ނިއުމާ މުހައްމަދު އަކީ މިއަދުވެސް ގިނަ ދިވެހިންނަށް ކަމުދާ ތަރިއެކެވެ. ފިލްމު "ނިވައިރޯޅި" އަށްފަހު ކެމެރާ ކުރިމަތިން ބަތަލާ ގެއްލުނު ކަމުގައި ވީނަމަވެސް ގިނަ ބަޔަކު އަދިވެސް ނިއުމާގެ އެކްޓިން ބަލައިލަން ބޭނުންވެއެވެ.

ކެމެރާގެ ކުރިމަތިން ގެއްލުނު ނަމަވެސް ބަތަލާ ނިއުމާ އަންނަނީ ބުރަކޮށް ކެމެރާ ފަހަތުގައި މަސައްކަތް ކުރަމުންނެވެ.

އޭރުވެސް މިހާރު ވެސް ދިވެހިންނަށް އެންމެ ކަމުދަނީ ނިއުމާއެވެ. 1996 ވަނަ އަހަރު ދިވެހި ފިލްމު އިންޑަސްޓްރީގައި ފައިތިލަ ސާބިތުކޮށްލި ގޮތަށް ބަތަލާ ވަނީ 2019 ވަނަ އަހަރާ ހަމައަށް ކެމެރާ ކުރިމަތީގައި މަސައްކަތްކޮށްފައެވެ.

ފިލްމީ ކެރިއަރުގައި ނިއުމާގެ ބްރޭކް ތްރޫ ޕޮއިންޓަކަށްވީ ފިލްމަކީ ރީކޯ މޫސާ މަނިކު އާއެކު ކުޅުނު ފިލްމު ފަތިސް ހަނދުވަރުއެވެ. މި ލިޔުމުގައި ހިމަނާލާނީ ނިއުމާގެ ބައެއް ފިލްމުތަކުގެ ވާހަކައެވެ.

  • ބަދަލު

1996 ވަނަ އަހަރު ހާމިދު އަލީ ޑައިރެކްޓްކޮށް ގެނެސްދިން މި ފިލްމުގެ ތަރިންގެ ގޮތުގައި ހަރަކާތްތެރިވީ ހާމިދު، ނިއުމާ، ހުސައިން ސޮބާހް އަދި ވަލީދާ ވަލީދެވެ. މި ފިލްމަކީ ނިއުމާ ފުރަތަމަ އެކްޓް ކުރި ފިލްމުވެސްމެއެވެ. އަދި މި ފިލްމަކީ ނިއުމާ އަށް އެވޯޑެއް ލިބުނު ފުރަތަމަ ފިލްމުވެސްމެއެވެ. މި ފިލްމުގައި ނިއުމާ އަށް ވަނީ ތިން އެވޯޑެއް ލިބިފައެވެ. އެއީ އެންމެ މޮޅު ބަތަލާގެ އެވޯޑު، އެންމެ މޮޅު ހުށައެޅުންތެރިޔާގެ އިތުރުން އެންމެ މޮޅު ނެށުންތެރިޔާގެ އެވޯޑެވެ. އެހެންކަމުން މި ފިލްމުވެގެންދާނީ ނިއުމާ އަށް ހަމަގައިމުވެސް އެތައް ގޮތަކުން ހާއްސަ ފިލްމަކަށެވެ.

  • ފަތިސް ހަނދުވަރު

1997 ވަނަ އަހަރު ނެރުނު ކާމިޔާބު ފިލްމު ފަތިސް ހަނދުވަރަކީ މިއަދުވެސް ގިނަ ދިވެހިންނަށް ކަމުދާ ރީތި ފިލްމެކެވެ. ޖިންނި އަކާއި އިންސާނަކު ލޯބިވެ ދިމާވާ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ގެނެސްދީފައިވާ މި ފިލްމަކީ ދިވެހި ފިލްމު އިންޑަސްޓްރީގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު އެއް ފިލްމެވެ. އަދި މި ފިލްމަކީ އެންމެ ގިނަ ޝޯތައް ދެއްކި ފިލްމުވެސްމެއެވެ. އީސާ ޝަރީފުގެ ޑައިރެކްޝަނަކަށް އަސްލަމް ރަޝީދު ޕްރޮޑިއުސްކޮށްފައިވާ މި ފިލްމުގެ "ޒޫނާ" ޑައިލޮގަކީ މިއަދުވެސް ދިވެހިންގެ މެދުގައި މަޝްހޫރު ޑައިލޮގެކެވެ. މި ފިލްމަކީ ނިއުމާގެ އަޑު ފިލްމު އިންޑަސްޓްރީގައި ގަދަވެގެންދިޔަ ފިލްމެވެ.

  • ކަލާޔާނުލާ

2003 ވަނަ އަހަރު ފާތިމަތު ނަހުލާގެ ޑައިރެކްޝަނުގެ ދަށުން ނެރުނު މި ފިލްމަކީ ނިއުމާގެ އިތުރުން ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި ޝިރާނީ ހަރަކާތްތެރިވި ފިލްމެކެވެ. މި ތިން ތަރިންނަކީ ވެސް އޭރުގެ އެންމެ ޑިމާންޑްބޮޑު ތިން ތަރިންނެވެ. އެންމެ ތުއްތު އިރުންފެށިގެން އެންމެ ގާތް ރަހުމަތްތެރިޔާ އީނާޒް އާއި ނާޝިދު ވަކިވާންޖެހެނީ ނާޝިދު ކިޔަވަން ބޭރަށް ދާ ހިސާބުންނެވެ. އަބަދުވެސް ނާޝިދު ދެކެ ލޯބިވާ އީނާޒްގެ ދިރިއުޅުން ބަދަލުވެގެންދިޔައީ ނާޝިދު ކިޔަވާ ނިންމައިގެން އައިއިރު ލީނާ އާ ކައިވެނިކޮށްގެން ހުރުމުންނެވެ. ލޯބީގެ އަސަރުގަދަ މި ފިލްމުން ނިއުމާ އަށް ވަނީ ގައުމީ ފިލްމު އެވޯޑު ހަފްލާގައި އެންމެ މޮޅު ބަތަލާގެ ރޯލު ވެސް ލިބިފައެވެ.

  • ޔޫސުފް

މަންމަން މީހެއް ދެކެ ލޯބިވެ އާއިލާ އާ ދެކޮޅަށް ކުރި ކައިވެންޏެއްގެ ސަބަބުން އެ ކައިވެނީގައި މައްސަލަތަކެއް ޖެހިގެން ދިޔަ މަންޒަރު ފިލްމުން ފެނިގެންދިޔައެވެ. ދަރިއަކު ލިބި އެ ދަރިފުޅާ ވަކިވެ ދުރުގައި ހުންނަން އުޝާ (ނިއުމާ) ހުންނަންޖެހެއެވެ. 2008 ވަނަ އަހަރު ނަހުލާ ޑައިރެކްޓްކުރި މި ފިލްމުގައި ނިއުމާ އާއެކު ލީޑު ރޯލުން ފެނިގެންދިޔައީ ވެސް ޔޫއްޕެއެވެ. އަސަރުގަދަ ލޮލުން ކަރުނަ ހިލުވާލި މި ފިލްމުގައި ނިއުމާ ދެއްކި މޮޅު އެކްޓިން އަށް ވަނީ ފިލްމު އެވޯޑު ހަފްލާގައި އެންމެ މޮޅު ބަތަލާގެ އެވޯޑު ލިބިފައެވެ.

  • ނިއުމާ

މި ފިލްމުގެ ޑައިރެކްޓަރަކީ ވެސް ނިއުމާ އެވެ. އަދި ބަތަލާ އަކީ ވެސް ނިއުމާއެވެ. މި ފިލްމުވެގެންދިޔައީ އެ އަހަރު ނެރުނު އެންމެ ކާމިޔާބު ފިލްމަށެވެ. ބައްޕަ އާއި ފިރިހެން ދަރިފުޅު ގުޅިގެން ނިއުމާ އަށް ޖިންސީ ގޯނާ ކުރާ މަންޒަރު މި ފިލްމުން ފެނިގެންދެއެވެ. ފިރިމީހާގެ ނުބައި ރޭވުމުގައި ވަފިއްޔާ ޖެހި ދަރިފުޅަށްޓަކައި އެއްވެސް ކަމެއް ނުކޮށްދެވި އާއިލާ ތެރޭ ބަސްނުވިކި މައިމީހާ ބެދޭ މަންޒަރު ފެނިގެންދެއެވެ. އެންމެފަހުން ބައްޕަގެ ނުބައިކަމުން ސަލާމަތްވުމަށްޓަކައި ނިއުމާ އޭނާގެ ބައްޕަ މަރާލާ މަންޒަރު މި ފިލްމުން ފެނިގެންދިޔައެވެ. މުހައްމަދު އަބްދުﷲ (މުހައްމާ) ޕްރޮޑިއުސްކުރި މި ފިލްމުގައި ނިއުމާގެ އަސްލު އިސްތަށިގަނޑު އެއްކޮށް ކޮށާލާ އޭނާ ތަލަކޮށްލައެވެ.

މި ފިލްމުތަކުގެ އިތުރުންވެސް ނިއުމާގެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި ޒަލްޒަލާ، ހިޔަނި، ދަރިންނަށްޓަކައި، މާފެއްނެތް އަދި ފަހުސޮފުހާ ހިމެނެއެވެ. ފިލްމީ ކެރިއަރުގައި ޖުމްލަ 49 ފިލްމު ކުޅެދީފައިވާ ނިއުމާ ވަނީ ޓީވީއެމް އިން ގެނެސްދިން ޑްރާމާ ސިލްސިލާގެ 25 ޑްރާމާ ކުޅެދީފައެވެ. އޭގެ އިތުރުން ބަތަލާ ވަނީ 14 ކުރު ފިލްމު ކުޅެފައެވެ. ބަތަލާ އެންމެފަހުން ކުރި މަސައްކަތަކީ މިއަހަރު އޮލިމްޕަސް ސިނަމާއަށް އައި ދިވެހި ފިލްމު "ކަޅަކި" ގެ މަސައްކަތެވެ. އެ ފިލްމަކީ ނިއުމާ ޕްރޮޑިއުސްކުރި ފިލްމެކެވެ. ބަތަލާ ވަނީ މިހާރު "ކަނި" ކިޔާ ފިލްމެއް ވެސް އިއުލާންކޮށްފައެވެ. ކާމިޔާބު އެތައް ދިވެހި ފިލްމުތަކެއް ކުޅެދީފައިވާ ނިއުމާގެ ފިލްމުތަކުގެ ތެރެއިން ކިޔުންތެރިންނަށް އެންމެ ކަމުދަނީ ބަތަލާގެ ކޮން ފިލްމެއް ހެއްޔެވެ؟