ފ. މަގޫދޫގައި ތަރައްގީކުރާ އެއާޕޯޓުގެ ހިންގުން ރީޖަނަލް އެއާޕޯޓްސް ކުންފުންޏާ ހަވާލުކޮށްފިއެވެ.

މިއަދު ނެރުނު ބަޔާނެއްގައި ރީޖަނަލް އެއާޕޯޓްސް ކުންފުނިން ބުނީ، ފިނޭންސް މިނިސްޓްރީ އާ އެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން، މަގޫދޫގައި ތަރައްގީކުރާ އެއާޕޯޓުގެ ހިންގުން އެ ކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށެވެ.

231.5 މިލިއަން ރުފިޔާ އަށް މަގޫދޫގައި އެއާޕޯޓެއް ތަރައްގީކުރުމަށް އެމްޓީސީސީ އާ ހަވާލުކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ގައެވެ. ސަރުކާރުން އެމްޓީސީސީ އާ އެ މަޝްރޫއު ހަވާލުކުރީ 550 ދުވަހުގެ ތެރޭ ނިންމާ ގޮތަށެވެ.

މަގޫދޫ އެއާޕޯޓުގެ މަސައްކަތް ގޮސްފައިވާ ހިސާބަށް ބަލާލާއިރު، އެ އެއާޕޯޓުގައި އިމާރާތްކުރާ ފަޔާ ބިލްޑިންގެ މަސައްކަތްތައް ވަނީ ނިންމާލައިފައެވެ. މިހާރު ކުރިއަށް ދަނީ ފަސިންޖަރުންގެ ޓާމިނަލްގެ އިމާރާތުގެ ފިނިޝިންގެ މަސައްކަތާއި، ޖެޓުތައް ޕާކުކުރާނެ ސަރަހައްދަކާއި ޖެޓް ފިއުލް ފާމެއް ހެދުމުގެ މަސައްކަތެވެ.

ރީޖަނަލް އެއާޕޯޓްސް ކުންފުނިން ބުނާ ގޮތުގައި، ޝެޑިއުލާ އެއްގޮތަށް މަސައްކަތްތައް ކުރިއަށްދާ ނަމަ، އަންނަ ޖެނުއަރީގައި އެއާޕޯޓު ހިންގަން ފެށޭނެއެވެ.

މި އަހަރު ރައްޔިތުންގެ މަޖިލިސް ފެށުމުގެ ގޮތުން ބޭއްވި ޖަލްސާގައި ދެއްވި ރިޔާސީ ބަޔާނުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ، އެންމެ ލަސްވެގެން މި އަހަރުގެ ނިޔަލަށް ފ. މަގޫދޫގެ އެއާޕޯޓު ނިމޭނެ ކަމަށެވެ.