މިހާރު ކޮންމެ މީހަކަށްވެސް ވީޑިއޯ ހެދިދާނެ ކަމަށް ބުޅަލަށް ހަމަދީގެން ހައްޔަރުކުރި މީހާ ކޯޓުގައި ބުނެފިއެވެ.

މިދިޔަ ހޯމަ ދުވަހު ހިނގި އެ ހާދިސާއާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ މ. ކޮޅުފުށި އުމުރުން 45 އަހަރުގެ އަހުމަދު ނަސީމެވެ.

އެ ދުވަހު އަމީރު އަހުމަދު މަގާއި ކަސްތޫރި މަގު ގުޅުނު ކަންމަތީގައި އޮތް މާބަނޑު ބުޅަލަކަށް އަހުމަދު ނަސީމް ވަޅިން ހަމަލާދޭ ވީޑިއޯއެއް ވަނީ އާންމުވެފައެވެ.

އެ ވީޑިއޯއިން ފެންނަ ގޮތުގައި އެ ބުޅާ އޮތީ އެ ކަންމަތީގައި އޮށޯވެލައިގެންނެވެ. އަހުމަދު ނަސީމް އެ ބުޅަލުގެ ކައިރިއަށް ގޮސް މަޑުކޮއްލުމަށްފަހު ޖީބުން ކުޑަ ވަޅިއެއް ނެގުމަށްފަހު ބުޅަލަށް ހަމަލާދޭ މަންޒަރު ވީޑިއޯއިން ފެނެއެވެ. ވަޅިން ހަމަލާ ދިނުމާއެކު ބުޅާ ތެޅިގަނެފައި ދުވެފައިދާ މަންޒަރުވެސް އެ ވީޑިއޯއިން ފެނެއެވެ.

އެ މައްސަލާގައި އަހުމަދު ނަސީމް މީގެ ކުރިން ހައްޔަރުކުރުމަށްފަހު ދޫކޮށްލުމަށްފަހު އަލުން ވަނީ ހައްޔަރުކޮށްފައެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހުގެ ކަސްޓޯޑިއަލް ޖަލެއްގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައިވަނީ އަހުމަދު ނަސީމްގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް ކުރިކަމަށް ތުހުމަތުވާ މިންވަރަށް ހެކި ގަރީނާ ހުށަހަޅާފައިވާ ކަމަށާއި ޖިނާއީ އިޖުރާތުގެ ގާނޫނުގެ ދަށުން ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ފެންނަ ކަމަށެވެ.

އެ އަމުރުގައި ބުނެފައިވަނީ އަހުމަދު ނަސީމް ހައްޔަރުކޮށްފައިވަނީ އިޖުރާއަތުތަކާ އެއްގޮތަށް ކަމަށާއި ތުުހުމަތާ ގުޅިގެން އަހުމަދު ނަސީމް ސީދާ ވާހަކަ ނުދެއްކި ނަމަވެސް ވީޑިއޯއަކީ މިހާރު ކޮންމެ މީހަކަށްވެސް ހެދިދާނެ އެއްޗެއް ކަމަށް ބުނެފައިވާ ކަމަށެވެ. އަދި އަހުމަދު ނަސީމަކީ ބަންދު ލޮގް އޮތް ފަރާތެއްކަމަށް ކްރިމިނަލް ކޯޓުން ފާހަގަކުރެއެވެ.