މި ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން، ފްލައިޓް އޮޕަރޭޝަންސްގެ ޑިރެކްޓަރުގެ މަގާމުން ވަކިކުރި މައްސަލައިގައި ބަދަލެއްގެ ގޮތުން 2.2 މިލިއަން ރުފިޔާ ދޭން އައިލޭންޑް އޭވިއޭޝަނުން އެއްބަސްވެ، ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ ބާތިލް ކޮށްފިއެވެ.

އައިލޭންޑް އޭވިއޭޝަންއިން އަމީން ވަޒީފާއިން ވަކިކޮށްފައި ވަނީ ފެބްރުއަރީ، 2019 ގައި އޭނާ އާ ދެކޮޅަށް ޕައިލެޓުން އިހްތިޖާޖު ކުރުމުންނެވެ.

ވަޒީފާއިން ވަކިކުރުމާ ގުޅިގެން އަމީންގެ ފަރާތުން އެ މައްސަލަ ޖޫން، 2019ގައި ވަނީ ސިވިލް ކޯޓަށް ހުށަހަޅާފައެވެ. އަދި އެ ކޯޓުން ހުކުމްކޮށްފައި ވަނީ އަމީން ކުރިން އަދާކުރި މަގާމާ އެއް ފެންވަރުގެ މަގާމެއް 15 ދުވަހުގެ ތެރޭ ދިނުމަށާއި ގެއްލުނު މުއްދަތުގެ މުސާރަ އަދި އިނާޔަތްތައް އޭނާއަށް ދިނުމަށެވެ.

އެއާއެކު އައިލޭންޑް އޭވިއޭޝަނުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އެ މައްސަލަ ހައިކޯޓުގައި ކުރިއަށް ދަނިކޮށް، ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށް، 2 ފަރާތުން އެއްބަސްވުމަކަށް އައިސް އެ މައްސަލަ ބާތިލް ކުރުމަށް ވަނީ ހައިކޯޓުގައި އެދިފައެވެ. އެ މައްސަލަ ބާތިލްކޮށްފައި ވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ.

އެގޮތުން ބަލާއިރު އަމީންއަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން 2،202،580.02 ރުފިޔާ ދިނުމަށް އައިލޭންޑް އޭވިއޭޝަނުން އެއްބަސްވެފައިވާ ކަމަށް ހައިކޯޓުގެ ދައުވާ ފޯމް ބާތިލް ކުރި ރިޕޯޓްގައިވެއެވެ.