ފޮށިން ފިސްތޯލައެއް ފެނިގެން ސްރީލަންކާގެ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓް (ބީއައިއޭ) އިން ދިވެއްސަކު ހައްޔަރު ކޮށްފިއެވެ.

ލަންކާގެ ފުލުހުންނާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުގައި ބުނެފައިވަނީ ރޭ 11 ޖަހާއިރު ލަންކާ އެއާޕޯޓުން ހައްޔަރު ކޮށްފައި ވަނީ އުމުރުން 58 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އޭނާ ދަތުރުކުރަން ހަމަޖެހިފައި އޮތީ ރޭ މާލެ އަންނަ ފްލައިޓަކުން މާލެ އަށް ކަމަށް ވެސް ބުނެފައި ވެއެވެ.

މި މައްސަލަ ލަންކާގެ ފުލުހުން ދަނީ ތަހުގީގު ކުރަމުން އަންނަ އިރު އެއީ ކާކުކަމެއް އަދި ސާފެއް ނުވެއެވެ. ލާންކާގެ ފުލުހުންވެސް އޭނާގެ ވަނަވަރު ހާމަކޮށްފައެއް ނުވެއެވެ.

މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.

މީގެ ކުރިންވެސް އެއާޕޯޓްތަކުން މިފަދަ ގޮތަކަށް ދިވެހިން ހައްޔަރުކޮށްފައި އެބަ ހުއްޓެވެ. ރާއްޖެ އެތެރެކުރިން މަނާ ތަކެތި އެތެރެކުރަން މަސައްކަތް ކުރަނިކޮށް އެތަކެއްޗާއެކު މީގެ ކުރިން ފިރިހެނުންގެ އިތުރުން އަންހެނުންވެސް ހައްޔަރުކޮށްފައި އެބަހުއްޓެވެ. އޭގެ ތެރޭގައި މަސްތުވާތަކެތި އެތެރެކުރަން މަސައްކަތް ކުރި މީހުންވެސް ހިމެނެއެވެ.