އަމާޒަކީ ޓޫރިޒަމުން ލިބޭ އާމްދަނީ 4.5 ބިލިއަން ޑޮލަރުން 6 ބިލިއަން ޑޮލަރަށް އިތުރުކުރުން ކަމަށް ވިޒިޓާ އިކޮނޮމީ ކައުންސިލުގައި ހިމެނިވަޑައިގަންނަވާ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިފަދައިން ވިދާޅުވީ ވިޒިޓާ އިކޮނޮމީ ކައުންސިލުގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ސައީދު ވިދާޅުވީ ވިޒިޓާ އިކޮނޮމީ ކައުންސިލަކީ ރާއްޖެ ކަހަލަ ގައުމަކަށް ވަރަށް މުހިއްމު ދައުރެއް އަދާކުރާނެ ކައުންސިލެއް ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ އިގްތިސޯދު ޑައިވާސިފައިކުރުމަށްޓަކައި އިގްތިސޯދު ހަމައެކަނި އެއްކަމަކަށް ބަރޯސާ ނުކުރު ކަމަށެވެ. އަިދ ޓޫރިޒަމްއަކީ ރާއްޖޭގެ އެންމެ މައިގަނޑު އިގްތިސޯދީ ހަރަކާތްކަމުގައި ވިޔަސް ޓޫރިޒަމްގެ ތެރެއިން ޓޫރިޒަމް ޑައިވާސިފައި ކުރުމުގެ ސިޔާސަތުތަކެއްވެސް މުއިއްޒު ގެންގުޅުއްވާ ކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ އެކަމާ ގުޅޭ ގޮތުން އިތުރު ތަފްސީލުތައް ފަހުގެ ވަގުތެއްގައި ޓޫރިޒަމް މިނިސްޓަރު ދެއްވާނެ ކަމަށެވެ.

ސައީދު ވިދާޅުވީ މިއީ ވަރަށް ޑައިވާސް އޭރިއާތަކުގެ މިނިސްޓްރީތަކުން އިކޮނޮމީއަށް ކޮންޓްރިބިއުޓް ކުރެއްވުމަށްޓަކައި ރައީސްގެ އިރުޝާދާއި ލަފާފުޅުގެ މަތިން ވަޒީރުން ފެންވަރުގެ ކޮމިޓީއެއް ކަމަށެވެ. ވިޒިޓާ އިކޮނޮމީ ކައުންސިލަކީ ދުރު ރާސްތާ މެދު ރާސްތާ އަދި ކުރު ރާސްތާއަށްވެސް ޓާގެޓް ކުރެވިގެން ވަކި އަމާޒުތަކެއް ދެވިގެން ކުރާ މަސައްކަތްތަކެއް ކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ސްޕޯޓްސް ޓޫރިޒަމް ތައާރަފްކުރުަން ރައީސްގެ މުއިއްޒުގެ ވަރަށް ބޮޑު ތަސައްވަރެއް ކަމަށެވެ. ހަމައެއާއެކު ހެރިޓޭޖް ސައިޓްތައް ދައްކައިގެންނާއި ސްކައި ޑައިވިން ކަހަލަ ކަންކަމަކީ ދިރާސާކޮށްގެން ކުރެވިދާނެ ކަންކަން ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.