ކެރިއަރުގެ ފުރަތަމަ ފަހަރަށް ފިލްމީ މަސައްކަތުން ބްރޭކެއް ނަގާފައިވާ އަލީ ސީޒަން މިވަގުތު ތައްޔާރުވަމުން އަންނަނީ އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރުމަށެވެ. ޕީޕީއެމް / ޕީއެންސީގެ ޕްރައިމަރީގައި ކާމިޔާބު ހޯދައިގެން ތުލުސްދޫ ގޮނޑިއަށް ވާދަކުރުމުގެ އުންމީދުގައި ހުރި ސީޒަން ވަނީ އޭނާގެ ބިޒީ ޝެޑިއުލުން ކުޑަ ވަގުތުކޮޅެއް "ދަ ޕްރެސް" އަށް ހުސްކޮށްދީފައެވެ.

ރެޕިޑް ފަޔާ ކަހަލަ ގޮތަކަށް ކުރިއަށް ގެންދިޔަ މި އިންޓަވިއުގައި ސީޒަން ވަނީ އާދަޔާ ހިލާފު މަޖާ ބައެއް ސުވާލުތަކަށް ފުރިހަމަ ޖަވާބެއްދީފައެވެ. ފޭނަކު ކުރި އެންމެ އާދަޔާ ހިލާފު ކަމަކީ ކޮބައިތޯ ސުވާލުކުރުމުން ސީޒަން ބުނީ ރަސްމީ މަސައްކަތެއްގައި ރާއްޖޭގެ ރަށަކަށް ދިޔައިރު އެތަނުން އޭނާއަށް މަރުދޭ ފޭނަކު ފެނުނު ކަމަށެވެ. އެ ދުވަހު އެކި ރަށްރަށަށް ދާން ރާވާފައިވާއިރު ފޭން މީހާ ހުރި ރަށުން ފޭބޭ ގޮތް ނުވީ "ފޭން" މީހާ ނުލާ އެހެން ރަށަކަށް ދާން އުޅުމުން ކަމަށެވެ. ފަސްފަހަތުން ސީޒަންމެންގެ ލޯންޗަށް އަރައިގެން ޖެހިގެން އޮތް ރަށަށް ވެސް އޭނާ ދިޔައީއެވެ. ނަމަވެސް އެރަށަށް ފައިބުމަށްފަހު އޭނާ އާ ރީތިކޮށް ވާހަކަ ދައްކާ ހެދުމުން އެނބުރި ރަށަށް ދިޔައީ ކަމަށެވެ. އެ ހާދިސާ އަކީ މިހާތަނަށް ފޭނަކު ކުރި އެންމެ އާދަޔާ ހިލާފު ކަންތައް ކަމަށް އެކްޓަރު ވަނީ ބުނެފައެވެ. އެންމެ ބިރުގަންނަނީ ހެއްދެވި ފަރާތް ދެކެ ކަމަށާއި ދެން އެންމެ ބިރުގަންނަނީ އަމިއްލަ ނަފްސުދެކެ ކަމަށް ސީޒަން ވަނީ ބުނެފައެވެ. އަމިއްލަ ނަފްސުދެކެ އެހާ ބިރުގަންނަނީ ކީއްވެތޯ ސުވާލުކުރުމުން އެކްޓަރު ބުނީ އެމީހަކު އަމިއްލަ އަށް ކުރެވޭ ކަމަަކުން ނުވަތަ ބުނެވޭ ބަހަކުން އަނެކާ އަށް އަސަރުކުރުވާ ކަމަށާއި ބޮޑު ކަމެއް ނިންމާގޮތަކުން ވެސް އަނެކާ އަށް އަސަރުތަކެއް ކުރުވާނެ ކަމަށެވެ.

ސީޒަން / ފޮޓޯ: ސީޒަން އިންސްޓަގްރާމް

ސުޕަޕަވާ އެއް ބޭނުންނަމަ ބޭނުންވަނީ މިހާރު ދިވެހިރާއްޖެ އޮތް ހާލަތުން އެއަށްވުރެ ރަނގަޅު ހާލަތަކަށް ގެންދެވޭނެ ފަދަ ބާރެއް ކަމަށާއި މުޅި ގައުމު ބަދަލުކުރެވޭނެ ގޮތަށް ކަންކަން ކޮށް ހަމަހަމަކަމާއި އިންސާފުކޮށް ކަންތައް ކުރުމުގެ ބާރުކަމަށެވެ. އެއީ މުއްސަނދިންނާއި ނިކަމެތިންގެ ފަރަގު ހަމަހަމަކުރުމަށް ކަމަށެވެ.

"އެކަހަލަ ބާރެއް ލިބިއްޖެނަމަ އެއީ އަހަރެން ކުރާނެ އެއްކަންތައް. ކުރުގޮތަކަށް ބުނާނަމަ ހަމަހަމަކުރުން ދޯ. މިއީ ސުޕަޕަވާ އެއް ލިބިއްޖެ ނަމަ ކުރާނެ ކަންތައް،"
ސީޒަން

ފިކްޝަނަލް ކެރެކްޓާތަކުގެ ތެރެއިން އެންމެ ބައްދަލުކޮށްލަން ބޭނުންވަނީ ސުޕަމޭން އާ ކަމަށާއި އެންމެ ކަމުދާ ސެލެބްރިޓީ ކްރަޝް އަކީ ލަވަކިޔުންތެރިޔާ ކޭޓީ ޕޭރީ ކަމަށް ސީޒަން ވަނީ ބުނެފައެވެ. ސީޒަން ބުނީ ބޮލީވުޑުން އެންމެ ކަމުދާ ބަތަލާއިންނަކީ ކާޖޮލް، ސުޝްމިތާ އަދި ކެޓްރީނާ ކެއިފް ކަމަށެވެ. ފިލްމީދާއިރާ ނޫން ދާއިރާއެއްގައި މަސައްކަތްކުރާނަމަ މަސައްކަތްކުރާނީ މިލިޓަރީ ދާއިރާ ގައި ކަމަށާއި މިވަގުތު ކުރާނީ ކޮންކަމެއްތޯ އަހައިފިނަމަ މަސައްކަތްކުރާނީ ސިޔާސީ ދާއިރާގައި ކަމަށެވެ.

ދަ މަމީގެ 1 ވަނަ ބައި

ސީޒަން ބުނީ އަބަދުވެސް ބަލާ ފޫހިނުވާނެ އިނގިރޭސި ފިލްމަކީ ދަ މަމީގެ ފުރަތަމަ ބައިކަމަށާއި ހިންދީ ފިލްމުތަކުން ފިލްމެއް ނަގަންޖެހިއްޖެ ނަމަ ނަގާނީ ދަަބަންގް ގެ ފުރަތަމަ ފިލްމުކަމަށެވެ. އޯލްޓައިމް ފޭވަރިޓް ލަވައަކީ ކޮން ލަވައެއްތޯ "ދަ ޕްރެސް" އިން ސުވާލުކުރުމުން ސީޒަން ބުނީ ހިންދީ ލަވަ "ކިޔާ ޔެހީ ޕިޔާރު ހޭ" ކަމަށެވެ. މިވަގުތަށް ބަލާއިރު މިވަގުތު އެންމެ ފޭވަރިޓް ރެސްޓޯރަންޓަކީ ދަ ސޮލެއިލް ރޫފްޓޮޕް ކަމަށްވެސް ސީޒަން ވަނީ ބުނެފައެވެ.

އެހެން މީހަކާއެކު ޕްރޮފެޝަން ބަދަލުކުރެވެންޏާ ބަދަލު ކުރާނީ ކާކާތޯ ސުވާލުކުރުމުން ފިލްމީތަރި ބުނީ އެއިރަކު ހުންނަ ރައީސް އާ ކަމަށެވެ. އެއީ ގަބޫލުކުރަނީ އެކަން އޭނާ އަށްވާނެ ކަމަށްކަމަށެވެ.

"އައި ބިލީވް އައި ކޭން ޑޫ ބެޓާ"

އަމިއްލަ ނަފްސު ބަހަކުން މާނަ ކުރާނަމަ ކުރާނީ ވެސް އަމިއްލަ ނަން އަލީ ސީޒަން ގެ ނަމުން ކަމަށް އެކްޓަރު ބުންޏެވެ. އެއީ ކީއްވެތޯ ސުވާލުކުރުމުން އޭނާ ބުނީ ސީޒަން ކިޔާ އިތުރު މީހަކު ނުހުންނާނެ ކަމަށާއި ސީޒަން އޭ ބުނެފިނަމަ އެއީ ކޮން ސީޒަން އެއްކަން އެންމެންނަށްވެސް އިނގޭނެ ކަމަށެވެ.

އެކްޓަރު ސީޒަން ގިނައިން ފެންނަނީ ކޮންމެވެސް އަވި އައިނެއް އަޅައިގެން އުޅޭތަނެވެ. ހަފްލާއަކަށް ނުވަތަ ފިލްމެއްގެ ޕްރިމިއާ އަކަށް ދިޔަނަމަވެސް ނުވަތަ އިންޓަވިއުއަކަށް ދިޔަނަމަވެސް އެކްޓަރު ފެންނާނީ އަބަދުވެސް އަވި އައިނެއް އަޅައިގެން އުޅޭތަނެވެ. އައިނާ ގުޅޭގޮތުން ސުވާލެއް ކޮށްނުލާ އިންޓަވިއު ނިންމާލާފިނަމަ އެ އިންޓަވިއު އެންމެ ފުރިހަމައެއްނުވާނެތާއެވެ. އެންމެ ކަމުދާ އައިނު ބްރޭންޑަކީ ކޮބައިތޯ ސުވާލުކުރުމުން އެކްޓަރު ބުނީ ރޭބަން ބްރޭންޑުގެ އައިނުތައް ކަމަށެވެ. އެންމެ ކަމުދަނީ ޓޮޕްމޭން ބްރޭންޑުގެ އަންނައުނު ކަމަށާއި އެންމެ ދާން ބޭނުންވަނީ އިޓަލީ، މޮރޮކޯ އަދި އޮސްޓްރިއާ އަށް ކަމަށް ވެސް ސީޒަން ވަނީ ބުނެފައެވެ.

ސީޒަން ރައީސް ޑރ. މުއިއްޒު އާއެކު

މިވަގުތު ފިލްމީދާއިރާގެ މަސައްކަތުން ބްރޭކެއްގައި ހުރި ސީޒަންގެ ބްރޭކް ދެމިގެންދާނީ ކިހާ ދުވަހަކަށްތޯ ސުވާލުކުރުމުން އެކްޓަރު ބުނީ ކަންތައް ވެދާނެ ގޮތަކުން ބްރޭކްގެ ދިގުމިނާއި ކުރުމިން އިނގޭނެ ކަމަށެވެ. ވާނެގޮތް ބުނަން އަދި އެއްގޮތަކަށްވެސް ނޭނގޭ ކަމަށާއި ނަމަވެސް ފިލްމީދާއިރާ ނުވަތަ ފިލްމީ މަސައްކަތުން ދުރުވީ ނޫން ކަމަށްވެސް ސީޒަން ވަނީ ބުނެފައެވެ. ބްރޭކެއް ނެގުމުން ފިލްމީ ދާއިރާ އިން ދެން ނުފެންނާނެތޯ އެތައް މީހުންނެއް ސުވާލުކުރި ކަމަށާއި އެމީހުންނަށް ބުނެލަން ބޭނުންވަނީ ފިލްމީދާއިރާއިން ދުރަށް ނުދާ ކަމަށެވެ.

"ފަހަރެއްގައިވެސް ބްރޭކެއްގެ މާނައެއް ނޫން އެ ހުއްޓާލީއޭ. ބްރޭކު ނެގުމުގެ އެންމެ ބޮޑު ބޭނުމަކީ މިހާރު ކުރަމުން އައި މަސައްކަތަށްވުރެ ރަނގަޅު މަސައްކަތެއް ކުރިއަށް އޮތް ތަނުގައި ކުރުން. މަޝްހޫރު ފިލްމީ ތަރިއަކަށް މިވަނީ ހަމަގައިމުވެސް އެތައް ސަޕޯޓަރުންނެއް އެމީހެއްގެ ފަހަތުގައި ހުރީމަ. ސީޒަން، ސީޒަން އަކަށް ހަދައިދިނީ ވަރަށް ބައިވަރު މީހުންގެ މަސައްކަތުން،"
ސީޒަން

ކުރިއަށް އޮތް ތަނުގައި ވެސް ދިވެހި ރައްޔިތުންނަށް އެކި ސިފަސިފައިގައި ހިދުމަތަކެއް ކުރާނެ ކަމަށާއި އެގޮތުގައި ކުރިއަށް ދިޔުން މަތީ ދެމިހުންނާނެ ކަމަށް ވެސް ކުޅަދާނަ އެކްޓަރު އަލީ ސީޒަން ވަނީ ބުނެފައެވެ.

"އަބަދުވެސް ހުންނާނީ ރައްޔިތުންނާ އެންމެ ގާތުގައި،" ސީޒަން ބުނެލިއެވެ.