ނައިބު ރައީސް ފައިސަލް ނަސީމް ހިލާލީ ގެއިން ބަދަލު ވެވަޑައިގެންފި ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ސްޕޯކްސްޕާސަން މިއުވާން މުހައްމަދު ވިދާޅުވީ، ފައިސަލް ހިލާލީގެއިން ބަދަލުވެވަޑައިގަތީ މިއަދުގެ ހަވީރުގެ ވަގުތެއްގައި ކަމަށެވެ.

ފައިސަލް ހިލާލީގޭގައި ދިރިއުޅުއްވަން ފެއްޓެވީ ޖެނުއަރީ 7، 2018 ގައެވެ. މި ސަރުކާރަށް ވެރިކަން ލިބުމާ އެކު ފައިސަލް ހިލާލީގޭގައި ދިރިއުޅުއްވަން ފެއްޓެވީ އެ ގޭގެ އިމާރާތް ވަރަށް ބޮޑަށް މަރާމާތު ކުރުމަށް ފަހުގައެވެ.

ފައިސަލް ހިލާލީ ގެއިން ބަދަލުވެވަޑައިގަތްފައިވާ އިރު، ދެން އެގޭގައި ދިރިއުޅުއްވާނީ ހުސެއިން މުހައްމަދު ލަތީފް (ސެންބެ) ނައިބު ރައީސް ކަމުގެ ހުވާ ކުރެއްވުމަށް ފަހު އެމަނިކުފާނެވެ.

ފައިސަލްގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހަމދު ވެސް ވަނީ މި މަހުގެ 10 ވަނަ ދުވަހު މުލިއާގެއިން ނިކުމެވަޑައިގެންފައެވެ. ރައީސް ސޯލިހާއި، އަނބިކަނބަލުން ފަޒްނާ މުލިއާގެއަށް ދިރިއުޅުން ބަދަލުކުރެއްވީ ނޮވެމްބަރު 30, 2018 ގައެވެ. ރައީސް ސޯލިހުގެ ދެކަނބަލުން މުލިއާއިން ސަނީއަށް ބަދަލުވެވަޑައިގެންނެވީ ރިޔާސީ ދައުރު ނޮވެމްބަރު 17 ގައި ފުރިހަމަކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ މަގާމުން ދުރުވެ ވަޑައިގަންނަވާނެތީއެވެ.

ރައީސް ސޯލިހު މުލިއާގެއިން ބަދަލުވެވަޑައިގެންނެވި އެ ގޮޅަށް ދެން ވަޑައިގަންނަވާނީ މިމަހުގެ 17 ގައި ހުވާ ކުރައްވައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

މުލީ އާގެއަކީ ރައީސުލްޖުމްހޫރީއްޔާ ދެކަނބަލުންނަށް ހާއްސަ ކޮށްފައި ހުންނަ ދައުލަތުގެ ގެކޮޅެކެވެ. އަދި ހިލާލީ ގެއަކީ ނައިބު ރައީސްއަށް ހާއްސަކޮށްފައި ހުންނަް ދައުލަތުގެ ގެކޮޅެވެ.