ޕެރެޑައިޒް އައިލޭންޑް ރިސޯޓުގައި މަސައްކަތް ކުރަމުން ދަނިކޮށް ޓީވީއެމްގެ ކްރޫ މެންބަރަކަށް ޔޫސުފް ޝަފީއު (ޔޫއްޕެ) ފެނިގެން ފިލްމީ ދާއިރާ އަށް ވަންނަން ހުށައެޅިއެވެ. ސިނަމޮޓޮގްރަފަރު ޝިޔާޒް ދިން ދައުވަތު ގަބޫލުކޮށް ޔޫއްޕެ ފިލްމީ ދާއިރާ އަށް ނުކުތެވެ. އެންމެ ފުރަތަމަ ކެރިއަރު ފެށީ ލަވައަކުންނެވެ. ޖަމްޝީދާ އަހުމަދު އާއެކު "ދިރި ހުރި ފުރާނާ ދާތީ" އިންނެވެ. މި ލަވަ ރިލީޒްކުރުމާއެކު މި ލަވަ ވައިގައި ހިފިއެވެ. އެ ލަވަކުޅުމަށްފަހު އަނެއްކާވެސް އެނބުރި ރިސޯޓަށް ޔޫއްޕެ ދިޔައެވެ. އޭގެފަހުން މަޝްހޫރު ޑައިރެކްޓަރު އަމްޖަދު އަލީ އަށް ޔޫއްޕެ ފެނި އޭނާ އަށް ފިލްމަކުން ފުރުސަތު ދިނެވެ. ލިބުނު ރަނުގެ ފުރުސަތުގެ ބޭނުން ހިފުމަށްފަހު އަމްޖަދުގެ "ގުރުބާނީ" ޔޫއްޕެ ކުޅުނެވެ. އެއީ 1999 ވަނަ އަހަރުގައެވެ. އޭރު ފިލްމީދާއިރާ އަށް ވަތް ގޮތަށް މިއަދުވެސް އޭނާ މަސައްކަތްކުރަމުން އަންނަނީ މިދާއިރާގައެވެ. 24 ވަނަ އަހަރު މިދާއިރާގައި ގުނަމުންދާއިރު ޔޫއްޕެ ވަނީ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ބެލުންތެރިންގެ ލޯތްބާއި ތާއީދު ހޯދާފައެވެ. ބެލުންތެރިންގެ އިތުބާރު ހޯދާފައެވެ. މި ފިލްމު ރިލީޒްކުރުމާއެކު ފިލްމު ވަރަށްބޮޑަށް ވައިގައި ހިފިއެވެ. ފިލްމަށް ލިބުނު ކާމިޔާބީއަށްފަހު ދާއިރާގައި މަސައްކަތްކުރަން ބޭނުންވުމުގެ ސަބަބުން ޔޫއްޕެ ރިސޯޓުން ކެނޑުނެވެ. މިއަދު އޭނާ އަކީ ޕްރޮޑިއުސަރެއްވެސް މެއެވެ. ޑައިރެކްޓަރެއްވެސް މެއެވެ.
- ނާއުންމީދު (2000)
މި ފިލްމަކީ ޔޫއްޕެގެ ކެރިއަރުގެ ޓާނިން ޕޮއިންޓެވެ. މި ފިލްމަށްފަހު ފުލުފުލުގައި ޔޫއްޕެ އަށް ޕްރޮޖެކްޓްތައް ލިބެން ފެށިއެވެ. ޖަމްޝީދާ އަހުމަދު، މަރިޔަމް ނިޝާ އަދި ރީކޯ މޫސާ މަނިކު އާއެކު ޔޫއްޕެ މި ފިލްމުގައި ހަރަކާތްތެރިވިއިރު އޭނާ ކުޅުނީ ޑރ ޝިފާން ކިޔާ ކެރެކްޓާއެކެވެ. މި ކެރެކްޓާ އަކީ ނިޝާ އާއި އެންމެ ތުއްތުއިރުން ފެށިގެންވެސް އެންމެ ގާތް އެކުވެރިޔާގެ ރޯލެވެ. އަދި ބޮޑުވަމުން އައިވަރަކަށް ނިޝާ އާ ދޭތެރޭ ހާއްސަ ކުލުނެއް އުފެދޭ ކަހަލަ ރޯލެކެވެ. ފާތިމަތު ނަހުލާގެ ޑައިރެކްޝަނަކަށް ޔޫއްޕެ މި ފިލްމުގައި ހަރަކާތްތެރިވިއިރު އޭނާގެ ކެރެކްޓާ އަށް ގިނަ ބައެއްގެ ތާއީދު ލިބުނެވެ.
- ކަލާޔާނުލާ (2003)
މި ފިލްމަކީ އަސަރުގަދަ ފިލްމެކެވެ. އެ އަހަރު ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން އެންމެ ހިޓުވި ފިލްމުވެސްމެއެވެ. ނަހުލާ ޑައިރެކްޓްކުރި މި ފިލްމުގައި ޔޫއްޕެއާއެކު ހަރަކާތްތެރިވީ ޝިރާނީ އާއި ނިއުމާ މުހައްމަދެވެ. ދެ އަނތްބަށް މީހަކާ އިނދެގެން އުޅޭ މީހެއްގެ ރޯލު ޔޫއްޕެ މި ފިލްމުގައި ކުޅުނުއިރު މި ފިލްމުން އޭނާ ވަނީ ގައުމީ ފިލްމު އެވޯޑުގެ އެންމެ މޮޅު އެކްޓަރުގެ މަގާމަށް ނޮމިނޭޓްވެސްވެފައެވެ. . މި ތިން ތަރިންނަކީ ވެސް އޭރުގެ އެންމެ ޑިމާންޑްބޮޑު ތިން ތަރިންނެވެ. އެންމެ ތުއްތު އިރުންފެށިގެން އެންމެ ގާތް ރަހުމަތްތެރިޔާ އީނާޒް އާއި ނާޝިދު ވަކިވާންޖެހެނީ ނާޝިދު ކިޔަވަން ބޭރަށް ދާ ހިސާބުންނެވެ. އަބަދުވެސް ނާޝިދު ދެކެ ލޯބިވާ އީނާޒްގެ ދިރިއުޅުން ބަދަލުވެގެންދިޔައީ ނާޝިދު ކިޔަވާ ނިންމައިގެން އައިއިރު ލީނާ އާ ކައިވެނިކޮށްގެން ހުރުމުންނެވެ.
- ވެހޭވާރޭ ތެރެއިން (2003)
މިއީ ޔޫއްޕެ އެންމެ ފުރަތަމަ އެވޯޑު އުފުލާލި ފިލްމެވެ. އެންމެ މޮޅު އެކްޓަރުގެ އެވޯޑު ގައުމީ ފިލްމު އެވޯޑް ހަފްލާގައި ޔޫއްޕެއަށް ލިބުނީ މި ފިލްމުގައި އޭނާ ކުޅުނު އާޒިމް ކެރެކްޓާއަށެވެ. މަޝްހޫރު ޑައިރެކްޓަރު އަބްދުލް ފައްތާހު ޑައިރެކްޓްކުރި މި ފިލްމުގައި ޔޫއްޕެ އާއެކު ހަރަކާތްތެރިވީ ޖަމްޝީދާއެވެ. ލޯބީގެ ވާހަކައަކަށް ބިނާކޮށް އުފެއްދި ފިލްމެކެވެ. ޖަމްޝީދާގެ ބެލެނިވެރިޔާގެ ފަރާތުން އޭނާއަށް ޖިންސީ އަނިޔާ ލިބެމުން ދިޔުމުން އާޒިމް (ޔޫސުފް ޝަފީއު) އާ ކައިވެނިކުރަން އެއްބަސްވެއެވެ. ޕާޓީއެއްގެ ތެރެއިން ދެމީހުން ބައްދަލުވެ ދެމީހުންގެ ގުޅުން ކުރިއަށްދާ ހިސާބުން ފިލްމު ފަށާގަނެއެވެ.
- ޒުލޭހާ (2005)
ފިރިމީހާ އަށް ބޭވަފާތެރިވުމުން އަނބިމީހާ ވަރިކޮށްލައި ގެއިން ނެރެލި މައްސަލައިގައި އަނބިމީހާ ދަރިފުޅު ފިރިމީހާ އާ ހަވާލުކުރުމަށްފަހު ފިލައެވެ. އެ ދަރިފުޅު ބޮޑުވެގެން މަންމަ ހޯދަން ކުރާ އާދޭސްތަކާއި މަންމަ އާއި ދިމާވުމުން އެ މަންމަ ކަންތައްކުރި އިހާނެތިގޮތް މި ފިލްމުން ފެނިގެންދާނެއެވެ. މި ފިލްމުގައި ޔޫއްޕެ އާއެކު ހަރަކާތްތެރިވީ ޝީލާ ނަޖީބު، ނިޝާ އަދި އަލީ ސީޒަން އެވެ. އެކަނި ހާލާ ދަރިފުޅު ބަލައިބޮޑުކޮށް ދަރިފުޅުގެ ހުރިހާ ޒިންމާއެއް ޝާހިދު (ޔޫއްޕެ) ނަގައެވެ. މި ފިލްމަކީ އަސަރުގަދަ ރީތި ދިވެހި ފިލްމެކެވެ.
- ވާ ލޯބި އެނގޭނަމަ (2006)
މި ފިލްމުން ޔޫއްޕެ އަށް ގައުމީ ފިލްމު އެވޯޑު ހަފްލާގައި އެންމެ މޮޅު އެކްޓަރުގެ އެވޯޑު ލިބުނެވެ. ދޮން ބައްޕަގެ އެދުމުގެ މަތިން އޭނާގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު ނިހާ (މަރިޔަމް އަފީފާ) އާ ކައިވެނިކުރީ ލޯބިވެރިޔާ އަޒޫ (ފާތިމަތު ފަރީލާ) އަށް ކަމުގެ ހަގީގަތް ކިޔައިދީފައެވެ. ދޮން ބައްޕަ މަރުވުމުން ނިހާ އާއި ޝިހާމްގެ ގުޅުން ހީނަރުވި ދަނޑިވަޅުގައި އަޒޫ އާއި ޝިހާމް ކައިވެނިކުރިއެވެ. ދެއަނތްބަށެވެ. މިއީ މި ފިލްމުގެ ސްޓޯރީ ލައިންއެވެ. މި ފިލްމަކީ އަހްމަދު ނިމާލު ޑައިރެކްޓްކުރި ލޯބީގެ އަސަރުގަދަ ފިލްމެކެވެ.
ކެރިއަރުގައި މިހާތަނަށް ޖުމްލަ 50 އަށްވުރެ ގިނަ ފިލްމު ކުޅެފައިވާ ޔޫއްޕެ ވަނީ ޓީވީއެމް އިން ގެނެސްދިން 7 ޑްރާމާ ސިލްސިލާގައި މަސައްކަތްކޮށްފައެވެ. އޭގެ އިތުރުން އެކްޓަރު ވަނީ 11 ކުރު ފިލްމުގައި މަސައްކަތްކޮށްފައެވެ. އެކްޓަރު ޔޫއްޕެ އަށް ވަނީ ފިލްމީ ކެރިއަރުގައި މިހާތަނަށް 11 އެވޯޑެއް ލިބިފައެވެ. އޭނާ ކުޅުނު ބައެއް އެހެން މަޝްހޫރު ފިލްމުތަކުގެ ތެރޭގައި ޔޫސުފް، ނިއުމާ، 4426، ދެވަންސޫރަ އަދި ހެހެސް ހިމެނެއެވެ. ކާމިޔާބު އެތައް ދިވެހި ފިލްމުތަކެއް ކުޅެދީފައިވާ ޔޫއްޕެގެ ފިލްމުތަކުގެ ތެރެއިން ކިޔުންތެރިންނަށް އެންމެ ކަމުދަނީ އެކްޓަރުގެ ކޮން ފިލްމެއް ހެއްޔެވެ؟