ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރުގެ މައްސަލަ އެޖެންޑާކޮށްފައިވާ ޖަލްސާގެ ރިޔާސަތު، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަށް ނުބެލެހެއްޓޭނެ ކަމަށް ވިދާޅުވެ، ރިޔާސަތުން އީވާ ފައިބައިވަޑައިގަތުމަށް، މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ގޮވާލައްވައިފިއެވެ.

ނިޒާމީ ނުކުތާ އެއް ނަންގަވައި ގާސިމް ވިދާޅުވީ، ނަޝީދުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ހުރަސް އަޅައި، މަޖިލީހުގައި ހަޅުތާލުކޮށް މުޅި ނިޒާމު ނަގާލުމަކީ އާންމުންގެ މަސްލަހަތަށް ބޮޑު ނިކަމެތިކަމެއް ލިބިގެން ދާނެ ކަމެއް ކަމަށެވެ.

އީވާގެ މަސްލަހަތު ކަނޑައެޅިގެން ފުށޫއަރާކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވި ގޮތުގައި، ގާނޫނުއަސާސީ އޮތް ގޮތުން އީވާ އަށް ނަޝީދު ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރުގެ ރިޔާސަތެއް ނުބެލެހެއްޓޭނެއެވެ. ގާސިމް ރިއާޔަތްކުރެއްވީ ގާނޫނުއަސާސީގެ 75 ވަނަ މާއްދާއަށެވެ.

އެ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، މަޖިލީހުގެ މެންބަރުން އަމަލުކުރަން ވާނީ ގައުމީ މަސްލަހަތާއި ރައްޔިތުންގެ ލާބަ އާއި މަންފާ އަށް އިސްކަންދީގެންނެވެ. އަދި އެއްވެސް މެންބަރަކު އެ މީހެއްގެ ނުވަތަ އެ މީހަކާ ހާއްސަ ގުޅުމެއް އޮތް އެހެން މީހެއްގެ ވެސް ޒާތީ މަސްލަހަތެއް ކުރިއެރުވުމަށް މަގާމުގެ ބޭނުންކޮށްގެން ނުވާނެ ކަމަށް ވެސް ވެއެވެ.

އެހެންކަމުން އީވާ ރިޔާސަތުން ތެދުވެވަޑައިގަތުމަށް ގާސިމް ގޮވާލެއްވިއެވެ.

ނަމަވެސް އީވާ ވިދާޅުވީ، ގާސިމްގެ ފަރާތުން ނިޒާމީ މައްސަލައެއް ފާހަގަކުރެއްވި ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

މިއަދަށް ރައްޔިތުންގެ މަޖިލީހުން ވަނީ ދެ ޖަލްސާ އެއް ތާވަލުކޮށްފައެވެ. އެއީ:

  • އަންނަ އަހަރަށް ލަފާކުރާ ބަޖެޓާއި ސަޕްލިމެންޓްރީ ބަޖެޓު ހުށަހަޅާ ޖަލްސާ
  • ނަޝީދު ވަކިކުރުމަށް ހުށަހެޅި ގަރާރާ މެދު ގޮތް ނިންމާ ޖަލްސާ

އެ ދެ ޖަލްސާގެ ތެރެއިން ބަޖެޓު ހުށަހަޅާ ޖަލްސާ ކުރިއަށް ނުގެންދެވުނީ އެމްޑީޕީގެ މެންބަރުން މަޖިލީހަށް ހާޒިރުވެވަޑައިގެންނެވި ނަމަވެސް، ތަޅުމަށް ވަދެވަޑައިނުގަންނަވާތީއެވެ. އެހެންކަމުން އެ ޖަލްސާގެ ކޯރަމް ހަމަނުވުމުން، ދެ ފަހަރެއްގެ މަތިން ޖަލްސާ މެދުކަނޑާލައި ތިންވަނަ ފަހަރު ފަށައިގެން ވެސް ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ.

އޭގެ ފަހުން މިއަދު 11 ޖަހާއިރަށް ތާވަލުކޮށްފައިވާ ނަޝީދު ވަކިކުރުމުގެ ގަރާރު ހުށަހަޅާ ޖަލްސާ އަށް އެމްޑީޕީގެ މެންބަރުން ވަނީ ހާޒިރުވެވަޑައިގެންފައެވެ ނަމަވެސް އެ ޖަލްސާގެ ރިޔާސަތުގައި އީވާ އިންނަވައި، ރިޔާސަތުގެ ގޮނޑިކޮޅުން ތެދުވެވަޑައިގަތުމަށް ދެކޮޅު ހެއްދެވުމުން އެމްޑީޕީގެ މެންބަރުން އަދިވެސް ގެންދަވަނީ އިހްތިޖާޖުކުރައްވަމުންނެވެ.