ޓްރާންސްފޯމަރެއްގައި ރޯވެ ހިޔާއާއި ވިނަރެސްގެ ބައެއް ފްލެޓްތަކުން ކަރަންޓް ކެންޑިއްޖެއެވެ.

ސްޓެލްކޯއިން ބުނީ އެޗްޑީސީން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތަކަށް ކަރަންޓު ދިނުމަށް ބަހައްޓާފައިވާ ޓްރާންސްފޯމަރު ތަކުގެ ތެރެއިން ޓްރާންސްފޯމަރެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެ ސަރަހައްދުގެ ބަޔަކުން ކަރަންޓްގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.

"ދަ ޕްރެސް" އާ ވާހަކަދައްކަވަމުން އާބަންކޯގެ މާކެޓިން އަދި ޕަބްލިކް ރިލޭޝަން ޑިރެކްޓަރު ނިއުޝާދު ޝަރީފް ވިދާޅުވީ ހިޔާ ފްލެޓް 3 ގެ ކައިރީ ހުރި ޖަނަރޭޓަރު ސެޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެމްޑީއެފްއާއި ސްޓެލްކޯއާ ހަރަކާތްތެރިވަމުންދާ ކަމަށާއި ހާދިސާ ހިނގަމުން މެދުވެރިވި ސަބަބު މިހާތަނަށް ސާފުވެފައި ނުވާ ކަމަށެވެ.

ނިއުޝާދު ވިދާޅުވީ މިވަގުތު ކަރަންޓް ނެތީ ހިޔާ ފްލެޓުގެ އެޗް ތިނަކާއި ވިނަރެސްގެ ތިނެއް އަދި ނުވަ ވަނަ ޓަވަރުގައި ކަމަށާއި އެހެން ހުރިހާ ފްލެޓްތަކަށް ކަރަންޓް މިހާރު ލިބިފައިވާ ކަމަށެވެ.

ސްޓެލްކޯއިން ފޭސް 2 ގައި ކަރަންޓްގެ ހިދުމަތްދިން ނަމަވެސް އެތަނުގެ ކަރަންޓް ނެޓުވޯކު އަޅާފައިވަނީ އާބަންކޯއިން ބަޔަކާ ހަވާލުކޮށްގެން ކަމުން ރޯވެފައިވަނީ އާބަންކޯގެ ޓްރާންސްފޯމަރެއްގައެވެ.