އިންޑިއާގެ ދިއްލީގެ ހުޅަނގުގެ ސިޓީއެއް ކަމަށް ވާ ހަޔަލާގައި ދެމީހެއްގެ ދެމެދުގައި މަގުމަތީގައި ހިނގި ދެބަސް ވުމަކަށް ފަހު އުމުރުން 56 އަހަރުގެ މީހެއް އިނގިލީގައި ދަތް އަޅާ ބުރިކޮށްލައިފިއެވެ.

މިހާދިސާ ހިނގަން މެދުވެރިވީ އުމުރުން 56 އަހަރުގެ މީހާ, އޭނާގެ ސައިކަލުގައި އަންހެނުން ކައިރި އެހެން އަވަށަކަށް ގެންދިޔުމަށް ފަހު އެނބުރި ގެއަށް ދިޔަ މަގުމަތީގައި ފަހަތުން އައި ކާރަކުން އޭނާގެ ފައިގާ ޖެހުނު މައްސަލައެއްގައި ހިނގި ޒުވާބެއްގެ ތެރެއިންނެވެ.

ފުލުހުން ބުނީ, މިހާދިސާގައި ދެމީޙުންގެ ދެމެދުގައި ޒުވާބު ހިނގާ ކާރުގައި އިން ޑްރައިވަރު އަނެއްމީހާގެ އަތުގައި ދަތް އަޅާ ބުރިކޮށްލީ ކަމަށެވެ. އެއާއެކު އެ މީހާގެ އެއް އިނގިލީގެ މަތިހުޅުން އެއްކޮށް ބުރިވެ ވަކިވެފައި ވާ ކަމަށް ވެސް ބުނެއެވެ.

މިހާދިސާގައި އޭނާ ދަތް އެޅީ 56 އަހަރުގެ މީހާގެ ޝަހާދަ އިނގިލީގައި ކަމަށާއި އިނގިލި ބުރިކޮށްލުމަށް ފަހު އެމީހާ ފިލަން އުޅުމުން, ކައިރީގައި ތިބި މީހުން އޭނާ ހުއްޓުވައި ފުލުހުންނާ ހަވާލު ކުރީ ކަމަށް ބުނެއެވެ.

މި މީހާގެ މައްޗަށް މިހާރު ދައުވާ އުފުލާފައި ވާ އިރު އަނިޔާ ވި މީހާ މިހާރު ވަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި ކަމަށް ވެސް ފުލުހުންނާ ހަވާލާދީ ހަބަރުތައް ބުނެއެވެ.