ބޮލީވުޑްގެ ކުޅަދާނަ ބަތަލާ ޝިލްޕާ ޝެޓީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފިއެވެ.

އާއިލާއާއެކު ރާއްޖެއައި ޝިލްޕާ ޗުއްޓީ ހޭދަކުރީ ރާއްޖޭގެ ހިތްގައިމު ރިސޯޓެއް ކަމަށްވާ ކުޑަވިލިގިލި ރިސޯޓްގައެވެ. ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އައި ގޮތުގެ ވީޑިއޯ އާއި ފޮޓޯ އިންސްޓަގްރާމަށް ޕޯސްޓްކޮށް އިންސްޓާ ސްޓޯރީއަށް ވެސް ޝިލްޕާ ވަނީ ލާފައެވެ. ބަތަލާ ބުނީ ކުޑަވިލިގިލި އަކީ އާއިލާއާއެކު ޗުއްޓީ ހޭދަކޮށްލަން އަންނަން ވަރަށް ރަނގަޅު ރިސޯޓެއް ކަމަށާއި އެ މާހައުލު އޭނާއަށް ވަރަށް ކަމުދާކަމަށެވެ. އަދި ދުނިޔޭގެ ސުވަރުގެއަކީ ރާއްޖެ ކަމަށްވެސް ބަތަލާ ވަނީ ބުނެފައެވެ.

ޝިލްޕާ ވަނީ މިދިޔަ ހަފްތާގައި އޭނާ ޖަޖެއްގެ ގޮތުގައި ބައިވެރިވަމުން އައި ސޮނީ ޓީވީގެ އިންޑިއާސް ގޮޓް ޓެލެންޓް (އައިޖީޓީ) މަސައްކަތް ނިންމާލާފައެވެ. ކުޅަދާނަ އެކްޓަރު ޝާހްރުކް ހާން އާއި ކާޖޮލް އެކުގައި ފެނުނު ފިލްމު "ބާޒީގަރް" އިން ބޮލީވުޑަށް ތައާރަފްވި ޝިލްޕާ ވަނީ ބެލުންތެރިންނަށް ކަމުދާ ގިނަ ފިލްމުތަކެއް ކުޅެދީފައެވެ. ބަތަލާ އެންމެފަހުން ފެނިގެންދިޔައީ "ސުއްކީ" އިންނެވެ. މި ފިލްމު މިހާރު ނެޓްފްލިކްސް އިން ބަލާލެވޭނެއެވެ.

2021 ވަނަ އަހަރު ބަތަލާގެ ފިރިމީހާ ރާޖް ކުންދުރާގެ މައްޗަށް ބަރަހަނާ ފިލްމު ހެދިކަމުގެ ތުހުމަތުމަތުކުރެވުނެވެ. އަދި އެ ތުހުމަތުތަކާ ގުޅިގެން ރާޖް ވަނީ ގިނަ ދުވަސްތަކެއް ވަންދެއް ޖަލުގައި ދުވަސްތައް ހޭދަކޮށްފައެވެ. އެ ދުވަސްތައް ބަތަލާ ސިފަކޮށްފައިވަނީ އޭނާގެ ހަޔާތަށް އައި ކޮޅިގަނޑެއްގެ ސިފައިގައެވެ. އެކަންތައްގަނޑާއެކު ރާޖް އާއި ޝިލްޕާ ވަރިވާން އުޅޭކަމުގެ އަޑުފެތުރުނު ނަމަވެސް ރާޖް ވަނީ އެކަން ދޮގުކޮށްފައެވެ.