އިޒްރޭލުގެ އަޅުވެތިކަމުގައި ގާޒާ އޮންނަތާ 17 އަހަރު ވެގެން ގޮސްފައި ވާ އިރު މިހާރު ހިނގަމުން ދާތާ، 45 ދުވަސް ވީ ހަނގުރާމަ އަކީ، ގާޒާގެ 2.3 މިލިއަން މީހުންގެ މުޅި ދިރިއުޅުން ހުއްޓުމަކަށް ގެނުވާފައި ވާ ހަނގުރާމައެކެވެ.

17 އަހަރުން ސުރެ ފެންސް ޖަހާ ބަންދުކޮށްގެން އަނގަމަތި ޖަލެއް ފަދައިން އިޒްރޭލުން ގާޒާގެ ރައްޔިތުން ހައްޔަރު ކޮށްގެން ގެންގުޅޭ އިރު، ބޯފެނާއި، ކާބޯތަކެއްޗާއި، ތެލާއި، ބޭހާއި އެނޫންވެސް އަސާސީ ހުރިހާ ހިދުމަތަކީ އިޒްރޭލުން ދިނިއްޔާ ލިބޭގޮތަށް އިންތިޒާމު ކޮށްފައި އޮންނަ ކަންކަމެކެވެ.

އޮކްޓޯބަރު 7، 2023 ވީ ހޮނިހިރު ދުވަހު ހަމާސް އިން އިޒްރޭލަށް ދިން ކުއްލި ހަމަލާގެ ބަދަލު އިޒްރޭލުން ހިފަމުން ދަނީ، ނުއުފަންނަ، މައިމީހާގެ ބަނޑުގައި އޮންނަ ތުއްތު ދަރިފުޅާއި ދުވަސް ނުފުރާ ވިހާ، އިންކިއުބޭޓަރުތަކުގައި ތިބޭ ތުއްތު ކުދިންގެ ފުރާނައިންނެވެ. މައިންނާއި އަންހެނުން އަދި ފިރިހެން ދަރިންގެ ފުރާނައިންނެވެ. އުމުރުން ދުވަސް ވީ މީހެއް، ނުކުޅެދޭ މީހެއް ނުބަލައި ޕަލަސްތީނުގެ އެންމެންގެ މައްޗަށް އަންނަ 'ކޯފާ އެއް' ފަދައިން މިސައިލްތަކާއި ބޮންތައް އަޅަމުން ޔަހޫދީން އަޅަމުން ދަނި އިންސާނީ ނަސްލެއް ހުސްކޮށް ނައްތާލުމުގެ ރޫހެއްގައެވެ.

ޔަހުދީ އިޒްރޭލުގެ ސަރުކާރުގެ އިސްވެރިންގެ ބަސްމަގު އެ ރޫހުގައި ހުރި އިރު، ބައެއް ވަޒީރުން ބުނެފައި ވަނީ ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ގެދޮރުން ނެރެ ފަހާ ބޭރުކޮށްލަން ޖެހޭ ކަމަށާއި، އެމީހުންގެ އަމިއްލަ ވަޒަނުގައި އެމީހުނަށް ޖާގައެއް ނެތް ކަމަށެވެ.

މިއަދު ކަރަންޓެއްވެސް، ބޯފެނެސްވެސް، ބޭހެއްވެސް ތެލެއްވެސް ނެތެވެ.

މިހާލުގައި ގާޒާގެ ރައްޔިތުންނަށް މިއަދު މަޖުބޫރުވެފައި ވަނީ، ދަރު އުނދުނަށް އަލިފާން ލާށެވެ. ޗަކަ ނުވަތަ މަށިން އުނދުން ހަދާ ކާއެތިކޮޅު ރޯފިލުވަން ޖެހިފައެވެ.

ތިރީގައިވާ ފޮޓޯތަކަކީ، ގާޒާގެ އަންހެން ވެރިން އުނދުން ތައްޔާރު ކޮށް ކާއެތިކޮޅު ރޯފިލުވާ މަންޒަރުތައް އަލްޖަޒީރާގެ ކެމެރާތަކުން ނަގާފައި ވާ ފޮޓޯތަކެވެ.

ގާޒާގެ އަންހެނަކު ޗަކައިން އުނދުން ހަނދަނީ / ފޮޓޯ: އަބްދުލްހަކީމް އަލް ރިއާސް - އަލްޖަޒީރާ
ގާޒާގެ އަންހެނަކު ޗަކައިން އުނދުން ހަނދަނީ / ފޮޓޯ: އަބްދުލްހަކީމް އަލް ރިއާސް - އަލްޖަޒީރާ
ގާޒާގެ އަންހެނަކު ޗަކައިން އުނދުން ހަނދަނީ / ފޮޓޯ: އަބްދުލްހަކީމް އަލް ރިއާސް - އަލްޖަޒީރާ
ގާޒާގެ އަންހެނަކު ޗަކައިން އުނދުން ހަނދަނީ / ފޮޓޯ: އަބްދުލްހަކީމް އަލް ރިއާސް - އަލްޖަޒީރާ
ގާޒާގެ އަންހެނަކު ޗަކައިން އުނދުން ހަނދަނީ / ފޮޓޯ: އަބްދުލްހަކީމް އަލް ރިއާސް - އަލްޖަޒީރާ

މިއިން ކޮންމެ ފޮޓޯއަކީ އަސަރު ގަދަ މެސެޖަކަށް ވާއިރު، ގާޒާގެ ރައްޔިތުންގެ މިއަދުގެ ހާލަތަކީ އެންމެ އިހުގެ ބޯދާ ގޮތަށް އުނދުނަށް އަލިފާން ލައިގެން އަތުގައި ހުރި މަދު ކާއެތިކޮޅު ރޯފިލުވައިގެން ބަނޑުފުރާނަ މުއްތި ކުރަން ޖެހިފައި ވުމެވެ.

މި މަސައްކަތް ބައެއް މީހުން ވިޔަފާރިއެއްގެ ގޮތުގައި ފަށާފައި ވާ އިރު، އުނދުން ވިއްކައިގެން 80 ޝަކެލް (21 އެމެރިކާ ޑޮލަރު) އާއި 150 ޝަކެލް (40 އެމެރިކާ ޑޮލަރު) ވަރު ލިބެއެވެ.

މިއީ ދިރިއުޅުމެއް ނޫން ނަމަވެސް އިޒްރޭލުގެ އުދުވާނާ ހުރެ މިއަދު ގާޒާގެ ރައްޔިތުންނަށް މަޖުބޫރު ކުރުވާފައި ވަނީ މިހާލަތެވެ. އެތައް އަހަރެއްވީ އަޅުވެތިކަމާއި ޔަހުދީންގެ ދުއްތުރާތަކާ ހުރެ އާމްދަނީއެއް ލިބޭނެ މަސައްކަތެއްވެސް ނުކުރެއެވެ. ފަލަސްތީނުގެ އަމިއްލަ ބިމަށް 1930 އިން ފެށިގެން ފާވެ، ވަކި ހިއްޕަމުން ހިއްޕަމުން މިއަދާ ހަމައަށް އައި އިރު، ފަލަސްތީނުގެ މުޅި ބިން ވަނީ ޔަހޫދީންގެ ތަނެއް ކަމުގައި ހަދާފައެވެ. ދުނިޔޭގެ އެންމެ ބޮޑު ޖަމްއިއްޔާ އދ ގެ އެހީތެރިކަމާއެކު އެމެރިކާގެ ނުފޫޒާއު އިނގިރޭސީން ބައިވެރިވެ ޔަހޫދީންނަށް ފަލަސްތީންގެ ބިން ވަނި މިލްކު ކޮށްދީފައެވެ.