2016 ވަނަ އަހަރުގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި އުމުރުން 14 އަހަރުގެ އަހުމަދު އިރުޝާދު ހިލްމީ މަރުގެ މައްސަލާގައި 16 އަހަރަށް ޖަލު ހުކުމްކޮށްފައިވާ 14 އަހަރުގެ ކުޑަކުއްޖާގެ އަދަބު ގޭ ބަންދަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ލުއިކޮށްދެއްވައިފިއެވެ.

އެކަން ކަށަވަރު ކޮށްދެއްވާ ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް އާމިނަތު ޔުސްރީން އަހުމަދު "ދަ ޕްރެސް" ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދީފައިވާ ބާރުގެ ދަށުން އޭނާގެ ހުކުމުގެ ބާކީބައި ގޭ ބަންދުގައި ތަންފީޒުކުރުމަށް ލުއިކޮށްދެއްވާފައިވާ ކަމަށެވެ.

އިރުޝާދު މަރާ ގުޅިގެން ދައުލަތުން ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ އުފުލާފައިވަނީ ތިން ކުޑަކުއްޖެއްގެ މައްޗަށެވެ. އެއީ އުމުރަކީ 14 އަހަރާއި 15 އަހަރާއި 17 އަހަރު ކުދިންނެވެ.

އިރުޝާދުގެ ގާތިލެއްގެ އަދަބު ރައީސް ލުއިކޮށްދެއްވާފައިވާއިރު ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ޖުލައި 31، 2018 ގައި މަރާލާފައިވާ ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގާ ދައުވާކުރި ކުޑަކުއްޖާގެ އަދަބު 10 އަހަރަށް އިއްޔެ ވަނީ ލުއިކޮށްދެއްވައިފައެވެ.

އެ ކުޑަކުއްޖާގެ އަދަބު ލުއިކޮށްދެއްވާފައިވާއިރު އޭނާގެ މައްޗަށް ހައިކޯޓުގެ ފަނޑިޔާރުގެ އިއްތިފާގުން 18 އަހަރާއި 9 މަހަށް ޖަލު ހުކުމެއް އިއްވާފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ.

އެކުއްޖާއަށް މިހާރު 18 އަހަރުވެފައިވީ ނަމަވެސް ކުޑަކުދިންގެ އަދުލުގެ ގާނޫނު އޮންނަ ގޮތުން 18 އަހަރު ނުވަނިސް ކުރި ކުށެއްގެ މައްސަލަ ކުރިއަށް ގެންދާނީ ހަމައެފަދައިން ކަމަށެވެ. މި މައްސަލާގައި އަނަސްގެ ހުރިހާ ވާރިސުން ހައިކޯޓުގައި މަރަށް މަރު ހިފުމަށް އެދުނު ނަމަވެސް ކުޑަކުއްޖެއްގެ ގޮތުގައި ހުރެ ކުރާ ކުށަކަށް މަރުގެ އަދަބެއް ނުދެވެއެވެ.

އޭގެ އިތުރުން މިދިޔަ ހޯމަ ދުވަހު އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލާގައި ދިގު މުއްދަތުގެ ޖަލު ހުކުމްތަކެއް އިއްވާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓާ އަބްދުﷲ ޒިޔަތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މައާފުދެއްވައި ގުޅިގެން ދެ ބޭފުޅުންވެސް ވަނީ މިނިވަންވެފައެވެ.