ދުނިޔޭގެ އެންމެ އާބާދީ ބޮޑު އިންޑިއާގައި ދިރިއުޅޭ މުސްލިމުންގެ ފިހާރަތަކަށް އިޒްރޭލާއި އެމެރިކާގެ އުފެއްދުންތައ ނުވައްދަން ނިންމާ ބޮއިކޮޓް ކުރަން ފަށައިފިއެވެ.
އަމިއްލަ އިސްނެގުމެއްގެ ގޮތުގައި އިންޑިއާގެ މުސްލިމު ކޮމިއުނިޓީން ފެށި ބޮއިކޮޓް ކުރުމުގެ މި ހަރާކާތުގައި ގިނަ އަދަދެއްގެ ފިހާރަވެރިން ބައިވެރި ވަމުން އަންނަ އިރު ފިހާރަތަކުން ވިޔަފާރި ކުރާ ބައެއް މީހުން ވަނީ އެ ކެންޕެއިންގައި ބައިވެރިވާން ފަށާފައެވެ.
އެގޮތުން ގިނަ ފިހާރަތުން ކޮކާކޯލާ އާއި ޕެޕްސީ ފަދަ ބުއިންތައް އުކާލާފައި ވާ އިރު، ވިއްކަން ހުންނަ އިޒްރޭލާއި އެމެރިކާގެ ހުރިހާ އުފެއްދުމެއް ވެސް ވަނީ އުކާލާފައެވެ. އޭގެ އިތުރުން އެގައުމުތަކުގެ އުފެއްދުން ދެން ނުވިއްކުމަށް ވެސް ގިނަ ވިޔަފާރިވެރިން ދަނީ ނިންމަމުންނެވެ.
މީޑިއާތަކާ ވާހަކަ ދެއްކި ބައެއް ވިޔަފާރިވެރިން ބުނީ، އެމީހުންނަށް އަމަލީ ގޮތުން ގޮސް ހަނގުރާމައިގައި ބައިވެރި ނުވެވުނަސް ފަަލަސްތީނުގެ މުސްލިމުންނާ އެކު ތިބިކަން އެގޮތުންވެސް ދެއްކޭތޯ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
އިޒްރޭލުގެ އުދުވާނާ ދެކޮޅު ހެދުމަށް އިންޑިއާގެ ކެރަލާގައި އެތައްހާސް ބަޔަކު ބައިވެރިވެ ބޮޑު އެއްވުމެއް ވެސް ދާދި ފަހުން ބާއްވާފައި ވެއެވެ. އަދި އެހެން ބައެއް ސިޓީތަކުގައި ވެސް ފަލަސްތީނުގެ މުސްލިމުންނާ އެކު ތިބިކަން ހާމަކޮށް އަޑުއުފުލާފައި ވެއެވެ.
އިތުރު މީހަކު ބުނީ، އެމެރިކާއާިއ އިޒްރޭލުގެ އުފެއްދުންތައް ގަތުން ހުއްޓާލައިގެން ވެސް އެމީހުން ބޭނުންވަނީ ގާޒާ ސަލާމަތް ކުރުން ކަމަށާއި އިޒްރޭލުގެ އުދުވާން ހުއްޓުވުމަށް އަޑުއުފުލުގައި އެމީހުންވެސް ބައިވެރިވާކަން ހާމަ ކުރުން ކަމަށެވެ.
އިތުރު މީހަކު ބުނީ، އެގޮތަށް އެކަން ކުރުމުން ވިޔަފާރި ދަށްވިޔަސް ފަރުވާލެއް ނެތް ކަމަށާއި އަދި އެކަން އެގޮތަށް ކޮށްގެން އިންޑިއާގެ މިހާރުގެ ސަރުކާރުގެ ޕްރެޝަރާ ކުރިމަތިލާން ޖެހުނަސް ފަރުވާލެއް ނެތް ކަމަށެވެ.
އެކަކު ބުނީ، އިންޑިއާގައި ފަލަސްތީނަށް ތާއީދުކޮށް އަޑުއުފުލާ ފަރާތްތަކަށް ސަރުކާރުގެ ފަރާތުން މިހާރުވެސް ޕްރެޝަރު ކުރިމަތިވާ ކަމަށެވެ. އަދި އެއީ ކުރިއަށް އޮތް ތަނުގައިވެސް ކުރިމަތިވާނެ ކަމެއް ކަންވެސް އެނގޭ ކަމަށާއި ނަމަވެސް ގާޒާގެ ރައްޔިތުންގެ ހައްގުގައި އެ މިންވަރުވެސް ފުދޭކަމަށް ބުނެފައި ވެެއެވެ.
އިންޑިއާގައި ފަލަސްތީނަށް ތާއީދު ކޮށް ހިންގާ ބައެއް ހަރަކާތްތައް ސަރަަހައްދީ ސަރުކާރުތަކުން ހުއްޓުވަން މަސައްކަތް ކުރެއެވެ. އިންޑިއާ އަކި އިޒްރޭލަށް ތާއީދު ކުރާ ގައުމަކަށް ވާއިރު ބައިގިނަ ހިންދޫންނާއި އަދި ވެރިކަން ކުރާ ޕާޓީއަށް ތާއީދު ކުރާ މީހުން އިޒްރޭލަށް ތާއީދު ކޮށް ބޮދެތި ރެލީތައް ވެސް ބާއްވާފައި ވެއެވެ. އަދި އިޒްރޭލް ސިފައިންނާ ބައިވެރިވެގެން ހަނގުރާމައަށް ދާން އެތައް ބަޔަކު ވޮލަންޓިއާ ކޮށްފައި ވެސް ވެއެވެ.
އިޒްރޭލުން ގާޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި މިހާތަނަށް 11،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. އޭގެ ތެރެއިން 4500 އަކީ ކުޑަކުދިންނެވެ.