މިހާރު އޮލިމްޕަހުގައި އަޅުވާފައިވާ އޮތް ދިވެހި ފިލްމު "ކަޅަކި" ގެ ޕްރޮޑިއުސަރު ނިއުމާ މުހައްމަދު ދެން އެންމެ އަވަހަށް ގެނެސްދޭނީ "ކަނި" ކިޔާ ފިލްމެއްކަން ހާމަކޮށްފިއެވެ.

ދިވެހި ފިލްމު އިންޑަސްޓްރީ ދުށް އެންމެ މޮޅު ބަތަލާއިންގެ ތެރޭގައި ހިމެނޭ ނިއުމާގެ ފިލްމު ކުންފުނި ނިއުޒޯ ސްޓޫޑިއޯ އާއި ކުޅަދާނަ ލިޔުންތެރިޔާ އަދި "އެހެނަސް" ވާހަކަ އަދި ވެސް ސީރީޒް އުފެއްދުމުގައި މަސައްކަތްކުރި އަހްމަދު އިގްބާލް (އައިކިއު) އާ ގުޅިގެން އުފައްދާ މި ފިލްމަކީ އަންނަ އަހަރަށް ތާވަލްކޮށްފައިވާ ފިލްމެކެވެ. ފިލްމު "ކަޅަކި" އެކޭ އެއްގޮތަށް "ކަނި" އަކީ ވެސް ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓްކޮށް ނިއުމާ ޕްރޮޑިއުސްކުރާ ފިލްމެކެވެ. ފިލްމުގެ ފަސްޓްލުކް މިހާރު އާންމުކޮށްފައިވާއިރު އެ ފަސްޓްލުކުން ފެނިގެންދަނީ ރާއްޖޭގެ ކޮންމެވެސް ރަށެއްގެ ގަސްބޯ ހިސާބެކެވެ. މި ފިލްމަކީ ވެސް ބިރުވެރި ޖޯންރާ އަށް ގެނެސްދޭން ނިންމާފައިވާ ފިލްމެކެވެ. ފިލްމުގައި ހަރަކާތްތެރިވާ ތަރިން އަދި އިއުލާންކޮށްފައިނުވާއިރު މި ފިލްމާ ގުޅޭ މާ ބޮޑު ތަފްސީލެއްވެސް އަދި ހާމަކޮށްފައެއް ނުވެއެވެ.

ދިވެހި ފިލްމު "ކަޅަކި"ގެ އެންމެ ފަހު ޝޯ މިރޭ އޮލިމްޕަހުގައި ދައްކަން ހަމަޖެހިފައިވާއިރު މި ފިލްމު އަންނަ ހުކުރު ދުވަހުގެ ރޭ ހިންނަވަރުގައި އަޅުވަން ވަނީ ނިންމާފައެވެ. މިދިޔަ ހަފްތާގެ ހުކުރު ދުވަހުގެ ޝޯއިން ލިބުނު ފައިސާ ނިއުމާ ވަނީ ފަލަސްތީނަށް ހަދިޔާކުރަން ނިންމާފައެވެ. "ކަޅަކި" ގައި ހަރަކާތްތެރިވާ ތަރިންނަކީ ޔޫއްޕެ، ސީޒަން، މަނިކު، ރިޝްފާ، ވާޝިޔާ އަދި ލަހޫއެވެ.