ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތަކަށް މަޖިލީހުގެ ނިޒާމު ނެތް ކަމަށް ވިދާޅުވެ، ރިޔާސަތުން ޖަލްސާ މެދުކަނޑާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދެ ޖަލްސާ އެއް މިއަދަށް އެޖެންޑާކޮށްފައިވެއެވެ. އެއީ:

  • އަންނަ އަހަރަށް ލަފާކުރާ ބަޖެޓާއި ސަޕްލިމެންޓްރި ބަޖެޓު ހުށަހަޅާ ޖަލްސާ
  • ނަޝީދު ވަކިކުރުމަށް ހުށަހެޅި ގަރާރުގެ ޖަލްސާ

މި ދެ ޖަލްސާގެ ތެރެއިން ނަޝީދު މަގާމުން ވަކިކުރުމަށް ހުށަހަޅާ ގަރާރުގެ ޖަލްސާ ތާވަލުކުރީ ހެނދުނު 11 ޖަހާއިރަށެވެ. އެހެންކަމުން ބަޖެޓު ހުށަހެޅުމަށް ބޭއްވި ޖަލްސާ ބޯއިކޮޓް ކުރުމަށް ފަހު ނަޝީދު ވަކިކުރުމަށް ހުށަހަޅާފައިވާ ޖަލްސާ އަށް އެމްޑީޕީގެ މެންބަރުން ވަޑައިގެންނެވީއެވެ. އެމްޑީޕީގެ މެންބަރުން ބަޖެޓު ހުށަހެޅުމަށް ބޭއްވި ޖަލްސާ ބޯއިކޮޓް ކުރުމުން އެ ޖަލްސާ ނުފެށި ދެ ގަޑިއިރު ފާއިތުވެގެން ދިޔައެވެ.

އެވަގުތު ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ، މަޖިލީހުގެ ނިޒާމު އޮތީ ނަޝީދުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތަކަށް ނޫން ކަމަށް މެންބަރުންނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އީވާ ވިދާޅުވީ، އެހެންކަމުން މަޖިލީހުގެ ޖަލްސާ މެދުކަނޑާލަން ނިންމެވީ ކަމަށެވެ.

"ދެން ޖަލްސާ އެއް ބާއްވާނެ ގަޑި އަޅުގަނޑު އިއްޒަތްތެރި މެންބަރުންނަށް އަންގާލާނަން،" އީވާ ވިދާޅުވިއެވެ.

އީވާ ރިޔާސަތުގައި އިންނެވި ވަގުތު، އެމްޑީޕީގެ މެންބަރުން ގެންދެވީ އަޑުގަދަކުރައްވަމުންނެވެ. އެގޮތުން ރިޔާސަތުގެ މޭޒު ކުރިމަތީގައި ބައެއް މެންބަރުން އިހްތިޖާޖުކުރެއްވިއިރު އަނެއްބައި މެންބަރުން ގެންދެވީ، އަޑުގަދަކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކޮށްގެން އަޑުގަދަކުރަމުންނެވެ.

މިއަދުގެ ވަގުތެއްގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ފަރާތުން ވަނީ މަޖިލީހުގެ ނައިބު ރައީސްކަމުން އީވާ ވަކިކުރުމަށް އަލުން ހުށަހެޅުމަށް ނިންމައިފައެވެ.