މި ސަރުކާރުން ހިންގާ ހައުސިން މަޝްރޫއުގެ ތެރެއިން ގެދޮރުވެރިޔާ ސްކީމްގައި ދޫކުރާ 4000 ހައުސިން ޔުނިޓްގެ ކުއްޔަށް ދައްކަން ޖެހޭ އަދަދު އާންމުކޮށްފިއެވެ.
ހައުސިން މިނިސްޓްރީން ނުރުނު ބަޔާނެއްގައި ބުނީ، ގެދޮރުވެރިޔާ ސްކީމުން ދޫކުރުމަށް ހަމަޖެހިފައިވާ 3 ކޮޓަރީގެ ފުލެޓްގެ މަހު ކުއްޔަކީ 7000 ރުފިޔާ ކަަމަށާއި އަދި މަރާމާތު ފީގެ ގޮތުގައި މަހަކު 1000 ރުފިޔާ ދައްކަން ޖެހޭ ކަމަށެވެ. ހަމައެއާއެކު 2 ކޮޓަރީގެ ފްލެޓްގެ މަހު ކުއްޔަކީ 5000 ރފުިޔާ ކަމަށާއި އެތަންތަނުން ވެސް މަރާމާތު ފީގެ ގޮތުގައި މަހަކު 1000 ރުފިޔާ ދައްކަން ޖެހޭ ކަަމަށް އެ މިނިސްޓްރީން ބުނެއެވެ.
ކުލި ދައްކަން ހަމަޖެހިފައި ވަނީ ފުލެޓް ހަވާލު ކުރާ ތާރީހުން ފެށިގެން 3 މަސް ދުވަހުގެ ގްރޭސް ޕީރިއަޑް އަކަށް ފަހުގައި ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. އަދި ކުލި ދައްކަންޖެހޭ ޖުމްލަ މަހުގެ އަދަދަކީ 300 މަސް ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުނެއެވެ.
އެހެންކަމުން 3 ކޮޓަރީގެ ފްލެޓް ލިބޭ ފަރާތްތަކުން 300 މަސް ތެރޭ ކުއްޔަށް ދައްކަން ޖެހޭ ޖުމްލަ އަގަކީ 2.1 މިލިއަން ރުފިޔާއެވެ. އަދި ދެ ކޮޓަރީގެ ފްލެޓް ލިބޭ ފަރާތްތަކުން 300 މަސް ތެރޭ ކުއްޔަށް ދައްކަން ޖެހޭ ޖުމަލް އަގަކީ 1.5 މިލިއަން ރުފިޔާއެވެ.
އެ މިނިސްޓްރީން މިހާރު ވަނީ ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ހުށަހަޅާފައިވާ ޝަކުވާގެ މައްޗަށް ރިޔާއަތްކޮށް ބެލުމަށްފަހު ގެދޮރުވެރިޔާ ސްކީމުގެ ދާއިމީ ލިސްޓް އާންމުކޮށްފައެވެ. އެ ލިސްޓަށް އައިސްފައިވާ ބަދަލާއެކު ފުރަތަމަ ބުރުގައި 3 ކޮޓަރީގެ ފުލެޓް ލިބެނީ 76 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށް ކަމަށާއި އަދި ފުލެޓް ނެގުމަށްފަހު ބާކީވާ ފުލެޓްތައް 75 މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތަކުން ހޮވާނެ ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުނެއެވެ. އަދި ފުރަތަމަ ބުރުގައި 2 ކޮޓަރީގެ ފުލެޓް ލިބެނީ 73 އިން ފެށިގެން މަތިން މާކްސް ލިބޭ ފަރާތްތަކަށް ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ދެމަފިރިން ފުލެޓް ލިބުމަށް ހޮވިފައިވާ ނަމަ ފުލެޓް ލިބޭނީ ދެމަފިރިންނަށް 1 ފުލެޓް ނުވަތަ ދެމަފިރިންގެ ތެރެއިން ކަނޑައަޅާ އެއްފަރާތަކަށް 1 ފުލެޓް ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުނެއެވެ. ފުލެޓް ލިބުމަށް ހޮވިފައިވާ ފަރާތްތަކަށް ލިބޭ ފުލެޓް ކަނޑައެޅުމަށް ހަމަޖެހިފައި ވަނީ ގުރުއަތު ނަގައިގެން ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.