ސައުތު އޭޝިއަން އެސޯސިއޭޝަން ފޮ ރީޖަނަލް ކޯޕަރޭޝަން (ސާކް) ގެ ސެކްރެޓަރީ ޖެނެރަލް، އިސާލަ ރުވާން ވިރަކޫން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި ބައްދަލު ކުރެއްވުމުގައި ރައީސް ވަނީ ސާކުގެ ސެކްރެޓަރީ ޖެނެރަލްކަމުގެ މަގާމަށް ހޮވިވަޑައިގަތް ވިރަކޫނަށް މަރުހަބާ ދަންނަވާފައެވެ. އަދި ކޮވިޑް-19 ގެ ދުވަސްވަރު، ސާކުން ކުރި މަސައްކަތްތަކާއި، އެ ޖަމިއްޔާގައި ހިމެނޭ ގައުމުތަކުގެ ދެމެދުގައި އޮންނަ ދޭދޭ ގުޅުންތައް އިތުރަށް ބަދަހި ކުރުމަށް ކުރާ މަސައްކަތްތައް ފާހަގަ ކުރައްވާ، ރައީސް ވަނީ ސާކުން ކުރި މަސައްކަތްތަކަށް ތައުރީފް ކުރައްވާފައެވެ.

މީގެ އިތުރުން، ޓެރަރިޒަމާއި ދެކޮޅަށް ކުރާ ހަނގުރާމައާއި، އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާ އާއި ދެކޮޅަށް، ސާކާއި ގުޅިގެން މަސައްކަތް ކުރުމަށްޓަކައި އެއްބާރުލުން ދެއްވަން ތައްޔާރަށް ހުންނެވި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށާއި، މޫސުމަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށްޓަކައި ސާކުގެ ގައުމުތައް ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ރައީސް ފާހަގަ ކުރެއްވިއެވެ.

މި ބައްދަލުވުމުގައި ސާކުގެ އެސްޖީ ވަނީ ރައީސަށް ޝުކުރު ދަންނަވާފައެވެ. އަދި ސާފް ޗެމްޕިއަންޝިޕްގައި އިއްޔެ ލަންކާއާއި އެއްކޮށް ކުޅެ، އެ މެޗު ރާއްޖޭން ކާމިޔާބު ކޮށްފައިވާތީ، އެސްޖީ ވަނީ ރައީސަށް މަރުހަބާ ވިދާޅުވެ، ޓީމުގެ ކުޅުމަށް ތައުރީފް ކުރައްވާ ވާހަކަ ދައްކަވާފައެވެ. މީގެ އިތުރުން ސަރުކާރުން ހިންގާ ވެކްސިން ޕްރޮގްރާމަކީ އެހެން ގައުމުތަކަށް ހުރި މިސާލެއް ކަމަށް ވިދާޅުވެ، އެ ވެކްސިން ޕްރޮގްރާމް ހިނގަމުންދާ ގޮތަށް ތައުރީފް ކުރެއްވިއެވެ.

މި ބައްދަލުވުން ނިންމަވާލައްވަމުން، ދެ ބޭފުޅުން ވަނީ ސާކާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށާއި ގުޅިގެން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.