މަސައްކަތް ކުރީ އިންސާފުވެރި، އޯގާތެރި، ހެޔޮ ވެރިކަމެއް ރައްޔިތުންނަށް ކޮށްދިނުމަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ސޯލިހު ވިދާޅުވީ ފާއިތުވި ފަސް އަހަރު ގައުމަށް ގެނެވުނު ހަމަޖެހުމާއި ސުލްހަމަސަލަސް ކަމަކީ ލިބުނު އެންމެ ބޮޑު ކުރިއެރުން ކަމަށާއި މާލޭގެ މަގުތައް އަމާންކަމާއެކު ބޭއްވުނީ ގިނަ މަސައްކަތްތަކެއް ސަރުކާރުން ކޮށްގެން ކަމަށެވެ. އެގޮތުން ކުށްކުރާ ގްރޫޕްތަކާއި ޑްރަގުގެ ވިޔަފާރިއާ ދެކޮޅަށް އުނދަގޫ އަދި ބުރަ މަސައްކަތްތަކެއް ކުރަންޖެހުނު ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ އެ މަސައްކަތުގައި ފުލުހުންނާއި ސިފައިން އަދާކުރި ދައުރު ބޮޑު ކަމަށްވެސް ވިދާޅުވެފައެވެ.
ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ ޝަރުއީ ދާއިރާއާއި ފުލުހުންނާއި ސިފައިން އަދި މިނިވަން މުއައްސަސާތައް ސިޔާސީ ނުފޫޒުން މިނިވަންވުމަކީ ގައުމަށް ކޮންމެހެން ބޭނުންކަމެއް ކަމަށާއި ނުފޫޒުން އެއްކިބާވެ މަސައްކަތްކުރުމުގެ ފުރުސަތު އެ ދާއިރާތަކަށް މި ފަސް އަހަރު ލިބިގޮސްފައިވާ ކަމަށެވެ.
ވެރިކަމުގެ ހައްގުތައް އަދާކުރުމުގައި ހަމަހަމަކަމާއެކު އިޖުތިމާއީ އަދާލަތު ގާއިމުކުރުމަށް މި ފަސް އަހަރު އިސްކަންދީފައިވާ ކަމަށާއި ރަށްތަކުގެ މެދުގައި އޮތް ޒަމާންވީ ފަރަގު ކުޑަކުރުމަށް ސަރުކާރުން އިސްކަންދީފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އަދި ހިދުމަތްތައް ހަމަހަމަކުރެވި ވަސީލަތްތައް ފުރިހަމަކޮށް ކޮންމެ ރަށެއްގެ ކޮންމެ ރައްޔިތެއްގެ މައްޗަށް ސަރުކާރުން އަދާކުރާންޖެހޭ ހައްގުތަކަށް އިސްކަންދީފައިވާ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.
ރައީސް ސޯލިހު ވިދާޅުވީ ފަރުދީ ގޮތުން ރައްޔިތުންނަށް ހިދުމަތް ކުރުމަށް އޮތް ކޮންމެ ފުރުސަތެއްގެ ބޭނުން ސަރުކާރުން ހިފާފައިވާ ކަމަށާއި ވާޖިބު އަދާކުރުމުގައި އިންސާފުވެރި އޯގާތެރި ހެޔޮވެރިކަމެއް ހުރިހާ ރައްޔިތުންނަށް ކޮށްދިނުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ މައުނަވީ ގޮތެއްގައި ދެމެހެއްޓެނިވި މަސްވެރި ސިނާއަތެއް ކުރިއެރުވުމަށް މީގެ ކުރިން ދެވިފައި އޮތް ސަމާލުކަން ކުޑަ ކަމަށާއި ނަމަވެސް މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި އެ ސިނާއަތް ކުރިއެރުވުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި ބާނާ މަހަށް އެކުވި އަގެއް ލިއްބައިދެވޭނެ ވެލިއުއެޑެޑް އުފެއްދުންތަކެއްގެ ގޮތުގައި މަސް އެކްސްޕޯޓް ކުރުމަށް ބޭނުންވާ ކަންކަން އެދަނީ ނިމެމުން ކަމަށާއި މަސައްކަތްކުރެއްވީ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދީ، މަސްވެރިންނަށް ލިބޭ ނަފާ އިތުރުކުރެވޭނެ ގޮތްތައް ހޯދައިދިނުމަށް ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.