މާލެ ސިޓީގެ މޭޔަރު ކަމުގައި ހުންނެވި އިންތިހާބީ ރައީސް އެމަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

އިސްތިއުފާގެ މެސެޖުގައި މުއިއްޒު މިއަދު ވިދާޅުވީ، މި ފުރުސަތުގައި، މާލެ ސިޓީ ކައުންސިލްގެ އެންމެހާ ކައުންސިލަރުންނާއި، ވެރިންނާއި، މުވައްޒަފުން އެމަނިކުފާނަށް ދިން ފުރިހަމަ އެއްބާރުލުމަށާއި، ކުރި ބުރަ މަސައްކަތަށް ނުހަނު އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށެވެ.

އަދި، މާލެ ސިޓީގެ ލޮބުވެތި ރައްޔިތުން އެމަނިކުފާނު މޭޔަރަކަށް ހޮވުމަށް ކުރި ތާއީދަށާއި، މޭޔަރު ކަމުގައި ހިިދުމަތް ކުރެއްވުމުގައި ދިން ތާއީދާއި އެއްބާރުލުމަށް ފަށްފަށުން ޝުކުރު ދަންނަވާ ކަމަށެވެ.

މާލެ ސިޓީގެ ރައްޔިތުންގެ އުއްމީދުތައް ހާސިލް ކޮށްދިނުމުގައި ވަރުގަދަ އަޒުމުގައި މަސައްކަތް ކުރައްވައި، މާތް ﷲ އިރާދަފުޅާއެކު، އެ އުއްމީދުތައް ހަގީގަތަކަށް ހަހައްދަވައި ދެއްވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

މުއިއްޒު ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ ކަމަށް ހޮވިވަޑައިގަތީ، މާލޭ މޭރަޔު ކަމުގައި ހުންނަވާ، ނިމިދިޔަ އޮކްޓޯބަރު މަހު އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވައެވެ. ރިޔާސީ އިންތިހާބުގައި މުއިއްޒު ވާދަ ކުރައްވާފައި ވަނީ، މިއަދު ނިމޭ ސަރުކާރާ އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަންގެ ތެރެއިން ޕީއެންސީގެ ރިޔާސީ ޓިކެޓް ހޯއްދަވައިގެންނެވެ.

ދެބުރަކަށް ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 8 ކެންޑިޑޭޓުންނާ ވާދަކުރައްވާ އެއް ލައްކައަށް ވުރެ ގިނަ ވޯޓު މުއިއްޒު ހޯއްދެވިއިރު އެއީ އެބުރުގެ 46 ޕަސެންޓެވެ. އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހު ބޭވި ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓް ލިބިވަޑައިގެންފައި ނުވުމުން ދެވަނަ ބުރެއް ބާއްވާފައި ވަނީ އޮކްޓޯބަރު 30 ވަނަ ދުވަހުއެވެ.

ފުރަތަމަ ބުރުގައި ޕަސެންޓާއެކު މުއިއްޒަށް 101،635 ވޯޓު ލިބިވަޑައިގެންނެވި އިރު ދެވަނަ ހޯއްދެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންފައި ވަނީ 39.05 ޕަސެންޓާއެކު 86،161 ވޯޓެވެ.

އެއާއެކު ދެވަނަ ބުރުގައި ވާދަ ކުރައްވައި މުއިއްޒު އިންތިހާބު ކާމިޔާބު ކުރެއްވީ، 18،666 ވޯޓުން ކުރި ހޯއްދަވައިގެންނެވެ.