ރަޝިއާ އިން ޔޫކްރައިން އާ ދެކޮޅަށް ކުރަމުން ދާ ހަނގުރާމައިގައި, ރަޝިއާއިން ފޮނުވާލި މިސައިލެއް މިއަދު ޔޫކްރައިންގެ ވެރިރަށް ކީވް އަށް އަރައިފިއެވެ.
މިއީ ޔޫކްރައިންގެ އިން ދިފާއު ވަރުގަދަ ކުރި ފަހުން ވެރިރަށަށް ހަމަލާއެއް ނާރާތާ 52 ދުވަސް ފަހުން އެރި ފުރަތަމަ ހަމަލާއެވެ.
ކީވްގެ މޭޔަރު ވިޓަލީ ކްލިސްޗަކޯ ޓެލެގްރާމްގައި ވިދާޅުވީ, ރަޝިއާއިން ފޮނުވާލި މިސައިލް ކީވް އަށް އެރި ނަމަވެސް މިސައިލުން ދިފާއުވާ ނިޒާމުތަކުން އެ މިސައިލަށް ހަމަލާ އަމާޒުވި ކަމަށާއި ކީވް އަށް މިސައިލް ވެއްޓުނީ ގޮވައިގެން ކަމަށެވެ.
މިއާއެކު އޭނާ ވަނީ ކީވްގެ ރައްޔިތުން ރައްކާތެރިވެ ތިބުމަށް އިލްތިމާސް ކުރައްވާފައެވެ.
މިހަމަލާގައި އެއްވެސް މީހަކަށް އަނިޔާ ވެފައެއް ނުވެއެވެ.
ރަޝިއާގެ މިސައިލެއް ކީވް އަށް އަމާޒުވި އިރު އެގައުމުގެ ރައީސް ވްލަޑިމިއަ ޒެލެންކްސްކީ އުޅުއްވަނީ, ރަޝިއާއިން ހިފި ހާސަން އަނބުރާ ޔޫކްރައިން އިން އަތުލިތާ އަހަރެއް ވުން ފާހަގަ ކުރެއްވުމަށް ހާސަންގައެވެ.
ރަޝިއާގެ ބައެއް ހަމަލާތައް ވެރިރަށް ކީވް އާ 442 ކިލޯމީޓަރު ދުރުގައި އޮންނަ އޮޑިއްސާ އަށް އަރާފައި ވާ އިރު އެ ހަމަލާގައި 3 މީހަކު ވަނީ ޒަހަމްވެފައި ކަމަށް ހަބަރުތައް ބުނެއެވެ.
މިފަދަ އިތުރު ހަމަލާއެއް މިދިޔަ ބުދަ ދުވަހުވެސް އޮޑިއްސާ އަށް އަރާފައި ވެއެވެ. އެ ދުވަހު އެކަކު ވަނީ މަރުވެފައެވެ.
އިޒްރޭލުން ގާޒާއާ ދެކޮޅަށް ފަށާފައި ވާ އަނިޔާވެރި ހަނގުރާމަ އާ ހުރެ ޔޫކްރައިން ހަނގުރާމައަށް ދޭ ސަމާލުކަން ދުނިޔެއިން ކުޑަކޮށްފައި ވާ އިރު, ޔޫކްރައިން އަށް މަދަދު ދޭ ގައުމުތަކުގެ ސަމާލުކަންވެސް ޔޫކްރައިންގެ މައްޗަށް މިދަނޑިވަޅުގައި ވަނީ ކުޑަވެފައެވެ. ނަމަވެސް ދާދިފަހުން ޖަޕާނުގައި ބޭއްވި ޖީ7 ގެ ގައުމުގަތުގެ އިސްވެރިންގެ ބައްދަލުވުމުގައި ވެރިން ވިދާޅުވެފައި ވަނީ ޔޫކްރައިން އަށް އެހީވުމަކީ އެފަރާތްކަން އެއްބަސްވެ ކުރަމުން އަންނަ ކަމެއް ކަމަށާއި ގާޒާ ހަނގުރާމައާ ހުރެ އެ ސަމާލުކަން ކުޑަވެގެން ނުވާނެ ކަމަށެވެ. ހުޅަނގާއި އެމެރިކާ ހިމެނޭހެން ޔޫކްރައިން އަށް އަސްކަރީ ގޮތުންނާއި މާލީ ގޮތުން އެހީތެރިވަމުން ދާ އިރު އަދި އެންމެ ޒަމާނީ ހަތިޔާރު ދީ އެހީތެރިކަން ފޯރުކޮށްދެމުން ދާނެ ކަމަށް ބުނެފައި ވާ އިރު ގާޒާ ހަނގުރާމައާ ހުރެ ސަމާލުކަން ކުޑަވެއްޖެ ކަމަށް ވިދާޅުވީ ޒެލެންސްކީ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އޭނާ ވިދާޅުވީ, ޔޫކްރައިން އަށް އެހީވުމާކީ ހުޅަނގުގެ 'ޑިއުޓީ' އެއް ކަމަށް ބުނެފައި ވާ ކަމަށާއި ނަމަވެސް ޔޫކްރައިން އިން އެދޭ އެންމެ ޒަމާނީ ހަތިޔާރު ދިނުމުގައި ހުޅަނގާއި އެމެރިކާއިން ލަސްކުރަމުން ގެންދާ ކަމަށެވެ. އޭގެ ނަތީޖާއަކީ ރަޝިއާގެ ސަފުތައް އިތުރަށް ވަރުގަދަ ކޮށް ބަދަހިކުރުމަށް ރަޝިއާ އަށް ވަގުތު ލިބިގެން ދިޔުން ކަމަށާއި, ޔޫކްރައިންގައި އެފް16 މަރުކާގެ ބޮން އަޅާ ބޯޓު ފަހަރު ނެތުމާއެކު ވައިގެ މަގުން ރަޝިއާ އާ ކުރިމަތި ލުބުމުގައި ގޮންޖެހުންތަކާ ކުރިމަތިވެފައި ވާ ކަމަށެވެ.
ޔޫކްރައިން އާއި ރަޝިއާ އާ ދެމެދު ކުރަމުން ދާ ހަނގުރާމައިގެ މާބޮޑު އަޕްޑޭޓެއް ނުވަތަ ހަބުތަކެއް މިހާރު ލިބެމުން ނުދިޔަ ނަމަވެސް ދެފަރާތުގެ ދެމެދުގައި ސަރަހައްދީ އިމުގައި މިހާރުވެސް ދަނީ ހަމަލާ ބަދަލުކުރަމުންނެވެ. އަދި ޑްރޯން ބޭނުން ކޮށްގެން ދެގައުމުން އެއްބަޔަކު އަނެއް ބަޔަކަށް އެއްބަޔަކު އަނެއް ބައެއްގެ އިންފްރާސްޓްރަކްޗާތައް [އުމްރާނީ ވަސީލަތްތައް] ހަލާކުކުރަމުން ގެންދާ އިރު, ދެގައުމު ގުޅޭ ޖަންގަލިތެރޭގައި ވެސް ދަނީ ހަމަލާތައް ބަދަލުކުރަމުންނެވެ.
އެމެރިކާގެ ނިއުޔޯކް ޓައިމްސް އިން ބުނާ ގޮތުން އެ ހަނގުރާމައިގައި ދެފަރާތުން މަރުވެ ނުވަތަ ޒަހަމްވި މީހުންގެ އަދަދު މިހާރު ވަނީ 500,000 އަށް އަރާފައެވެ. އެގޮތުން ރަޝިއާގެ 300,000 ސިފައިން މަރުވެފައި ވާ ކަމަށާއި 170,000 އެއްހާ ސިފައިން ޒަހަމްވެފައި ވާ އިރު ޔޫކްރައިންގެ 70,000 ސިފައިން މަރުވެ 120,000 އެއްހާ ސިފައިން ވަނީ ޒަހަމްވެފައެވެ.
މިއަދަދުތަކަކީ ޔޫކްރައިން އާއި ރަޝިއާގެ އޮފިޝަލުން ހާމަ ކޮށްފައި އަދަދުތަކެއް ކަމަށް ނުވާ އިރު ނިއުޔޯކްޓައިމްސް އިން މި އަދަދުތައް ހާމަ ކުރަނީ އެމެރިކާގެ އަސްކަރިއްޔާ އާ ހަވާލާ ދީއެވެ.