އިޒްރޭލުން އެއްގަމު މަގުން ގާޒާއަށް އަރާ މައިގަނޑު ހުރިހާ ހޮސްޕިޓަލެއް ވަށާލާފައި ވާ އިރު, ދުރުގައި ތިބެގެން އަމާޒަށް ބަޑިޖަހާ ސްނައިޕަރުން ބޭނުން ކޮށްގެން އަލް ގުދުސް ހޮސްޕިޓަލްގެ އައިސީޔޫގައި ތިބި މީހުންގެ ތެރެއިން އެކަކު ޝަހީދު ކޮށްލައި 20 މީހަކު ޒަހަމް ކޮށްލައިފިއެވެ.
ފަލަސްތީނުގެ ރެޑް ކްރެސެންޓުން ބުނީ, މިހަމަލާ ދިން އިރު އައިސީޔޫ ފުރެންދެން މީހުން ތިބި ކަމަށާއި ހަމަލާ ދީފައި ވަނީ ދުރުގައި ތިބެގެން އަމާޒަށް ބަޑިޖަހާ ސްނައިޕަރުން ކަމަށެވެ. ފަހަރަކު މީހަކަށް އަމާޒު ކޮށް ދިން ހަމަލާ ތަކުގައި އެކަކު ޝަހީދު ވި އިރު 20 މީހަކު ޒަހަމްވިއެވެ. މިއީ ގަސްދުގައި މީހުން މެރުމަށް އިޒްރޭލުން ހިންގި ނުބައި ޖަރީމާއެއް ކަމަށް މުރާސިލުންވެސް ވަނީ ބުނެފައެވެ.
ގާޒާގެ މެދުތެރެއާއި އެންމެ އުތުރު ބިތުގައި ހުންނަ ހޮސްޕިޓަލްތައް ވަށާލައި ހޮސްޕިޓަލަށް އަމާޒު ކޮށް އެކިވަރުގެ ހަމަލާތައް ދެމުން ގެންދާ އިރު, އިދާރާތަކުން ބުނީ, 35 ހޮސްޕިޓަލެއްގެ ތެރެއިން 20 ތަނެއް ހަލާކުކޮށްލައި ހިދުމަތް ހުއްޓިފައި ވާ އިރު ދެން ހުރި ތަންތަނުގެ ތެރޭގައި ޖުމްލަ 120,000 މީހުން އެބަތިބި ކަމަށެވެ. އޭގެ ތެރެއިން އެންމެ ބޮޑޫ ހޮސްޕިޓަލް, އަލް ޝިފާ ގައި އެކަނި 50,000 މީހުން ހިޔާވަހިކަން ހޯދައިގެން އެބަތިބިކަމަށް ވެސް ބުނެފައި ވެއެވެ.
އިންސާނީ ނަސްލެއް ނައްތާލުމުގެ ނުބައި ޖަރީމާއެއް އިޒްރޭލުން ހިންގާ އިރު, ގަތަރު ޔުނިވާސިޓީގެ ޕްރޮފެސަރުން ބުނީ, އިޒްރޭލުން ގާޒާ އަށް ހަމަލާ ދެމުން ގެންދާ ފުޅާ މިނަށް ބަލާއިރު އެއީ ދުޝްމަނުން [ހަމާސް] ނައްތާލުމަށް ހިންގާ ހަނގުރާމައަކަށް ވުރެ ބޮޑަށް ގާޒާ އެކީ އެކަށް ހުސްކޮށްލުމަށް ހިންގާ ހަނގުރާމައެއް ކަމަށެވެ. އެއްވެސް ހަނގުރާމައެއްގައި މުޅިތަން ތަޅާ ސުންނާފަތި ކުރަމުން ދާނަމަ އެއީ އެތަނެއް އެއްކޮށް ނައްތާލުމަށް ހިންގާ އުދުވާނެއްކަން ތާރީހުން ފެންނަން އޮތް ކަމަށާއި ގާޒާގައި އިޒްރޭލުން އެ ހިންގަނީ އެފަދަ އުދުވާނެއް ކަމަށް ވެސް ބުނެފައި ވެއެވެ.
އަދި ހަނގުރާމަ އަށް ފަހު ގާޒާ އޮންނާނެ ގޮތާއި އެތާނގައި ދިގުދެމިގެން ދާ ޔަހޫދީ އަސްކަރީ ބާރު އޮންނާނެ ކަމަށް މިރޭވެސް ނަތަންޔާހޫ ބުނެފައި ވާ ބުނުން ތަކުރާރު ކުރަމުން ޕްރޮފެސަރުން ބުނީ, އެއީ އިޒްރޭލުން ގާޒާ އަޅުވެތި ކޮށް އެތަން އަތްދަށުލާނެ ކަމުގެ ފުރިހަމަ ދަލީލެއް ކަމަށެވެ.
އިޒްރޭލުން އެހެން ބުނާ އިރު އެމެރިކާއިން ބުނަމުން ދަނީ އިޒްރޭލުން ގާޒާ ހިފައިގެން ނުތިބެވޭނެ ކަމަށާއި އެތަނުން ހަމާސް ނައްތާލުމަށް ފަހު ސަލާމަތީ ކަންކަން ބަލަހައްޓަން ފައުޖެއް ގާއިމުވެގެން ދިބެދާނެ ކަމަށެވެ.
އިޒްރޭލުން ގާޒާގެ އެތަން މިތަނަށް ބޮން އަޅާ މިސައިލް ހަމަލާ ދީ އަދި ޓޭންކަރުތަކުން ހަމަލާ ދެމުން ގެންދާ އިރު, ގިނަ އަދަދެއްގެ ބަޔަކު ހިޔާވަހިކަން ހޯދައިގެން ތިބި އަލް ބުރާގު ސްކޫލަށް ބޮން އަޅާ މިރޭ ވަނީ 50 މީހަކު ޝަހީދު ކޮށްލާފައެވެ. މުޅި ސްކޫލު ފުނޑުފުނޑު ވެފައި ވާ އިރު ގާކުނޑިތަކުގެ ދަށުގައި އެތައް ސަތޭކަ ބަޔަކު އަދިވެސް ވާނެ ކަމަށް އޮފިޝަލުން ބުނެއެވެ.
މި އަދަދުތަކާއެކު ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 11,078 އަށް އަރާފައެވެ. އޭގެ ތެރޭގައި 4,506 ކުޑަކުދިން ހިމެނެއެވެ. 35 ހޮސްޕިޓަލްގެ ތެރެއިން 21 ހޮސްޕިޓަލެއް ވަނީ އެއްކޮށް ފުނޑުފުނޑު ކޮށްލާފައެވެ. އަމާން ވާނެ ކަމަށް ބުނެ 4 ގަޑިއިރުގެ މުހުލަތެއް ދިނުމަށް ފަހު ސަލާހް އަލް ދީން ސްޓްރީޓުން ދަތުރު ކުރަމުން ދިޔަ ބައެއްގެ ގަޔަށް ބޮން އަޅާ މިއަދުވެސް ބަޔަކު ޝަހީދު ކޮށްލިއެވެ.
އިޒްރޭލުން ބުނީ, ހަމަލާތައް ފެށިފަހުން މިހާތަނަށް ގާޒާގެ 15,000 ތަނަކަށް ބޮން އަޅާފައި ވާ ކަމަށާއި އެއްގަމު މަގުން ހިންގާ އޮޕަރޭޝަންގައި ހަމާސް އިން ބޭނުން ކުރާ 6000 އަށް ވުރެ ގިނަ ހަތިޔާރުވެސް ފެނިފައި ވާ ކަމަށެވެ.
އަލް ޝިފާ ހޮސްޕިޓަލްގައި ވޮލަންޓިއަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ނޯވޭގެ ޑޮކްޓަރު މެޑސް ގިލްބާޓް މިރޭ ވިދާޅުވީ, ޒަހަމްވެފައި ތިބި މީހުން ގިނަ ކަމަށާއި ފަރުވާދެވޭނެ ވަސީލަތްތައް ހުސްވެ, ހަދާނެ ގޮތް ހުސްވަމުން ދާ ކަމަށެވެ. އަދި 50,000 އެއްހާ މީހުން ހޮސްޕިޓަލްގައި ތިބި އިރު, ބޭރަށް ހިންގުމާއި, ފާނަބަސަންދު ވެސް ފެތުރެމުން އަންނަ ކަމަށާއި ޒަހަމްތަކާއެކު ތިބި ގިނަ ބައެއްގެ ހަށިގަނޑުގެ ބޮޑެތި ފާރުގަނޑުތައް ހުރި އިރު އެތަންތަން ފެހޭނެ ގޮތެއްވެސް އަދި އައްސި ކުރެވޭނެ ގޮތެއް ވެސް ނެތި އިންފެކްޝަން އުފެދެމުން އަންނަ ކަމަށެވެ.
"ފަލަސްތީނަށް ނިސްބަތްވާ ކޮންމެ އެއްޗަކަށް އިޒްރޭލުން ދަނީ ހަމަލާ ދެމުން, ހޮސްޕިޓަލެއް, މިސްކިތެއް, ސްކޫލެއް, ޗާޗެއް, އެބްމިއުލާންސެއް, އާންމުންގެ މީހެއް ނުބަލާ, މިއީ އިންސާނުންގެ އަގު ވަޒަން ނުކުރާ ހައްދުފަހަނައަޅާފައިވާ ބަޔަކު ނޫނީ ހިންގާނެ ފަދަ ޖަރީމާއެއް ނޫން"
އޭނާ ސުޥާލު އުފައްދަވާ އިތުރަށް ވިދާޅުވީ, "މިއީ ޔޫރަޕު ނުވަތަ އެމެރިކާގެ ނަސްލުގެ ދޮން މީހުނަށް ފަރުވާ ދޭ ހޮސްޕިޓަލެއް ނަމަ އެމީހުން މިކަން ގަބޫލު ކުރާނެ" ހެއްޔެވެ. ޔަގީނުންވެސް ގަބޫލު ނުކުރާނެ ކަމަށާއި މިއީ އެއް އަތަކަށް ޖެހިފައިވާ ހުޅަނގުގެ ސިޔާސަތުގެ ދަށުން ހިންގާ ޖަރީމާއެއް ނޫންކަމަކަށް ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އިޒްރޭލުގެ ހަމަލާތަކާ ގުޅިގެން މިއަދުވެސް އެމެރިކާގެ ހާރިޖީ ވަޒީރު ވިދާޅުވީ, 4 ގަޑިއިރަށް ހަމަލާ ހުއްޓާލުމަކީ ހެޔޮ ބަދަލެއް ކަމަށާއި ނަމަވެސް އެއްކޮށް ހަމަލާތައް ހުއްޓާނުލާނެ ކަމަށެވެ. އަދި އިޒްރޭލަށް އަމިއްލަ ދިފާއުގައި އެ އޮޕަރޭޝަން ކުރިއަށް ގެންދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.