ބިދޭސީ އަކު ރަހީނުކުރި މައްސަލައިގައި ހައްޔަރު ކުރި ބަންގްލަދޭޝް މީހާކު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އެދިގެން، ކްރިމިނަލް ކޯޓުން މި މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައި ވަނީ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ މުހައްމަދު އާރިފް ހޮސައިން (37އ)އެވެ

ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވަނީ އޭނާގެ މައްޗަށް ތުހުމަތެއް ވުޖޫދުވާ ވަރަށް ހެކި ލިބިފައިވާކަމަށް ފެންނަ ކަމަށެވެ. މިގޮތުން ހުށަހަޅާފައިވާ ބަޔާންތަކުންނާ އަދި އަނިޔާ ލިބުނު ފަރާތާ ސީނުން ނަގާފައިވާ ފޮޓޯތަކުން އޭނާ މީހަކު ރަހީނުކޮށް އިންޒާރުދީ އަނިޔާވެރި އަމަލުތަކެއް ހިންގުމުގައި ބައިވެރިވެފައިވާ ކަމަށް ފެންނަ ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.

އާރިފް ހޮސައިންގެ ޝަރީއަތް ނިމެންދެން ރިމާންޑް ޖަލެއްގައި ބަންދުކުރުމަށް ކޯޓުން ކޮށްފައިވާ އަމުރުގައި ބުނެފައިވަނީ އޭނާ ބަންދުކޮށްފައިވަނީ ރާއްޖޭގެ ގާނޫނު އަސާސީގެ 49 ވަނަ މާއްދާއަށް ރިއާޔަތްކޮށް މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައި ކަމަށެވެ.

މީގެ އިތުރު އޭނާއަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ފަރާތެއް ކަމަށް ވާތީ ފިލައިގެން ދިއުމުގެ އިހްތިމާލުވެސް އޮތްކަމަށް ފެންނަ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.