ރާއްޖޭގެ ރައިސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ޑރ. މުހައްމަދު މުއިއްޒު ދާދިދެންމެ ކުރައްވައިފި އެވެ.

ރައީސް މުހައްމަދު މުއިއްޒަށް މަގާމުގެ ހުވާލައިދެއްވީ ޖުމްހޫރީ މައިދާނުގައި މިހާރު ކުރިއަށްދާ ހާއްސަ ރައްޔިތުން މަޖިލީހުގެ ހާއްސަ ޖަލްސާގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަހުމަދު މުއްތަސިމް އަދުނާނެވެ.

މުއިއްޒު ހުވާ ކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އެވެ. ރައީސް މުއިއްޒުގެ އިތުރުން ނައިބު ރައީސްގެ ގޮތުގައި ހުސައިން މުހައްމަދު ލަތީފް ވެސް ވަނީ ހުވާ ކުރައްވާފަ އެވެ. ހުސެއިން މުހައްމަދު ލަތީފަށްވެސް ހުވާ ލާ ދެއްވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއްތަސިމް އަދުނާނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ބޮޑު އަގުލަބިއްޔަތަކުން މުއިއްޒު އިންތިހާބު ކާމިޔާބު ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް ކުރި ހޯއްދަވައިގެންނެވެ. މުއިއްޒު ރައީސް ކަމަށް ވަޑައިގަތް އިރު ހުންނެވީ މާލެ މޭޔަރު ކަމުގެ މަގާމުގައެވެ. މުއިއްޒުއަކީ ފުރަތަމަ ދިވެހި ޖުމުހޫރިއްޔާގެ އަށްވަނަ ރައީސްއެވެ.

މިއަދު ކުރިއަށް ގެންދިޔަ ހާއްސަ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުންނާއި ބޭރު ގައުމުތަކުގެ މަންދޫބުންނާއި އިސްވެރިންގެ އިތުރުން ގިނަ އަދަދެއްގެ އާންމުން ވަނީ ބައިވެރިވެފައެވެ. މި ރަސްމިއްޔާތުގައި ޕީޕީއެމް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރވަޑައިގެންފައި ނުވެއެވެ. އެމަނިކުފާނު ބައިވެރިވަޑައިގެންފައި ނުވަނީ ޖިނާއީ ކުށެއް ސާބިތުވެ ހުކުމް ތަންފީޒުކުރައްވަމުން ގެންދިއުމުގެ ސަބަބުން ކަމަށް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ ހާމަކޮށްފައެވެ.

ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތަށް ވަޑައިގެންނެވި ރާއްޖެއިން ބޭރުގެ މަންދޫބުން

މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ޖުމްހޫރީ މައިދާނުގައި ކުރިއަށް ގެންގޮސްފައިވާއިރު، ރައީސް ސޯލިހު ހުވާ ކުރެއްވި ރަސްމިއްޔާތު ބާއްވާފައި ވަނީ ގަލޮޅު ދަނޑުގައެވެ. ފުރަތަމަ ފަހަރަށް ގަލޮޅު ދަނޑުގައި ބޭއްވި ރައީސްއަކު ހުވާ ކުރެއްވުމުގެ ޝަރަފާއެކު އެ ރަސްމިއްޔާތުގައި 11،000 އަށް ވުރެ ގިނަ މީހުންނަށް ދައުވަތު ދީފައި ވެއެވެ.

އާ ސަރުކާރުން އެކުލަވާލާ ވަޒީރުންގެ މަޖިލީހުގެ މެންބަރުން، މަގާމުގެ ގާނޫނީ ހުވާ ކުރެއްވުމާއި، އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު މިރޭ 7:45 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުންވެސް ރައީސް އޮފީހުގެ އެންމެ އިސް މަގާމުތަކަށް އައްޔަން ކުރައްވާ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވުމަށްވެސް މިރޭ ހަމަޖެހިފައި ވެއެވެ.