ކުރު ކުރުން ކަމަށް އީސީއިން ވަނީ ފާހަގަ ކޮށްފައެވެ.
އީސީއިން ވަނީ ފަހު ދިހައިގައި ގިނަ އަދަދެއްގެ ބަޔަކު އުމްރާއަށް ދިއުމާއި ރަށްރަށަށް ދިއުމުން ވޯޓުގެ ޓާންއައުޓަށް ބަދަލުތަކެއް އަންނާނެ ކަން ފާހަގަ ކޮށް އެކަމުގެ ކަންބޮޑުވުންވެސް ފާޅުކޮށްފައެވެ.
އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ ވިދާޅުވީ އުމްރާއަށް ދާ މީހުން ފަހު 10 ގައި އަޅުކަން ނިންމުމަށްފަހު އަންނާނެ ކަމަށާއި ކެމްޕެއިންނަށާއި އިންތިޒާމު ކުރަން ވަގުތު ލިބިގެން އޭގެ ފަހުން އިންތިހާބު ބޭއްވޭނެ ކަމަށެވެ. އަދި ގާނޫނަށް ބަދަލުގެންނަން ބަލާއިރު ބަޖެޓަށްފަހު ފެބްރުއަރީއާ ހިސާބަށް މަޖިލިސް ޗުއްޓީއަށް ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ހަ ރޯދާގެ ފަހުން ފުރަތަމަ ބުރު ބާއްވާފައި ދެވަނަ ބުރު 15 ދުވަސް ފަހުން ބޭއްވުން އެއީ މާ ބޮޑު ދަތިކަމަކަށް ނުވާނެ ކަމަށެވެ.
އީސީއިން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުގެ ތެރެއިން ރޯދައިގެ ފަހު 10 އެއް ސަރުކާރު ބަންދު ވުމާއެކު ސަރުކާރުގެ އޮފީސްތަކުން ކުރަން ޖެހޭ ކަންކަން ކުރުމުގައި ދަތިތައް ކުރިމަތިވެދާނެ ކަން ފާހަގަ ކުރައްވާފައެވެ. އެކަމާ ގުޅިގެން އަހުމަދު އަބްދުﷲ ވިދާޅުވީ ސަރުކާރު ބަންދުވިޔަސް ގައުމު ހިނގާނެ ކަމަށާއި ބަންދު ދުވަހެއް ދިމާވިޔަސް ގާނޫނުން ލާޒިމް ކުރާ ކަމެއް ހިންގަން ޖެހޭނެ ކަމަށެވެ.
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ގާނޫނު ބުނާ ގޮތުން މަޖިލީސް ހިނގަމުންދާ ދައުރު ހަމަވުމުގެ 30 ދުވަހުގެ ކުރިން އެންމެންހާ ކަންކަން ނިންމަން ޖެހޭ ކަމަށެވެ. އެހެންކަމުން ރޯދަމަހުގެ ފަހުން އިންތިހާބު ބާއްވައިގެން ރިސްކަކަށް އީސީ އިން ދާން ބޭނުން ނުވާ ކަމަށާއި ރޯދަ މަހުގެ ފަހަށް ގޮސްްގެން ކޯޓުން އަމުރު ކޮށްގެން އިތުރު ބުރެއް ބާއްވަން ޖެހުނަސް ދާން ޖެހޭނީ ރިސްކަކަށް ކަމަށް ހަބީބް ވިދާޅުވިއެވެެ.
ހަބީބު ވިދާޅުވީ ރޯދަ މަހުގެ ތެރޭގައި ޓްރޭނިންތައް ކުރިއަށް ގެންދިއުމުގައި ދަތިތައް ހުރި ކަމަށާއި އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރި ވަނީ 80 ޕަސެންޓް އެޑިއުކޭޝަން ދާއިރާގެ މުވައްޒަފުން ކަމަށެވެ. އަދި މާޗު މަހުގެ 17 އިން 28 އަށް، ގްރޭޑް 10 ގެ ކުދިންގެ މޮކް ޓެސްޓު އޮތުމާއެކު އެ މުވައްޒަފުންނަށްވެސް އުދަނގޫތަކާ ކުރިމަތިވާނެ ކަމަށް ހަބީބް ވިދާޅުވިއެވެ.
ހަބީބް އިތުރަށް ވިދާޅުވީ މި އިންތިހާބުގައި 400 - 500 ވަރަކަށް ކެނޑިޑޭޓުން ކުރިމަތިލާނެ ކަމަށް ބެލެވޭ ކަމަށެވެ.