އިޒްރޭލުގެ ޔަހޫދީން ފަލަސްތީނުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތައް ކުށްވެރިކޮށް، ފަލަސްތީނުގެ މުސްލިމުންނާއެކު ތިބިކަން އާބަންކޯއިން ހާމަކޮށްފިއެވެ.

އެކަން ހާމަކޮށް އާބަންކޯއިން ވަނީ އެ އިދާރާގެ މައި އޮފީސް އިމާރާތުގެ ބޭރުގައި ބޮޑު ބެނާއެއް ދަމާފައެވެ. އެ ބެނާގައި 'ފަލަސްތީނާއެކު އާބަންކޯ' ލިޔެފައިވާއިރު މި ހަރަކާތުގައި އެ އޮފީހުގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

އާބަންކޯގެ އިތުރުންވެސް އެހެނިހެން ސަރުކާރު އޮފީސްތަކާއި އަމިއްލަ ކުންފުނިތަކުންނާއި ޖަމާއަތްތަކުންވެސް ވަނީ ފަލަސްތީން މިނިވަން ކުރުމަށް ގޮވާލާ އަޑު އުފުލާފައެވެ. މީގެ އިތުރުންވެސް މި ހަނގުރާމައިގައި އެ ފަލަސްތީނުގެ ބިނާތައް ސުންނާފަތިވެ، ކުރިމަތިވެފައިވާ ބޭސްފަރުވާއާއި ކާބޯތަކެތީގެ ދަތިކަމަށް އެހީވެދިނުމުގެ ގޮތުން ރާއްޖޭގެ ވަކިވަކި ފަރުދުންނާއި ދައުލަތުގެ ކުންފުނިތަކާއި ޖަމިއްޔާ ޖަމާއަތްތަކުން ދަނީ ފައިސާގެ އެހީތައް ފޯރުކޮށްދެމުންނެވެ.

މި ދިޔަ މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނަށް ހަމަލާ ދޭތާ މަހަކަށްވުރެ ގިނަވެފައިވާއިރު މި ހަމަލާތަކުގައި ފަލަސްތީނުން ޝަހީދުވި މީހުންގެ އަދަދު 11،100 ފަހަނައަޅާ ގޮސްފައި ވާއިރު އޭގެތެރޭގައި 8000 ކުޑަކުދިންނާއި އަންހެނުން ހިމެނެއެވެ. އަދި ޒަހަމްވި މީހުންގެ އަދަދު 28000 އިން މައްޗަށް ގޮސްފައިވާ ކަަމަށް ވެސް އެ ގައުމުން ވަނީ ރިޕޯޓު ކޮށްފައެވެ.

އަދި ހަމައެހެންމެ އިޒްރޭލުގެ މީހުން ރާއްޖެ އައުން މާނާ ކުރަން ގޮވާލާ އަޑުއުފުލުމަށް ގިނަ ބަޔަކު ރައްޔިތުންގެ މަޖިލީސް ކައިރީގައި މިއަދު އިހުތިޖާޖުވެސް ކޮށްފައި ވެއެވެ. އަދި އިޒްރޭލުގެ އުފެއްދުންތައް ޜާއްޖެ އެތެރެ ކުރުމާއި ވިއްކުން ހުއްޓުވުމަށް އާންމުން ދަނީ އަޑު އުފުލަމުންނެވެ.