ރޭ ހުޅުމާޅޭގައި ކާރަކާއި ތިން ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ދެ މީހަކަށް އޭޑީކޭގައި ފަރުވާދެމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

ކާރަކާއި ތިން ސައިކަލު ޖެހިގެން ހިނގި އެ އެކްސިޑެންޓްގައި ހަތަރު މީހަކަށް އަނިޔާވެގެން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ ހަތަރު މީހުންނަށްވެސް ފަރުވާދެމުން ގެންގޮސްފައިވަނީ ހުޅުމާލެ ހޮސްޕިޓަލުގައެވެ. އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ ދެ ފިރިހެނުންނަށާއި ދެ އަންހެނުންނަށެވެ. މީގެ ތެރެއިން އަންހެނަކާ ފިރިހެނެއްގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލާ ހަވާލާ ދީ ފުލުހުން ބުނެއެވެ.

ފަރުވާދިނުމަށްފަހު ދެ މީހުން ހޮސްޕިޓަލުން ދޫކޮށްލާފައިވާއިރު ދެ މީހުން ވަނީ އޭޑީކޭއަށް ބަދަލުކޮށްފައެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އޭޑީކޭ ހޮސްޕިޓަލްގެ އެމްޑީ އަހުމަދު އައްފާލް ވިދާޅުވީ އެ ދެމީހުން ތެރެއިން އެކަކަށް ފަރުވާދެމުން ގެންދަނީ އައިސީޔޫގައި ކަމަށާއި އަނެއް މީހާއަށް ފަރުވާ ދެމުންދަނީ އެޗްޑީޔޫގައި ކަމަށެވެ.

ރޭ ގާތްގަނޑަކަށް 7:42 ހާއިރު އެ އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލޭގައި ހުންނަ ސެންޓްރަލް ޕާކް ކައިރީގައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހްގީގު ކުރަމުންނެވެ.