މި ސަރުކާރުން ހުޅުވާލި ގެދޮރުވެރިޔާ އާއި ބިންވެރިޔާ ސްކީމްގެ ދެ ވަނަ ބުރުގައި ފްލެޓާއި ގޯއްޗަށް ކުރިމަތިލީ މީހުންގެ ލިސްޓު ހައުސިންގް މިނިސްޓްރީން އާންމު ކޮށްފިއެވެ.
ގެދޮރުވެރިން ސްކީމްގެ ދެވަނަ ފިޔަވަހީގައި 4000 އަށް ވުރެ ގިނަ ގޯއްޗާއި 8000 ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުިވާލާފައި ވަނީ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ. ރޭ ސަރުކާރުން އިއުލާނު ކުރި ލިސްޓުގައި ގޯއްޗަށް އެދި 19،347 މީހުން ކުރިމަތިލާފައިވާއިރު ފްލެޓަށް 21،247 މީހަކު ވަނީ ކުރިމަތިލާފައެވެ.
ފްލެޓަށް ކުރިމަތިލާ މީހުންނަކީ މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ މީހުންނަށް ވާންޖެހޭއިރު، ގޯއްޗަށް އެދި މާލޭގެ ރައްޔިތުންގެ އިތުރުން، މާލޭގައި ދިރިއުޅޭތާ 20 އަހަރަށްވުރެ ގިނަ އަހަރުވެފައިވާ އެހެން ރަށްރަށުގެ މީހުންނަށްވެސް ކުރިމަތިލުމުގެ ފުރުސަތު ލިބިގެންދިޔައެވެ.
ރޭ އާންމު ކުރި ލިސްޓަކީ ފްލެޓާއި ގޯތި ލިބޭ މީހުން ކަނޑައަޅައި، ޕޮއިންޓް ދީފައިވާ ލިސްޓެއް ނޫނެވެ. އަދި ފޯމް ހުށައަޅި ނަމަވެސް ގެޒެޓްކޮށްފައިވާ ލިސްޓްގައި އެ ފަރާތެއްގެ ނަން ހިމަނާފައި ނުވާނަމަ މިމަހުގެ 30 ގެ 14:00 ގެ ކުރިން ޝަކުވާ ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ދެވަނަ ފިޔަވަހީގައި ގޯތި ދޫކުރަން ކަނޑައަޅައިފައިވާ ބިމުގެ ޖުމްލަ ބޮޑުމިނަކީ 5,525,000 އަކަފޫޓެވެ. އަދި އެޕްލިކޭޝަނަކަށް ލިބޭނެ ގޯތީގެ އެންމެ ކުޑަ ސައިޒަކީ، 1،250 އަކަފޫޓެވެ. ޖޮއިންޓް އެޕްލިކޭޝަނެއް ނަމަ، އެކަކަށްވުރެ ގިނަ މީހުންގެ ނަމުގައި ހުށަހަޅާ އެޕްލިކޭޝަނުގައި އިތުރަށް ބައިވެރިވާ ކޮންމެ މީހަކަށް 400 އަކަފޫޓު ގޯތީގެ ބޮޑުމިނަށް އިތުރު ކުރެވޭއިރު، 7 މީހުންނަށް ވުރެ ގިނަ މީހުން ޖޮއިންޓް އެޕްލިކޭޝަނުގައި ބައިވެރިވާނަމަ، އެ އެޕްލިކޭޝަނަށް ލިބޭނީ ޖުމްލަ 4,000 އަކަފޫޓެވެ.
"ގެދޮރުވެރިޔާ" ސްކީމުގެ ދެވަނަ ވިޔަވަހިން 8000 ފްލެޓް ދޫކުރުމަށް ހަމަޖެހިފައި ވަނީ މާލެ ސަރަހައްދުންނެވެ. ފްލެޓަށް އެދި ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި މާލޭގެ ރައްޔިތެއް ކަމުގައިވުމާއެކު އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައި ވުން ހިމެނެއެވެ. އަދި މާލޭގެ ރަށްވެއްސަކަށް ވެފައިވާތާ 15 އަހަރު ވެފައިވާ ފަރާތެއް ކަމުގައިވުން (ހަމައެކަނި މައި އެޕްލިކަންޓް) ނުވަތަ މާލޭގައި މެދުނުކެނޑި ދިރިއުޅެމުން ގެންދާތާ 15 އަހަރު ވެފައިވާ ފަރާތެއް ކަމުގައި ވުން ހިމެނެއެވެ. މީގެ އިތުރުން އެޕްލިކަންޓާއި ކޯ އެޕްލިކަންޓަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫއަކުން މީގެ ކުރިން ބޯހިޔާވަހިކަމެއް ލިބިފައިވާ ފަރާތަކަށް ނުވުން ވެސް ޝަރުތެއް ގޮތުގައި ހިމެނެއެވެ.
މީގެ ކުރިން ސަރުކާރުން ބުނެފައިވަނީ ދެ ވަނަ ބުރުގައި ފްލެޓާއި ގޯތި ލިބޭ މީހުން އާންމު ކުރާނެ ކަމަށެވެ. ނަމަވެސް މިއަދަކީ ރައީސް ސޯލިހުގެ ވެރިކަމުގެ އެންމެ ފަހު ދުވަހެވެ.