ރޭ ގިނަ އަދަދެއްގެ ފުލުހުންނަށް ޕްރޮމޯޝަން ދީފައިވާ އިރު، ފުރަތަމަ ފަހަރަށް އަންހެން ފުލުހަކު ފުލުހުންގެ އެކްޒެކެޓިވް މަގާމަކަށް ޕްރޮމޯޓް ވެއްޖެއެވެ.

މީގެ ކުރިން ސުޕްރިންޓެންޑެންޓްގެ މަގާމުގައި ހުންނެވި ފާތުމަތު ނަޝްވާ ރޭ ވަނީ ޗީފް ސުޕްރިންޓެންޑެންޓް މަގާމަށް ޕްރޮމޯޓް ކޮށްފައެވެ. މި ކަން ފާހަގަކޮށް ފުލުހުންގެ ތެރޭގައި އަންހެން ފުލުހުން އަންނަނީ މިއީ އުފާވެރި ވަގުތެއްގެ ގޮތުގައި ފާހަގަ ކުރަމުންނެވެ. އެއީ މީގެ ކުރިން އަންހެން ފުލުހަކު އެ މަގާމާ ހަމައަށް ޕްރޮމޯޓް ވެފައި ނުވާތީއެވެ.

އެގޮތުން ނަޝްވާއަށް މަރުހަބާ ކިޔައި ގިނަ ބަޔަކު އުފާ ފާޅު ކުރަމުން އަންނަ އިރު، މިއީ ފަހުރުވެރި ވަގުތެއްގެ ގޮތުގައި ވެސް ގިނަ ބަޔަކު އަންނަނީ ސިފަ ކުރަމުންނެވެ.

ނަޝްވާ ފުލުހުންގެ ހިދުމަތުގައި މިހާރު މަސައްކަތް ކުރައްވާތާ 28 އަހަރު ވެފައިވާ އިރު، ނަޝްވާ އަކީ އިޖްތިމާއީ އެކި މަސައްކަތްތަކުގައި ވެސް ބައިވެރިވެވަޑައިގަންނަވާ އަދި އަންހެނުން ކުރިއެރުވުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރައްވާ ބޭފުޅެކެވެ.

އެގޮތުން 2022 ވަނަ އަހަރު އޭނާއަށް ވަނީ، ޕްރޮފެޝަނަލް އެންޑް ކެރިއާ ވުމަންސް އެވޯޑް ލިބިވަޑައިގެންފައެވެ. ހަމައެއާއެކު އޭނާއަށް ލިބިވަޑައިގެންފައިވާ އެވޯޑްތަކުގެ ތެރެއިން 2018 ވަނަ އަހަރު ގައުމީ ފެންވަރުގައި ދޭ ރެހެންދި އެވޯޑާއި ވުމަން އޮން ބޯޑް ޑިސްޓިންކްޝަން އަދި ބެސްޓް ޔަންގް ޕްރޮފެޝަނަލް އެވޯޑް ފާހަގަ ކޮށްލެވެއެވެ.

ތައުލީމީ ގޮތުން ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން ޑިގްރީ ހާސިލް ކުރައްވާފައިވާ އިރު، ނަޝްވާ ވަނީ ސެޓިފައިޑް ޕްރޮފެޝަނަލް ކޯޗް ކަމާއި ސެޓިފައިޑް ކްރައިމް ޕްރިވެންޝަން ސްޕެޝަލިސްޓް ޓްރެއިނިން ވެސް ފުރިހަމަ ކުރައްވާފައެވެ.