މި ސަރުކާރަކީ އުޖާލާ މުސްތަގުބަލެއް އޮތް ސަރުކާރެއްކަމަށް ޔަގީން ކުރައްވައި ކަމުގައި ސައުތު އޭޝިއަން އެސޯސިއޭޝަންސް ފޮ ރީޖަނަލް ކޯޕޮރޭޝަން (ސާކް)ގެ ސެކްރެޓަރީ ޖެނެރަލް ގޯލަމް ސަރުވާރު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައި ސާކްގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ ރައީސް މުއިއްޒު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން އެމަނިކުފާނަށް މަރުހަބާ ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ދިވެހި ގައުމާ މުހާތަބު ކުރައްވައި ދެއްވި ފުރަތަމަ ތަގުރީރަކީ، ހަރުދަނާ، އުއްމީދީ، އަދި ފުރިހަމަ ތަގުރީރެއްގެ ގޮތުގައި ގޯލަމް ސަރުވާރު ވަނީ ސިފަކުރައްވާފައެވެ.

މީގެ އިތުރުން ރައީސް މުއިއްޒު އާއި ސާކްގެ ސެކްރެޓަރީ ޖެނެރަލް ވަނީ ސަރަޙައްދީ ގައުމުތަކުގެ ކުރިއެރުމަށް ސާކްގެ ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމުގެ މުހިންމުކަމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ސާކް ގައުމުތަކުން ގުޅިގެން މަޝްވަރާ ކުރުމުގެ މުހިންމުކަމުގެ މައްޗަށް ދެބޭފުޅުން އަލިއަޅުއްވާލެއްވިއެވެ.

މި ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ އެ މަނިކުފާނު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވައި ކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގެ ދައުވަތު ގަބޫލުފުޅު ކުރައްވައި ރާއްޖެ ވަޑައިގެންނެވީތީ ސެކްރެޓަރީ ޖެނެރަލަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ރައީސް ވަނީ ސާކްގެ މެންބަރު ގައުމުތަކުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ރާއްޖެއިން އަބަދުވެސް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ސާކްގެ ސެކްރެޓަރީ ޖެނެރަލްއަށް ދެއްވާފައެވެ.