ޑިޖިޓަލައިޒޭޝަނާއި އަންހެނުން ބާރުވެރިކުރުވުމަކީ މި ސަރުކާރުން ހާއްސަ އިސްކަމެއް ދޭނެ މަސައްކަތްތަކެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ރައިޓް އޮނަރަބްލް ޕެޓްރީޝިއާ ސްކޮޓްލޭންޑް ކޭ.ސީ.، ރައީސް ޑރ. މުއިއްޒުގެ އަރިހަށް ކުރެއްވި ޒިޔާރަތުގައި މި ދެ ބޭފުޅުން ވަނީ ގިނަ ދާއިރާތަކާ ގުޅޭ މަޝްވަރާތައް ކުރައްވާފައެވެ. މި ގޮތުން ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކާއި، ކްލައިމެޓް ފައިނޭންސިން އާއި، ކޮޕް-28 ސަމިޓާ ގުޅޭ މަޝްވަރާތައް ހިމެނެއެވެ.

މީގެ އިތުރުން މި ބައްދަލުވުމުގައި ކޮމަންވެލްތުން ކުރިއަށް ގެންދާ މަސައްކަތްތަކާއި، ޑިޖިޓަލް ތައުލީމާއި، އަންހެނުން ބާރުވެރިކުރުވުމާ ގުޅޭ ގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިލާން ޖެހިފައިވާ ގޮންޖެހުންތަކާ ދެކޮޅަށް އަޑުއުފުލައި ވަކާލާތުކޮށްދިނުމުގައި ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއިން ދެމިތިބުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މި ސަރުކާރުގެ ސިޔާސަތުތަކާ ސަރުކާރުން އިސްކަންދޭނެ ކަންތައްތަކާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ޑިޖިޓަލައިޒޭޝަނާއި އަންހެނުން ބާރުވެރިކުރުވުމަކީ މި ސަރުކާރުން އިސްކަންދޭ މަސައްކަތްތައް ކަމަށެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެއިން ތައްޔާރީ ފިޔަވަޅުތައް އަޅަމުން ދިއުމުގެ މުހިންމުކަން އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ވަނީ ރައީސުލްޖުމްހޫރިއްޔާ ވެރިކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން މަރުހަބާ ވިދާޅުވެ، ކޮމަންވެލްތުން ރާއްޖެއަށް ވެދެވެން އޮތް ހުރިހާ އެހީތެރިކަމަކާއި، އެއްބާރުލުމެއް ދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.