ހުކުރު ދުވަހުން ފެށިގެން މަގާމުން އިސްތިއުފާ ދޭން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދު ނިންމަވައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސަށް ފޮނުއްވި ސިޓީއެއްގައި ސައީދު އެފަދައިން އެދިވަޑައިގެންފައި ވާކަން އެ ބޯޑުގެ ސެކެޓްރީ ޖެނެރަލް އަހުމަދު ޔާމީން "ދަ ޕްރެސް" އަށް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

ޔާމީން ވިދާޅުވީ 17 ނޮވެމްބަރުން ފެށިގެން އެ މަގާމުން އިސްތިއުފާ ދެއްވަން ބޭނުންވާ ކަމަށް އެ ސިޓީގައި ސައީދު ވިދާޅުވެފައިވާ ކަމަށެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސައީދު ހަމަޖައްސަވާފައިވަނީ ޑިސެންބަރު 16، 2018 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފައުއެވެ.

ސައީދު ފެނަކައިގެން އިސްތިއުފާ ދެއްވަން ނިންމަވާފައިވާއިރު ފެނަކައާއި ސައީދުގެ ކޮރަޕްޝަންގެ ވާހަކަތަކެއް ކަމަށް ބުނެ ގިނަ ވާހަކަތައް ވަނީ ދައުރުވެފައެވެ. އެހެންނަމަވެސް އެ ހުރިހާ ވާހަކަތައް ތަކުރާރުކޮށް ސައީދު ވަނީ ދޮގުކުރައްވާފައެވެ.

މި ދައުރު ނިމިގެންދާއިރު ބޮޑު ދަރަންޏެއް ފެނަކާގައި އޮތް އިރު މިދިޔަ އަހަރުގެ ނިޔަލަށް ފެނަކަ ކޯޕަރޭޝަން 4.1 ބިލިއަންގެ ދަރަނި 4.1 ބިލިއަން ރުފިޔާ އަށް އަރާފައިވެއެވެ. އޭގެ ތެރެއިން 3.2 ބިލިއަން ރުފިޔާ އަކީ ސަޕްލަޔަރުންނަށް ފެނަކައިން ދައްކަން ޖެހޭ ފައިސާ ކަމަށްވާއިރު 901 މިލިއަން ރުފިޔާ އަކީ އެ ކުންފުނިން ނަގާފައިވާ ލޯނުތަކަށް ދައްކަން ޖެހޭ ފައިސާއެވެ.