މިހާރު ޗައިނާއަށް ވަޑައިގެން އުޅުއްވާ އަރަބި ގައުމުތަކުގެ ހާރިޖީ ވަޒީރުންނާ ބައްދަލުކުރައްވައި, ގާޒާގެ މައްސަލަ ހައްލު ކުރުމަށް ދުނިޔެ ގުޅިގެން އަވަސް މަސްއްކަތްތަކެއް ކުރަން ޖެހޭ ކަމަށް ޗައިނާއިން ބުނެފިއެވެ.
އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ޗައިނާގެ ހާރިޖީ ވަޒީރު ވޭންގް ޔީ ވިދާޅުވީ, ދުނިޔެ އަދި އަރަބި ގައުމުތަކާ ގުޅިގެން ޗައިނާއިން އިސްދައުރެއް އަދާ ކުރަން ތައްޔާރު ކަމަށެވެ.
އެ ބައްދަލުވުމުގައި, ސައުދީ އަރަބިއްޔާ, އުރުދުން, މިސްރު, ފަލަސްތީން އޮތޯރިޓީ, އިންޑޮނީޘިއާ ފަދަ ގައުމުގެ ހާރިޖީވަޒީރުން ބައިވެރިވެވަޑައިގަތެވެ. މީގެ އިތުރުން އޯއައިސީގެ އިސްވެރިޔާވެސް ވަނީ ވަޑައިގެންފައެވެ.
ވޭންގް ވިދާޅުވީ, ހަމަނުޖެހުން އިތުރަށް ފުޅާވިޔަ ނުދިނުމަށް ގުޅިގެން މަސައްކަތްތަކެއް ކުރަން މިއީ އެންމެ މުހިންމު ވަގުތު ކަމަށާއި ޗައިނާއިން އިސްކަން ދެނީ ހަމައާއި އިންސާފު ގާއިމު ކުރުމަށް ކަމަށެވެ.
މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އަރަބި ހާރިޖީ ވަޒީރުން ވިދާޅުވީ, މެސެޖް ވަރަށް ސާފު ކަމަށާއި ހަނގުރާމަ މިހާރުން މިހާރަށް ހުއްޓެން ޖެހޭ ކަމަށެވެ. އަދި ސުލްހަ ގާއިމުވެ ގާޒާއަށް ބޭނުންވާ އިންސާނީ އެހީ މިހާރުން މިހާރަށް ލިބެން ޖެހޭ ކަމަށެވެ.
އަރަބި ގައުމުތަކާއި ޗައިނާ އަދި ރަޝިއާއިންވެސް ވަކާލާތު ކުރަނީ ހަމަލާތައް މިހާރުން މިހާރަށް ހުއްޓާލައި އިންސާނީ އެހީ ގާޒާއަށް ލިބުމަށް ކަމަށް ވިޔަސް އިޒްރޭލަށް މަދަދުދޭ އެމެރިކާ އާއި ޖަރުމަނު ފަދަ ގައުމުތަކުގެ ވިސްނުން ތަފާތެވެ. އެގައުމުތަކުން ދަނީ އިޒްރޭލަށް ވާގިވެރިވެ ހަމަލާތައް ކުރިއަށް ގެންދަން ހިތްވަރު ދެމުން ހަރިޔާރާއި މާލީ އެހީވެސް ދެމުންނެވެ.
ވޭންގް އިތުރަށް ވިދާޅުވީ, ހަމާށް ކުރި ކަމަކަށް މުޅި ފަލަސްތީނު ހުރިހާ ރައްޔިތުންނަށް އަދަބު ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އިންސާނީ އެހީގެ ދޮރުތައް މިހާރުން މިހާރަށް ހުޅުވާލަން ޖެހޭ ކަމަށެވެ.
ގާޒާގެ މައްސަލަ ހައްލުކުރަން ދުނިޔޭގެ އެއްފަޅިން މަސައްކަތް ކުރަމުން ދާއިރު, އިޒްރޭލުން މިއަދު ވަނީ ބޮން އަޅާ, އަދި އެއްގަމު މަގުން އަރައިގަނެ އިންޑޮނީޝިއަން ހޮސްޕިޓަލް ހިފާފައެވެ. އެތަނަށް ދިން ހަމަލާތަކުގައި 12 މީހަކު ޝަހީދު ކޮށްލާފައި ވާ އިރު, އެ ހޮސްޕިޓަލްގެ ތެރޭގައި ބަލިމީހުންނާއި ހަމާލާތަކުން ދިފާއުވާން ވަދެ ތިބި މީހުންނާއި ހަމަލާތަކުގައި ޒަހަމްވެފައި ތިބި މީހުން ހިމެނޭހެން މިވަގުތުވެސް 700 މީހުން އެބަތިބި ކަމަށް ގާޒާގެ ސިއްހީ އިދާރާތަކުން ބުނެއެވެ.
އަނެއްކޮޅުން ގާޒާގައި ހުންނަ އެންމެ ބޮޑު ހޮސްޕިޓަލް, އަލް ޝިފާ އިޒްރޭލުން މިހާރުވަނީ ހިފާފައެވެ. އެތާ ތިބި އެންމެން ބޭރުކޮށް, ދުވަސް ނުފުރާ ވިހާފައި ތިބި ތުއްތު ކުދިންގެ ތެރެއިން 30 ކުއްޖަކު ވަނީ މިސްރަށް ފޮނުވާލާފައެވެ. ދެން ތިބި ކުދިން އޮކްސިޖަން ނުލިބި މިދުނިޔެއާ ވަނީ ވަކިވެފައެވެ.
މީގެ އިތުރުން ގާޒާގެ މެދުތެރެއާއި ބޯޑަރު ސަރަހައްދުގައި ހަމަލާ ބަދަލުކުރަމުން އެބަދެއެވެ. ބަޑީގެ އަޑުފައްގަނޑު ކަނޑައިގެން ނުދާއިރު, މިއަދު ވަނީ ގާޒާއިން އިޒްރޭލަށް އަމާޒު ކޮށް ރޮކެޓް ހަމަލާތަކެއްވެސް ދީފައެވެ.
އޮކްޓޯބަރު 7, 2023 ގެ ހަމަލާއަށް ފަހު ދޭތެރެ ދޭތެރެއިން ގާޒާގެ ތެރެއިން އިޒްރޭލަށް ރޮކެޓް ފޮނުވައެވެ. ނަމަވެސް އިޒްރޭލުގެ ވަރުގަދަ ދިފާއީ ނިޒާމު ފޫއަޅުވާލައި އެ ރޮކެޓުތަކަށް އިޒްރޭލުގެ ތެރެއަށް ވަދެވޭ ގޮތެއް ނުވެއެވެ.
މި ހަމަނުޖެހުންތައ މިހެން ކުރިއަށް ދާއިރު, އިޒްރޭލާ އިންވެގެން އޮންނަ ލުބުނާނުގެ ބޯޑަރުގައި ތިބޭ ހިޒްބުއްލޯގެ ހަނގުރާމަވެރިން ވަނީ އިޒްރޭލަށް ވަރުގަދަ ހަމަލާތަކެއް މިއަދު ދީފައެވެ. އެ ހަމަލާތަކުގައި ބޯޑަރާ ކައިރީގައި އިޒްރޭލުން ގާއިމު ކޮށްފައި އޮންނަ އަސްކަރީ ބޭހެއް ވަނީ ގޮއްވާލާފައެވެ. އެ ހަމަލާގެ މަންޒަރުތައް އިޒްރޭލުން އާންމު ކޮށްފައި ވާ އިރު, މިއީ ލުބުނާނަށް ހަމަލާ ދިނުމަށްޓަކައި މީޑިއާގެ ކުރިމަތީގައި ސަބަބެއް ދެއްކުމަށް ކުރި ކަމެއް ކަމަށް މުރާސިލުން ބުނެއެވެ. މީގެ ކުރިން އިޒްރޭލަކީ އެފަދަ ހަމަލާތަކުގެ ވީޑިއޯ އާންމު ކުރާ ބައެއް ނޫނެވެ.
އެހެން ބައެއް ހަބަރުތައް ބުނާގޮތުން ޔަމަނުގެ ހޫތީން ވަނީ އިޒްރޭލުގެ ބިލިއަނަރަކަށް ނިސްބަތްވާ ބޮޑު ކާގޯ ބޯޓެއް އަތުލާފައެވެ. އެ ބޯޓަކީ, ޖަޕާނުން އޮޕަރޭޓް ކުރާ ބޯޓަކަށް ވާއިރު އޭގައި ތިބީ ގިނައިން ޖަޕާން ފަޅުވެރިން ކަމަށް ބުނެއެވެ. މި އާއެކު އެ ބޯޓު ދޫކޮށްލުމަށް ގޮވާލައި ޖަޕާނުން ވަނީ މަސައްކަތްތަކެއް ފަށާފައެވެ.
މިސްރުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި, އިޒްރޭލުގެ މިވަގުތުގެ އަމާޒަކީ ގާޒާގައި ތިބި ފަލަސްތީނުގެ ރައްޔިތުން ވަޒަނުން ބޭރުކޮށް މިސްރަށް ފޮނުވާލުމެވެ. އެގޮތުން ގާޒާގެ އުތުރު ތަޅާ ސުންނާފަތި ކޮށް މިހާރު ދެކުނުން ހާން ޔޫނިސްއަށް ވެސް ހަމަލާ ދޭން ފަށާފައި ވާ ކަމަށާއި ހާން ޔޫނިސްގައި ތިބި މީހުން ގެދޮރު ދޫކޮށް ނިކުތުމަށް އަންގާ ލީފްލެޓް އަޅާފައި ވާ ކަމަށް ވެސް ވިދާޅުވެއެވެ.
އިޒްރޭލުން މިހިންގަނީ ނަސްލު ނައްތާލުމުގެ ނުބައި ޖަރީމާއެއް ކަމަށް ވާއިރު, މިވަގުތުގެ އަމާޒަކީ, ހޮސްޕިޓަލްތަކާއި, ސްކޫލުތަކާއި ކުޑަކުދިންނެވެ.
ޖުމްލަ 13,000 މީހަކު ޝަހީދު ކޮށްލާފައި ވާއިރު 5000 އަކީ ކުޑަކުދިންނެވެ. ޒަހަމްވި މީހުންގެ އަދަދު 30,000 އަށް ވަނީ އަރާފައެވެ. ކާބޯތަކެއްޗާއި ބޯފެނަށް ޖައްސާ, އެންމެން ތިބީ ހައިހޫނު ކަމުގައެވެ. މިހާރު އެހީގެ ގާފިލާތައް ވެސް ވަނަކަ ނުދެއެވެ.