ފައިގާ ޓެގު އެޅުވުމަށްފަހު ޝަރުތުތަކާއެކު ދޫކޮށްލައިދިނުމަށް އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްއޮނެޑް ޕިނެޑާގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ ހަލީމަތު ލަމްހާ އެދިއްޖެއެވެ.

އެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ތިން ހެކިވެރިންގެ ހެކިބަސް ނަގާފައިވާއިރު ބަންދު މުރާޖާ ކުރުމާ ގުޅޭ ގޮތުން ވެސް ވަނީ ވާހަކަދައްކާފައެވެ.

ބަންދު މުރާޖާ ކުރުމާ ގުޅޭ ގޮތުން ދައުލަތުން ބުނީ ލަމްހާއާއި މާވިން ބަންދުން ދޫކޮށްލަން ޖެހޭ ސަބަބެއް އޮތްކަމަށް ނުފެންނަ ކަމަށެވެ. އެހެންނަމަވެސް ލަމްހާގެ ފަރާތުން އޭނާގެ ވަކީލު އަހުމަދު ޔާމީން ވަނީ ލަމްހާގެ ފައިގައި ޓެގް އެޅުވުމަށްފަހު ދޫކޮށްލުމަށް އެދިވަޑައިގެންފައެވެ. އަދި ވަކީލު ޔާމީން ވަނީ ލަމްހާގެ ސިއްހީ މައްސަލަތަކެއް ވެސް އެބަހުރި ކަން ފާހަގަކުރައްވާ ޖަލުގައި މިހާރު ފަރުވާ ހޯދަމުންދާ ކަމަށްވެސް ވިދާޅުވެފައެވެ. އެކަމަށް ރައްދުދެއްވާ ދައުލަތުން ވަނީ ޓެގް އެޅުވުމަށްފަހު ބަންދުން ދޫކުރުމަކީ ޖިނާއީ އިޖްރައާތުގެ ގާނޫނު ދަންނަ ކަމެއް ނޫން ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި މާވިންގެ ފަރާތުން ވަނީ އޭނާގެ ސިއްހީ ހާލަތަށް ބަލައި، މާފުށީގައި ހުރެގެން އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވުމުގެ ފުރުސަތު ދެއްވުމަށް އެދިފައެވެ.

އެއާއެކު މި މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ވަނީ މި މަހުގެ 23 ވަނަ ދުވަހު އޮންނަ އަޑުއެހުމުގައި ބަންދު މުރާޖައާއާއި ގުޅޭގޮތުން ގޮތެއް ނިންމަވާނެ ކަމަށް އިއުލާންކުރައްވާފައެވެ.

މީގެ އިތުރުން މިއަދު ނަގާފައިވަނީ އައިޖީއެމްއެޗްގެ ނަރުހެއްގެ ހެކިބަހާއި ފުލުހުންގެ ހިދުމަތުގައި "ސީން އޮފް ކްރައިމް އޮފިސަރު" ގެ ގޮތުގައި މަސައްކަތް ކުރާ ދެ މީހެއްގެ ހެކިބަހެވެ. އެ ދެ އޮފިސަރުންގެ ހެކިބަސް ނަގާފައިވަނީ ފުލުހުންގެ ހިދުމަތުގެ ސީން އޮފް ކްރައިމް އޮފިސަސް ރިޕޯޓަކާ ގުޅިގެންނެވެ.

މިއަދު ހެކިބަސް ނެގި އައިޖީއެމްއެޗެގެ ނަރުހަކީ މޭރީގެ ފިރިމީހާ މާވިން އެސްވައި ވާގަސްގެ އިތުރުން ލަމްހާއާއެކުވެސް މަސައްކަތްކޮށްފައިވާ ނަރުހެކެވެ. އޭނާ ބުނެފައިވަނީ މޭރީ މަރުވި ދުވަހު މާވިންއާ ދިމާވުމުން ހާދިސާ ހިނގި ގޮތާ މެދު ސުވާލުކުރި ކަމަށާއި މޭރީ އަމިއްލައަށް ދަންޖެހިފައިވާ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި މާވިންގެ ހަށިގަނޑުގައި މަށައިގެން ގޮސްފައިވާ ތަންތަން ހުރުމުން އެކަމާ ގުޅިގެން ހެކިވެރިޔާ ސުވާލުކުރުމުން އެއީ މޭރީ ވަކި އަޅާފައި ކަމަށް މާވިން ބުނި ކަމަށް ހެކިވެރިޔާ ވަނީ ބުނެފައެވެ.

މިއަދު ހެކިބަސްނެގި ފުލުހުންގެ އެއް އޮފިސަރަކީ ލަމްހާގެ ގެއިން ފެނުނު ބޭސްތަކުގެ ތަފްސީލީ ފޮޓޯ ނަގައި އެއާގުޅޭ ރިޕޯޓު ތައްޔާރު ކުރެއްވި އޮފިސަރެވެ. އަދި ދެން ހެކިބަސް ނެގި އޮފިސަރަކީ ހެކީގެ ގޮތުގައި ނަގާފައިވާ ފޯނެއްގައި ހުރި ވައިބާ މެސެޖުތަކެއްގެ ފޮޓޯތަކެއް ނަގާފައިވާ އޮފިސަރެކެވެ.

މޭރީގެ މަރުގެ މައްސަލައިގައި ލަމްހާގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލާފައި ވެއެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރި ވުމުގެ ދައުވާ އާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާގެ އިތުރުން ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާއެވެ. އަދި މޭރީގެ ފިރިމީހާ މާވިން އެސް ވައި ވާގަސްގެ މައްޗަށް ކުރަނީ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

މޭރީ މަރާލި ކަމުގެ ތުހުމަތުގައި މާވިން ހައްޔަރު ކުރީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު 27 ގައެވެ. ލަމްހާ ހައްޔަރު ކުރީ އެ އަހަރުގެ ޑިސެމްބަރު 16 ގައެވެ.