ފަލަސްތީނަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ގޮވާލާ، "ނަސްލެއް އެއްކޮށް ނެތިކޮށްލަނީ" ގެ ނަމުގައި ހިނގާލުމެއް ކުރިއަށް ގެންގޮސްފިއެވެ.

ޒުވާނުންގެ އިސްނަގައިގެން މިރޭ މާލޭގައި ބޭއްވި މި ހިނގާލުން ފަށާފައިވަނީ ރަސްފަންނުންނެވެ.

މި ހިނގާލުމުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައި ވާއިރު، ހިނގާލުމުގެ ބައިވެރީން ވަނީ ފަލަސްތީނު މިނިވަން ކުރުމަށް ގޮވާލާ ލިޔެފައިވާ އެކި އެކި ޕޯސްޓަރު ތަކުގެ އިތުރުން ފަލަސްތީނުގެ ދިދަ ހިނގާލުމުގައި ބޭނުން ކޮށްފައެވެ. އަދި ހިނގާލުމުގެ ބައިވެރިން ވަނީ އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަށް ކުށްވެރިކޮށް، އެކަން މިހާރުން މިހާރަށް ހުއްޓުމަށް ގޮވާލާފައެވެ.

މިރޭ ބޭއްވި ހިނގާލުމުގެ ތެރެއިން/ ފޮޓޯ: ދަ ޕްރެސް

ރަސްފަންނުން ފެށި މި ހިނގާލުން މަޖީދީމަގުން ގޮސް ނިންމާލާފައި ވަނީ އާޓިފިޝަލް ބީޗަށެވެ. ހިނގާލުން އިންތިޒާމު ކުރި ފަރާތުން ވަނީ ހިނގާލުން ނިންމާލުމަށްފަހު އާޓިފިޝަލް ބީޗުގައި އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާއި، ފަލަސްތީނުގެ ހާލަތު ދައްކުވައިދޭ ޕްރެޒެންޓޭޝަންއެއް ދައްކާލާފައެވެ.

އެ އިވެންޓް ނިންމާލާފައި ވަނީ ފަލަސްތީނަށްޓަކައި ކުރި ހާއްސަ ދުއާއަކުންނެވެ. ފަލަސްތީނު މިނިވަން ކުރަން ގޮވާލާ މީގެ ކުރިން ވެސް މާލޭގައި ވަނީ ހިނގާލުންތަކެއް ބާއްވާފައެވެ. އަދި އެ ހިނގާލުންތަކުގައި ވެސް ގިނަ އަދަދެއްގެ މީހުން ވަނީ ބައިވެރިވެފައެވެ.

މިދިޔަ މަހުގެ 7 ވަނަ ދުވަހުން ފެށިގެން ހުއްޓުމެއްނެތި އިޒްރޭލުން ދަނީ ފަލަސްތީނަށް ހަމަލާ ދެމުންނެވެ. އެ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 11،180 މީހުން ޝަހީދު ވެފައިވާ އިރު، އޭގެތެރޭގައި 4،607 ކުޑަކުދިން ހިމެނެއެވެ.