މަސްތުވާތަކެއްޗާއި ރަލާއެކު ރޯޑް ޑިވެލެޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖަރަކު ހައްޔަރު ކޮށްފިއެވެ.
އިއްޔެ ފުލުހުން ވަނީ ތަހުގީގު ކުރަމުން ދާ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އާރްޑީސީ އޮފީހަށް ވަދެ އެތަން ބަލާ ފާސްކޮށް ގިނަ އަދަދެއްގެ ލިޔުންތައް ގެންގޮސްފައެވެ. އަދި ރޭގެ ވަގުތެއްގައި އެތަނުގެ މެނޭޖަރެއްގެ ގެޔަށް ވެސް ވަދެފައި ވާއިރު، މައުލޫމާތު ލިބިފައިވާ ގޮތުން އޭނާ އުޅޭ ތަން ފާސްކުރި އިރު ބަނގުރާ ހުސްކުރި ފުޅި އެއްގެ އިތުރުން މަސްތުވާ އެހެން ބާވަތެއް ވެސް ފެނިފައި ވެއެވެ.
މި މައްސަލަ އާ ގުޅިގެން އަދި މިހާތަނަށް ފުލުހުންގެ ބަހެއް ލިބިފައެއް ނުވެއެވެ.
އާރްޑީސީގެ ހިޔާނާތުގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން އަންނައިރު މައުލޫމާތު ލިބިފައިވާ ގޮތުން ފުލުހުން ބަލަމުން ދަނީ އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) އާއި އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު ޔާސިރު ހަސަން ގުޅިގެން އެ ކުންފުނީގެ އެކައުންޓުން ނެގި ކަމަށް ތުހުމަތު ކުރެވޭ 13.8 މިލިއަން ރުފިޔާގެ މައްސަލައެކެވެ.
މި ވަހަކަތަކާ ގުޅިގެން މީގެ ކުރިން އާރްޑީސީ އިން ބުނެފައިވަނީ މިފަދަ އެއްވެސް މުއާމަލާތްތެއް ނުވަތަ އެފަދަ މުއާމަލާތަކާ ގުޅުންހުރި މުއާމަލާތެއް ކުންފުނީގެ އެކައުންޓް އިން އެއްވެސް އިރެއްގައި ހިނގާފައި ނުވާނެ ކަމަށެވެ.