އަންނަ މަހު އޮލިމްޕަހުގައި އަޅުވާ ޑާކްރެއިން އެންޓަޓެއިންމަންޓުގެ ފިލްމު "ނޮވެމްބަރ" ގެ ޓިކެޓް އޮލިމްޕަހުން ވިއްކަން ފަށައިފިއެވެ.

ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ރޭގަނޑު 22:00 އަށް އޮލިމްޕަސްގެ ޓިކެޓް ކައުންޓަރުން ޓިކެޓް ވިއްކާނެ ކަމަށެވެ. ޕްރިމިއާ ނައިޓްގެ ޓިކެޓްގެ އަގު 200 ރުފިޔާ އަށް އުޅޭއިރު އެހެން ރޭ ތަކުގެ ޝޯގެ އަގު އުޅެނީ 150 އަށް ކަމަށްވެސް މޮގާ ވަނީ ބުނެފައެވެ. މި ފިލްމުގެ ޓިކެޓް އޮންލައިންކޮށްވެސް ގަނެވޭނެއެވެ.

އަންނަ މަހުގެ ހަތަރު ވަނަ ދުވަހު އޮލިމްޕަހަށް ގެންނަން ހަމަޖެހިފައިވާ މި ފިލްމަކީ މީގެ ތިން ވަރަކަށް އަހަރުކުރިން ސިނަމާއަށް ގެންނަން ތާވަލްކޮށްފައިވާ ފިލްމެކެވެ. ނަމަވެސް އޭރު ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ފިލްމު އެޅުވޭ ގޮތް ނުވުމުން މި ފިލްމު އެޅުވުން ފަސްކުރީއެވެ. މަރިޔަމް މަޖުދާ އަދި ޖުމައްޔިލް ނިމާލް ލީޑު ރޯލުން ފެނިގެންދާ އެ ފިލްމު ޝޫޓިންތައް ނެގީ ސިންގަޕޫރު އަދި އައްޑޫގައެވެ. ފިލްމުގެ ސްކްރިޕްޓް ތައްޔާރުކޮށްފައި ވަނީ އައިޝަތު ފުއާދު ތައުފީގު އަދި އަހްމަދު ތޮލާލު އެވެ. އަލީ ޝިފާއު (ޗިއްޕެ) އަދި އައިޝަތު ފުއާދު ޑައިރެކްޓްކުރާ "ނޮވެމްބަރ"ގެ ޕްރޮޑިއުސަރުންނަކީ މުހައްމަދު އަލީ (މޮގާ) އަދި އައިޝަތު ފުއާދެވެ. ފިލްމުގެ ސިނަމޮޓޮގްރަފީ ތައްޔާރުކުރާނީ އަހްމަދު ޝިނާން އަދި އަލީ ޝިފާއު އެވެ. "ނޮވެމްބަރ" އަކީ ލޯބީގެ ރަހަތައް އެކުލެވިގެންވާ ފިލްމެކެވެ. މި ފިލްމަކީ ޖުމައްޔިލް އާއި މަޖުދާ ކަޕްލް އެއްގެ ގޮތުގައި ފެނިގެންދާނެ ފަހު ފިލްމުވެސްމެއެވެ.

މި ފިލްމުގެ ހާއްސަ ކަންތަކުގެ ތެރޭގައި ކުރީގެ މަޝްހޫރު ފިލްމީ ތަރި އިސްމާއިލް ވަޖީހް މި ފިލްމުގެ ހާއްސަ ފެނިލުމަކުން ފެންނާނެއެވެ. ސިންގަޕޫރުގައި މިހާރު ދިރިއުޅެމުން އަންނަ އިސްމާއިލް ވަޖީހު ގިނަ ދުވަސްތަކަކަށްފަހު މި ފިލްމުގެ ޒަރިއްޔާ އިން ބެލުންތެރިންނަށް ފެނިގެންދާނެވެ. މިއަހަރު ޑާކްރެއިނުން ވަނީ އެމީހުންގެ އެހެން ފިލްމެއްވެސް އޮލިމްޕަހަށް ގެނެސްފައެވެ. އެއީ "ބީވީމާ" އެވެ. މި ފިލްމުގެ މައިގަނޑު ތަރިންނަކީ އާމިނަތު ރަޝްފާ، މަރިޔަމް އަޝްފާ، އާދަމް ޒިދާން (ނާނަ) އަދި އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) އެވެ.