ކުރީ ސަރުކާރުން މާލޭގެ ބޯހިޔާވަހި ކަމަށް ހައްލު ހޯދައި ދިނުމަށް ކުރިއަށް ގެންދިޔަ ބިންވެރިޔާ ސްކީމުން ގޯތި ލިބުނު މީހުންގެ ގޯތި އަތުނުލާނެ ކަމަށާއި ނަމަވެސް ބިން ދީފައިވާ ސަރަހައްދުތަކަށް ބަދަލުތަކެއް ގެންނާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވެއްޖެއެވެ.
މިއަދު ހައުސިން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހައިދަރު ފުރަތަމަ ވިދާޅުވީ، ނިމިދިޔަ ސަރުކާރުން އިންތިގާލީ މަރުހަލާގައި މަޑުޖައްސާލަން އެދިފައި ވަނިކޮށް ވެސް ފްލެޓް ދޫކުރުމަށް ހިންގި ގެދޮރުވެރިޔާ ސްކީމް އާއި ގޯތި ދޫކުރުމަށް ހިންގި ބިންވެރިޔާ ސްކީމް ނުހުއްޓާ ކުރިއަށް ގެންދިޔަ ކަމަށެވެ. ކުރީ ސަރުކާރުން އެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ މުއިއްޒަށް އިހްތިރާމް ނުކުރާތީ ކަމަށް ހައިދަރު ވިދާޅުވިއެވެ. އެހެންކަމުން އެ މުއްދަތުގައި ހިންގި ކަންކަމަކީ މި ސަރުކާރުން އިހްތިރާމް ނުކުރާނެ ކަންކަން ކަމަށް ހައިދަރު ވިދާޅުވިއެވެ.
ހައިދަރު މިހެން ވިދާޅުވުމުން ނޫސްވެރިން ވަނީ ތަފާތު އެކި ގޮތްގޮތަށް "އިހްތިރާމް ނުކުރާ" ކަމަށް ވިދާޅުވި ޖުމްލައިގެ މާނަ އޮޅުން ފިލުވުމަށް ސުވާލުކޮށްފައެވެ. އެ ގޮތުން މުއިއްޒު އިންތިހާބު ވެވަޑައިގެންނެވި ފަހުން ދީފައިވާ ލިޔުންތައް ކެންސަލް ވަނީތޯ، ގޯއްޗާއި ފްލެޓް ވެސް ލިބުނު މީހުންގެ ހައްގުތައް ނިގުޅައިގަނެވެނީ ނޫންތޯ ނޫސްވެރިން އަހާފައި ވެއެވެ.
މި ސުވާލުތަކަށް ޖަވާބު ދެއްވަމުން ހައިދަރު އިތުރު ތަފްސީލް ހާމަކުރެއްވިއެވެ. އެގޮތުން ގިރާވަރުފަޅުންނާއި ގުޅިފަޅުން ގޯތީ ދީފައި ވަނީ، ބިން ހިއްކާ ނުނިމެނީސްކަން ހައިދަރު ފާހަގަ ކުރެއްވިއެވެ. ގާނޫނުގައިވާ ގޮތުގެ މަތިން ބިމުގެ ރަޖިސްޓްރީ ދެވޭނީ ބިމުން ގޯތި ކަނޑާތަން ދެއްކުމަށް ފަހުގައި ކަމަށް ބުނެފައި މާއްދާ ފާހަގަ ކުރައްވަމުން ހައިދަރު ވިދާޅުވީ، ކުރީ ސަރުކާރުން ރަޖިސްޓްރީ ދީފައި ވަނީ އަވަސް އަރުވާލައިގެން ގާނޫނަށް ބަދަލެއް ގެނެސްގެން ކަމަށެވެ. އެހެންކަމުން ގާނޫނީ ގޮތުން އެ ރަޖިސްޓްރީތަކުގެ ސައްހަކަން ކަށަވަރުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ހަމައެއާއެކު މުއިއްޒު ސަރުކާރުން ގޯތި ދޫކުރުމަށް ހަދާފައިވާ ޕްލޭންތަކަށް އަލިއަޅުއްވާލައްވަމުން ހައިދަރު ވިދާޅުވީ، ކުރީ ސަރުކާރުން ގޯތި ދީފައިވާ ޕްލޭންގައި ގޯތިތައް ހުރީ މާ ގާތްގާތުގައި ކަަމަށާއި ޖާގައިގެ ދަތިކަން ފެންނަ ކަމަށެވެ. އެހެންކަމުން ސްކޫލާއި، ހޮސްޕިޓާލްއާއި، ޕާކާއި ފިނި މައިޒާންތަކާއި މަގުތަކާއި އެހެނިހެން ތަންތަނަށް ވެސް ޖާގަ ހަމަޖައްސައި މިހާރު ދީފައިވާ ސަރަހައްދު ނޫން ތަންތަނުން ގޯތި ދޫކުރާނެ ކަމަށެވެ. ނަމަވެސް ގޯތި ލިބިފައިި ވަނީ ގުޅިފަޅުން ކަމަށް ވަންޏާ ގޯތި ހުރި ތަން ބަދަލުވިޔަސް ގުޅިފަޅުން ބޭރު ނުވާނެ ކަމަށް ހައިދަރު ވިދާޅުވިއެވެެ. އެގޮތުން އެމީހަކަށް ގޯތި ލިބުނު ސަރަހައްދުން ދޭނެ ކަމަށާއި ލޮކޭޝަން ބަދަލުވެދާނެ ކަމަށް ހައިދަރު ވިދާޅުވިއެވެ.
މީގެ އިތުރުން ފްލެޓަށް ކުރިމަތިލާފައިވާ މީހުންގެ ދާއިމީ ލިސްޓު ނެރުމާ އެކު އާންމުން އެތައް ޝަކުވާތަކެއް ކޮށްފައިވާ ވަނިކޮށް ޝަކުވާއަށް ހުށަހަޅާފައި އަނެއްކާ ދާއިމީ ލިސްޓު ނެރެ، އަވަސްއަރުވާލާފައި ފްލެޓް ދޫކުރުން ކުރިއަށް ގެންގޮސްފައިވާ މައްސަލައަށް ހައިދަރު އަލިއަޅުއްވާލެއްވިއެވެ. ފްލެޓް ދިނުމުގައި އެއްބަސްވުމުގައި ސޮއި ކުރުމުގެ ކަންކަން ކުރިއަށް ގެންގޮސްފައި ވަނީ އިންތިގާލީ މަރުހަލާގައި ކަމުގައި ވާނަމަ، އެ ލިޔުން ކެންސަލް ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ފްލެޓް ދޫކުރުމުގައި ގޯސްތަކެއް ހަދާފައިވާ ކަމަށް ބެލެވޭ ކަމަށާއި އެހެން ކަމުން ފްލެޓް ލިސްޓް ރިވިއު ކުރަން ނިންމާ ކަމަށް އޭނާ ވިދާޅުވިއެވެ.
ފްލެޓް ލިސްޓު ރިވިއުކުރަން ނިންމާ އިރު، ގޯތީގެ ކަންކަމުގައި ނުހިއްކާ އޮތް ބިމަކުން ރަޖިސްޓްރީ ދިން މައްސަލައިގައި ގާނޫނީ ލަފާ ހޯދަން ޖެހޭ ކަމަށް ހައިދަރު ވިދާޅުވިއެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ޑރ. މުހައްމަދު މުއިއްޒު ވަނީ މި ސަރުކާރުން ދީފައިވާ ފްލެޓެއް އަދި ގޯއްޗެއް ވެސް އަތުނުލައްވާނެ ކަމަށް ވިދާޅުވެފައެވެ. ބިން ނުހިއްކާ ހުރި ތަންތަނުން ގޯތި ދީފައިވާ ކަން ފާހަގަ ކުރައްވަމުން އޭރުވެސް މުއިއްޒު ވިދާޅުވެފައި ވަނީ ވެރިކަން ލިބިވަޑައިގަތުމުން އެ ތަންތަން ހިއްކައި ފެނުން މައްޗަށް ނަންގަވާނެ ކަމަށާއި އަދި އެތަންތަނުން ގޯއްޗާއި ފްލެޓް ދެއްވާނީ އެމަނިކުފާނު ކަމަށެވެ.
މަރުމޯލެއް.
ޔާމީނު ސަރުކާރުގައިވެސް އިންތިގާލި މަރުހަލއިގާ 17 ނޮމެބަރ 12 ޖަހަންދެން ހޮލިމުއީޒު ފުލެޓު ލިޔުންދޫކުރި ހައިދަރެއްކަމކު ގުދޯގުދޯނުގޮވާ