އިޒްރޭލުން ގާޒާގެ އެންމެ އެތެރެއަށް ވަދެ އެތާނގެ އެންމެ ބޮޑު ހޮސްޕިޓަލް އެފުށް މިފުށަށް ޖެހުމަށް ފަހު, ގާޒާގައި އަމާން އެއްވެސް ތަނެއް ނޯންނާނެ ކަމަށާއި ނުފިލޭނެ ކަމަށް ބުނެ ގާޒާގެ ހުރިހާ ތަނަކަށް ވަންނާނެ ކަމަށް ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.
އޭނާ މިހެން ބުނީ މިއަދު އިޒްރޭލުން ހިންގަ އަސްކަރީ އޮޕަރޭޝަން ކުރިއަށް ދާ ގޮތް ބަލައި އެކަމުގައި ހަރަކާތްތެރިވާ ސިފައިންނަށް ހިއްވަތު ދިނުމަށް ގާޒާގެ ބޭރުގައި ގާއިމުވެގެން ތިބޭ ސިފައިންގެ ބެރެކްސް އަށް ގޮހެވެ.
އޭނާ ދުނިޔެއަށާއި ހަމާސް އަށް ގޮންޖަހަމުން ބުނީ, ގާޒާ ހަލާލުކޮށް ނުލެވޭނެ ކަމަށް ކުރިން ބުނި ކަމަށާއި އެ އޮތީ ހަލާކު ކޮށްލާފައި ކަމަށެވެ. ދެން ބުނީ, ގާޒާއަށް ނުވަދެވޭނެ ކަމަށާއި ނަމަވެސް އެއޮތީ ވަދެފައި ކަމަށެވެ. ދެން ބުނީ ގާޒާގެ އަލް ޝިފާ ހޮސްޕިޓަލަށް ނުވަދެވޭނެ ކަމަށާއި އެތަނަށްވެސް އެއޮތީ ވަދެފައި ކަމަށެވެ.
އިތުރަށް އިންޒާރު ދެމުން އޭނާ ބުނީ ގާޒާގައި އިޒްރޭލު ސިފައިން ނުވަންނާނެ ހަމަ އެއްވެސް ތަނެއް, ހޮހޮޅައެއް, ޓަނަލެއް, އިމާރާތެއް އަދި އެހެންވެސް ތަނެއް ނުހުންނާނެ ކަމަށާއި ކޮންމެ އިންޗި އަކުން އިންޗިއަކުން ވަދެ ބަލައި ފާސްކުރާނެ ކަމަށެވެ.
"ނުފިލޭނެ, ރައްކާތެރިކަމެއް ނޯންނާނެ, ހަމާސް ދުއްވާލާނަން"
އަދި މި މިޝަން [ޔަހޫދީ ސިފައިން އަރައިގެން އުޅޭ] އަކީ ހަމާސް ނައްތާލުމާއެކު ހަމާސް އިން އަސީރު ކުރި މީހުން ސަލާމަތް ކުރުން ކަމަށް ވެސް އޭނާ ބުންޏެވެ.
ނަތަންޔާހޫ އެހެން ބުނީ އިރު އިޒްރޭލު ސިފައިން ޝިފާ ހޮސްޕިޓަލަށް ވަދެ ހިންގި ޖަރީމާތަކާ ގުޅިގެން ދުނިޔޭގެ ގައުމުތަކުން ނުރުހުން ފާޅުކޮށް އެމެރިކާ އާއި އިޒްރޭލަށް ދަނީ ފާޑިކިޔަމުންނެވެ. އެމެރިކާގެ ބައެއް ބައިވެރިންވެސް ހިމެނޭ ގޮތަށް, ނޯވޭ, ކެނެޑާ, ސްޕެއިން ފަދަ ގައުމުތަކުން ވަނީ އެއީ ގޮތް ކުޑަ އަދި ހައްދުފަހަނައަޅާ ދިޔުން ކަމަށް ބުނެފައެވެ. މި ފާޑުކިޔުންތަކާއެކު އެމެރިކާއިން މިހާރު ބުނަމުން ދަނީ ހޮސްޕިޓަލަށް ވަދެގަންނަން 'އޯކޭ' ނުދޭ ކަމަށެވެ. ނަމަވެސް އިޒްރޭލު ސިފައިން އެތަނަށް ވަނީ, އީރާގު ހަނގުރާމައިގައި އެގައުމުގައި ފަނާ ކުރަނިވި ހަތިޔާރު ހުއްޓޭ ކިޔައިގެން އެމެރިކާއިން ދޮގު ހެދި ގޮތަށް, އިންޓެލިޖަންސް މައުލޫމާތޭ ބުނެ ޝިފާ ހޮސްޕިޓަލުގައި ހަމާސްގެ ކޮމާންޑް ސެންޓަރު އެބަހުއްޓޭ ކިޔާ ވާހަކަ ދެއްކި ފަހުންނެވެ.
ވައިޓް ހައުސްގެ ނެޝަނަލް ސެކިއުރިޓީ ތަރުޖަމާން ޖޯން ކާބީ ބުނީ, ހޮސްޕިޓަލްތަކުގެ ވަށައިގެންނާއި އަދި ހޮސްޕިޓަލްގައި އަސްކަރީ އޮޕަރޭޝަން ހިންގަން އެމެރިކާއިން ބުނެފައި ނުވާނެ ކަމަށެވެ. އެ ހޮސްޕިޓަލް އެފުށް މިފުށަށް ޖަހާ, ބޭހާއި މެޑިކަލް ސާމާނު ހުރި ގުދަން ގޮއްވާލައި އިންޓެންސިކް ކެއާ ޔުނިޓު ހަލާކު ކޮށްލައި ބަލި މީހުންނާއެކު އެހީތެރިން އުނުއޮރިޔާންކޮށް ކަނުބަނދެގެން އެތަނުން ނެރެގެން ގެންގޮސްފައި ވެއެވެ.
އެންމެ ފަހުން ލިބުނު ހަބަރުތައް ބުނާގޮތުން އެތަން އެފުށް މިފުށަށް ޖަހައިގެން ވެސް ހަމާސްގެ ހިލަމެއްވެސް ނުފެނުމުން އިޒްރޭލު ސިފައިން މިހާރު ވަނީ ހޮސްޕިޓަލުން ނިކުމެފައި ކަމަށާއި ނަމަވެސް ހޮސްޕިޓަލްގެ ބޭރުގައި އަދިވެސް ގިނަ އަދަދެއްގެ ޓޭންކަރާއި ސިފައިން ތިބި ކަމަށެވެ.